އެމްޕީއެލް އިން ސްޕޮންސާ ކުރާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ކުންފުނިން މިއަދު ނެރުނު އިއުލާނެއްގައި ވަނީ ފަސް ކޯހަކަށް ވަނުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެއީ ބޭރު ގައުމުގައި ކިޔެވުމުގެ ހަތަރު ފުރުސަތާއި ރާއްޖޭގައިކިޔެވުމުގެ އެއް ފުރުސަތެވެ. މި ކޯސްތަކަށް އެދި އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭނެއެވެ.
އެމްޕީއެލް އިން ފުރުސަތު ހުޅުވާލި ކޯސްތައް
- މެރިޓައިމް އެންޑް ލޮޖިސްޓިކްގެ ޑިގްރީ
- މެރިޓައިމް އޮޕަރޭޝަންސްގެ ޑިގްރީ
- ނޭވަލް އާކިޓެކްޗާގެ ޑިގްރީ
- އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތުގެ ޑިގްރީ
- އޭސީސީއޭ
މި ކޯސްތަކުގެ ތެރެއިން އޭސީސީއޭ އަކީ ރާއްޖޭން ހެދޭނެ ހަމައެކަނި ކޯހެވެ. މި ކޯހަށް ދެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
މި ކޯސްތަކަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރު ނުވާ ޒުވާނުންނަށެވެ. މި ކޯހިގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ އެމްޕީއެލް އިންނެވެ.
އެމްޕީއެލް އިން ބުނެފައިވާ ގޮތުގައި ރާއްޖޭން ބޭރުގެ ކޯސްތަކަށް ހޮވޭ ކެނޑިޑޭޓުންނަށް އެ ކޯސް ހިންގާ ގައުމެއްގައި ކަނޑައަޅާފައިވާ ރޭޓުން ކޯހުގައި ހުންނަ މުއްދަތުގައިޓިއުޝަން ފީ އާއި ކޮންމެ އަހަރަކު ދެކޮޅު ޓިކެޓާއި “ސްޓައިޕަންޑް" އާއި “އެސްޓެބްލިޝްމަންޓް އެލަވަންސް" އާއި "ބުކް އެލަވަންސް" އަދި "ޑިޕާޗާ އެލަވަންސް" ދޭނެއެވެ.
މި ފުރުސަތުގެ ދަށުން ހޮވޭ ދަރިވަރުން ކިޔަވަން ފަށާނީ އަންނަ އަހަރުގެ އިންޓޭކުތަކުގައެވެ. ކޯސް ލިބުމުން، ކޯސް ފަށަން ދެން އެމްޕީއެލްގައި އެޕްރެންޓިސްއެއްގެގޮތުގައި މަސައްކަތް ކުރަން ޖެހޭނެއެވެ. މި މުއްދަތުގައި ކޮންމެ ކެންޑިޑޭޓަކަށް ވެސް އެލަވެސެއް ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!