ޔުނައިޓެޑް ނޭޝަންސްގެ ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ) ގެ ދެކުނު އޭޝިއާ ކޮމިޝަނުގެ ރިޔާސަތައް ރާއްޖެ ދެވަނަ ދައުރަކަށް ހޮވައިފިއެވެ.
ރާއްޖެ މި މަގާމަށް ހޮވާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ 58ވަނަ ބައްދަލުވުމުގައެވެ. މިއާއެކު ކުރިއަށް އޮތް ދެ އަހަރު ދުވަހު ދެކުނު އޭޝިއާ ކޮމިޝަނުގެ ރިޔާސަތު ބަލަހައްޓާނީ ވެސް ރާއްޖޭންނެވެ.
މި ބައްދަލުވުމުގަ އެ ކޮމިޝަނުގެ ރިޔާސަތައް ރާއްޖެ ހޮވާފައިވާއިރު ވައިސް ޗެއާގެ މަގާމަށް ބަންގްލަދޭޝާއި އީރާން ވަނީ ހޮވާފައެވެ.
މީގެ އިތުރުން އެ ޖަމިއްޔާގެ ޖެނެރަލް އެސެމްލީގެ ނައިބަކަށް އިންޑިއާ އަދި ކްރެޑެންޝިއަލްސް ކޮމިޓީއަަށް ބޫޓާން ހޮވާފައިވާއިރު މި ސަރަހައްދަށް ކަނޑައަޅައިފައި ހުންނަ އެގްޒެކެޓިވް ކައުންސިލްގެ ދެ ގޮނޑިއަށް އީރާނާއި އިންޑިއާ ވަނީ ހޮވިފައެވެ.
އދ. ގެ ގުނަވަނެއްގެ ގޮތުގައި ހަރަކާތްތެރިވާ ޔޫއެންޑަބްލިޔުޓީއޯގެ ހިންގުން ބިނާކޮށްފައިވަނީ ދުނިޔޭގެ ހަ ސަރަހައްދަކަށް ކަނޑައަޅާފައިވާ ކޮމިޝަންތަކުންނެވެ. މި ކޮމިޝަނުގެ މައިގަނޑު މަސައްކަތަކީ ޓޫރިޒަމް ދާއިރާ އެ ސަރަހައްދެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމާއި ކުރިމަތިވާ އެކި ދަތިތަކަށް ގުޅިގެން ހައްލު ހޯދުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!