އިކޮނޮމިކް މިނިސްޓްރީގެ ވިޔަފާރި ޕޯޓަލް މެދުވެރިކޮށް ބިޒްނަސް ވިސާއަށް އެދެން ޖެހޭގޮތަށް ބިޒްނަސް ވިސާގެ ގަވާއިދަށް ބަދަލު ގެނެސްފިއެވެ.

އެ މިނިސްޓްރީން ނެރުނު ގަވާއިދުގައި ބުނެފައިވާގޮތުގައި ބިޒްނަސް ވިސާއަށް އެދި ހުށަހެޅުމުން ދެން ވިސާގެ ހުއްދަ ދޭނީ ރަޖިސްޓްރާ އޮފް ބިޒްނަސް އިންނެވެ. އަދި ރަޖިސްޓްރާ އޮފް ބިޒްނަސް ހުއްދަ ދިނުމުން އިތުރު ޝަރުތަކާ ނުލައި އިމިގްރޭޝަނުން ވިސާ ދޭން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

Ad
rt

ކުރިން ބިޒްނަސް ވިސާއަށް އެދި ހުށަހަޅަން ޖެހޭނީ އިމިގްރޭޝަނަށެވެ. އަދި ވިސާ ދޫކުރާ މީހުން ކަނޑައެޅުމުގެ ބާރުވެސް އޮންނަނީ ކޮންޓްރޯލާ ޖެނެރަލް އަށެވެ.

މިހާރުވެސް އިމިގްރޭޝަނާ ބެހޭ ގާނޫނުގެ އަށްވަނަ މާއްދާގައި ހިމެނޭ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު ވިސާ ދޫނުކުރުމުގެ އިހުތިޔާރު ކޮންޓްރޯލާ ޖެނެރަލް އަށްލިބެއެވެ.

ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށް އެއްވެސް ގައުމަކާއެކު ބިޒްނަސް ވިސާ ދޫކުރުމުގައި އަމަލުކުރާނެ އުސޫލެއް ސަރުކާރުން ކަނޑައަޅާފައިވާ ނަމަ އެ އުސޫލުގެ ދަށުންއެއްވެސް ހުރަހެއް ނެތި އަމަލު ކުރެވޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީގެ ގަވާއިދުގައި ވަނީ ބުނެފައެވެ.

ބިޒްނަސް ވިސާއަށް އެދި ހުށަހަޅާ މީހުންނަށް ވިސާ ދޫކުރަނީ އެޕްލިކޭޝަން ބަލައިގަންނަތާ 10 ދުވަހުގެ ތެރޭގައެވެ.