ޅ. ކަނުހުރާގައި ތަރައްގީކޮށްފައިވާ ރިސޯޓު ސިކްސް ސެންސަސް ގެ ދަށުން އަންނަ އަހަރު ހުޅުވަން ނިންމައިފިއެވެ.

މިއީ ސިކްސް ސެންސަސް ބްރޭންޑުގެ ދަށުން ރާއްޖޭގައި ހުޅުވާ ދެވަނަ ރިސޯޓެވެ. މި ރިސޯޓު ހުޅުވާނީ އަންނަ އަހަރުގެ ފަހުކޮޅުކަމަށް އެ ކުންފުނިން ބުނެއެވެ.

Ad
rt

ކަނުހުރާ ރިސޯޓާ ސިކްސް ސެންސަސް އިން މިހާރު ހަވާލުވެފައިވާއިރު ކުރިން އެ ރިސޯޓު ހިންގީ މޮރިޝަސްގެ ސަން ރިސޯޓްސް އިންނެވެ. ނަމަވެސް ސިންގަޕޫރުގެ ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑް (އެޗްޕީއެލް) އިން ވަނީ މި އަހަރުގެ ކުރީކޮޅު ކަނުހުރާ ގަނެފައެވެ.

މިހާރު މި ރިސޯޓު ހިންގަނީ ކަނުހުރާ މޯލްޑިވްސްގެ ނަމުގައެވެ. މިހާރުވެސް ހިދުމަތް ދެމުން އަންނަ މި ރިސޯޓު ސިކްސް ސެންސަސްގެ ދަށުން ހުޅުވާނީ ބޮޑެތު ބަދަލުތަކެއް ގެނައުމަށްފަހު ކަމަށް ސިކްސް ސެންސަސް އިން ވަނީ ބުނެފައެވެ.

ކަނުހުރާއަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ވޯޓާ ވިލާތަކުގައި ޕްރައިވެޓް ޕޫލް ހިމެނުމާއި ފެމިލީ ވިލާތައް ހެދުމާއި ވެލްނެސް ހިދުމަތް ތައާރަފު ކުރުން ހިމެނެއެވެ.