ހުޅުމާލެ ޖަލުގައި ޤައިދީއެއް ނިޔާވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވިދާޅުވީ އެމީހާ އަކީ ތިން އަހަރުގެެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދިޔަ ގދ. ވާދޫ/ ޖަނަވަރީގެ މުޙައްމަދު އަސްލަމް (40 އަހަރު) ކަމަށެވެ. އަސްލަމް ނިޔާވީ މިރޭ ގެ ވަގުތެއްގަ އެވެ.

Ad
rt

ކަރެކްޝަނަލް ސަރވިސް މިކަމާއު ގުޅިގެން ވިދާޅުވެފައިވަނީ، އޭނާ މިރޭ ގާތްގަނޑަކަށް 6:00 އެހާ އިރު ޔާޑު ސަރަހައްދުގައި އިށީދެގެން އިންދާ ކުއްލިއަކަށް ވެއްޓުމާ ގުޅިގެން ވަނީ އެމަޖެންސީ ހާލަތުގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ.

"ހޮސްޕިޓަލުން ބެލުމަށްފަހު އޭނާ މިރޭ 20:23 ގައި ނިޔާވެފައިވާ ކަމަށް ވަނީ މައުލޫމާތު ދީފަ"

ކަރެކްޝަނަލް ސަރވިސް އިން ވިދާޅުވެފައިވެއެވެ.

މުޙައްމަދު އަސްލަމަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޛުކުރަމުންދިޔަ ފަރާތެއްކަމަށާއި ނިޔާވިއިރު އޭނާއަކީ ބޮޑު ބައްޔަކަށް ބޭސްފަރުވާ ކުރަމުންދިޔަ ފަރާތެއް ނޫންކަމަށް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެފައިވެއެވެ.

"މުޙައްމަދު އަސްލަމް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމާ ގުޅިގެން މިސަރވިސްއިން ވަނީ ވަގުތުން އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް އަންގާފަ"

ކަރެކްޝަނަލް ސަރވިސް އިން ވިދާޅުވެފައިވެއެވެ.

އެ މައްޔިތާގެ ޖަނާޒާގެ ކަންތައްތައް ޢާއިލާއާ ގުޅިގެން ކުރިއަށް ގެންދާކަމަށް ކަރެކްޝަން އިން މަޢުލޫމާތު ދެއެވެ.