ހުރިހާ ފޯނުތަކާއި އެހެން އިލެކްޓްރޯނިކްތަކުގައި ސީޕޮޓުގެ ޗާޖަރު ބޭނުން ކުރެވޭ ގޮތް މަޖުބޫރު ކުރަން ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ބޮޑީއެއް ކަމަށްވާ ޔޫރަޕިއަން ކޮމިޝަނުން ނިންމައިފިއެވެ.
އެ ޖަމިއްޔާ ހުށަހަޅާ މި ބަދަލާއެކު އެޕަލް ބްރޭންޑުތަކުގެ އުފެއްދުންތަކުގެ ޗާޖަރުތައް ވެސް ސީޕޮޓަށް ބަދަލު ކުރަން ޖެހޭނެއެވެ. މިހާރު އެޕަލް ނޫން އެހެން ހުރިހާ ބްރޭންޑުތަކުގެ ބައެއް އުފެއްދުންތަކުގައި ސީޕޮޓު ޗާޖަރު ބޭނުން ކުރެއެވެ.
ޔޫރަޕިއަން ކޮމިޝަނުން ބުނިގޮތުގައި މިއީ އިސްރާފު ކުރުން މަދު ކުރުމަށް ގެންނަ ބަދަލެއް ކަމަށެވެ. އެގޮތުން، އާ އިލެކްޓްރޯނިކް ޑިވައިސްއެއް ގަތަސް ސީޕޮޓުގެ ޗާޖަރު ބޭނުން ކުރެވޭނަމަ ކުރިން ގެންގުޅުނު ޗާޖަރު ބޭނުން ކުރެވޭނެ ކަމަށް އެ ޖަމިއްޔައިން ބުނެއެވެ.
ފަހަކަށް އައިސް ދުނިޔޭގެ އެންމެ ބޮޑު ދެ ބްރޭންޑު ކަމަށްވާ އެޕަލް އާއި ސެމްސަންގުން ފޯނުތައް ނެރެނީ ޗާޖަރާ ނުލައެވެ. އެހެންކަމުން ޗާޖަރު ޖެހެނީ ވަކިން ގަންނާށެވެ. ނަމަވެސް އީޔޫއިން ގެންނަން ބޭނުންވާ ބަދަލާއެކު ހުރިހާ ޑިވައިސެއްގައި އެއް ޗާޖަރު ބޭނުން ކުރެވޭނެއެވެ.
މި ޕްރޮޕޯސަލްގައި ސީޕޮޓު ޗާޖަރުތައް ހިމެނުމުގެ އިތުރުން ފޯނުތަކާއި ޓެބްލެޓުތަކާއި ހެޑްފޯނާއި ވީޑިއޯ ގޭމާއި ކެމެރާ އަދި ސްޕީކަރު ފަދަ ތަކެތތި ޗާޖު ވާނެ އިރު ހާމަކޮށް ކަސްޓަމަރުންނަށް އަންގަން ޖެހޭނެއެވެ. އަދި އެ ގަންނަ ޑިވައިސަކާ އެންމެ ގުޅޭނީ ކޮން ސްޓެންޑަޑެއްގެ ޗާޖަރެއްކަން ވެސް ކަސްޓަމަރުންނަށް ކިޔައިދޭން ޖެހޭނެއެވެ.
މި ޕްރޮޕޯސަލް ގަވާއިދަކަސް ހެދޭނީ ޔޫރަޕިއަން މަޖިލީހުގައި ވޯޓެއް ނެގުމަށްފަހުއެވެ. އަދި މި ގަވާއިދު ފާސްވުމުން ހުރިހާ ކުންފުންޏަކަށް 24 މަސް ބަދަލުތައް ގެންނަން ދޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!