މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ކުރިއަށްގެންދާ ރޯޑްޝޯގައި ބައިވެރިވެގެން ބައިސްކަލެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއަދާ މާދަމާ ހެނފުނު 9:00ން މެންދުރު 3:00އަށް މި ރޯޑްޝޯ ކުރިއަށްދަނީ ފެންބިލްޑިން ކުރިމަތީގައެވެ.
މިއީ އެމްޑަބްލިއުއެސްސީން ދޭ ހިދުމަތްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދީ، ކަސްޓަމަރުންގެ ހުރި ސުވާލުތަކަށް ޖަވާބު ދިނުމަށް ބާއްވާ ހަރަކާތެކެވެ.
މި ހަރަކާތުގައިބައިވެރިވާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް "މިއުރާ ޑުއޯމެކްސް ޕީ3100" ބައިސްކަލެއް ލިބޭނެއެވެ.
ބައިސްކަލު ލިބޭ ލަކީޑްރޯގައި ބައިވެރިވެވޭނީ ރޯޑްޝޯގައި ބައިވެރިވާ މީހުންގެ ތެރެއިން އެމްޑަބްލިއުއެސްސީއާ ގުޅޭގޮތުން ކުރާ ސުވާލަށް ރަނގަޅު ޖަވާބު ދޭމީހުންނަށެވެ.
ބައިސްކަލުގެ އިތުރުން ވެސް މި ރޯޑްޝޯގައި ބައިވެރިވާ މީހުންނަށް ތަފާތު އިނާމުތައް ލިބޭނެއެވެ.
އެގޮތުން އެމްޑަބްލިއުއެސްސީ އިންސްޓަގްރާމް ޕޭޖު ފޮލޯކޮށް،ރޯޑްޝޯގައި ބައިވެރިވާ ފޮޓޯއެއް ހިއްސާ ކޮށްގެން އަދި އެ ކުންފުނީގެ ވައިބާ ކޮމިއުނިޓީއާ ގުޅިގެން ގިފްޓް ޕެކާއި ކަޕްކޭކް ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!