ރަސްދޫގައި ހަދަމުންދާ ޒަމާނީ އިންޖީނުގޭގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ރަސްދޫގައި އިމާރާތް ކުރާ ޒަމާނީ އައު އިންޖީނުގޭގެ އަމަލީ މަސައްކަތް ފަށާފައިވަނީ ޖުލައި މަހުގެ ތެރޭގައެވެ. މި އިންޖީނުގޭގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމާލުމަށް އަމާޒުހިފާފައިވާއިރު، އެކި ފަންތިއާއި ގިންތީގެ ގެސްޓްހައުސްތައް ހިންގަމުން ގެންދާ ރަސްދޫއަށް އަންނަމުންދާ ތަރައްގީއާއި އެއްވަރަށް އަދި އެ ރަށުގެ މަތިވަމުންދާ ލޯޑަށް ކޭޓާ ކުރުމަށްޓަކައި މއަބަދުވެސް މަސައްކަތްކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

Ad
rt

މިވަގުތު ރަސްދޫގައި ހިދުމަތް ދެމުންގެންދަނީ 754 ކިލޯވޮޓްގެ ކެޕޭސިޓީއާއެކު، އެ އިންޖީނުގެއަކީ ކުރިޔަށް އޮތްތަނުގައި ރަސްދޫއަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދެވޭ ވަރަށްވުރެ ޖާގައިގެ ގޮތުން ކުޑަ ތަނެއް ކަމަށާއި، އެއާއެކު، މިހާރު އިމާރާތް ކުރެވެމުންދާ އިންޖީނުގެއަކީ 5 މެގަވޮޓްގެ ކެޕޭސީޓީއެއް ބިލްޑް ކުރެވޭގޮތަށް ފަރުމާކޮށްފައިވާ އިންޖީނުގެއެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އިންޖީނުގެ އިމާރާތް ކުރެވެމުންދަނީ ހިދުމަތައް ބުރޫ ނާރާގޮތަށް މިހާރުގެ އިންޖީނުގެ ހުރިތަނުގައި ކަމަށް ވެސް ބުނެފައިވެއެވެ.

ސްޓެލްކޯއިން ބުނީ ރަސްދޫގައި އަލަށް އިމާރާތް ކުރަމުންގެންދާ އިންޖީނުގެ އަކީ ވެންޓިލޭޝަން ރަނގަޅު، އުސްކޮށް އިމާރާތް ކުރެވޭ ޒަމާނީ ފެންވަރުގެ ތަނަކަށްވެގެންދާނެ ކަމަށެވެ. މީގެ އިތުރުން މި އައު އިންޖީނުގެ ވެގެންދާނީ، އަޑު މަޑު، ތިމާވެއްޓާއި ރައްޓެހި ތަނަކަށް ކަމަށެވެ. އެގޮތުން އިންޖީނުގެއަށް ބޭނުންވާ ކަރަންޓު އުފައްދައިދޭނީ އިންޖީނުގޭގައި ހަރުކުރާ ސޯލާ ޕެނަލްތަކުން ކަމަށާއި އޮންލައިން މޮނިޓަރިންގ އާއި، ޓެކްނިކަލް ސަޕޯޓްގެ އިތުރުން، އައު އިންޖީނުގެ ވެގެންދާނީ މުވައްޒަފުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލަކަށް ކަމަށް ވެސް ބުނެފައިވެއެވެ.

ސްޓެލްކޯއިން ބުނީ އެކުންފުނީގެ އުއްމީދަކީ އައު އަހަރާއެކު އިފްތިތާހު ކުރެވިގެންދާނެ މި އައު އިންޖީނުގެއާއެކު، ރަސްދޫއަށް ބާރު ދުވެލީގައި ސަރުކާރުން ގެންނަމުންދާ ތަރައްގީއާއި، ލޯކަލް ޓުއަރިޒަމް ވިޔަފާރިއަށް އިތުރު ތަރައްގީއާއި، ކުރިއެރުން ލިބި، ރައްޔިތުންނަށް މަންފާކުރަނިވި، ރަނގަޅު ހިދުމަތެއް މިކުންފުނިން ރަސްދޫގައި ދެވިގެންދިއުން ކަމަށެވެ.