ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޗޭންޖް އެންޑީއޭ ޕެޓިޝަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ރިހެބިލިޓޭޝަން ސެންޓަރުތަކަށް ޒިޔާރަތްކުރަން ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން މައްސަލަ ބަލަން ފެށީ މާޗު މަހުގެ 31 ވަނަ ދުވަހުއެވެ.
އެ މައްސަލައާ ގުޅިގެން ކޮމިޓީން ނެރުނު ބަޔާނުގައި ބުނީ ޕެޓިޝަންގެ މަސައްކަތް ކުރިއަށްދާ ގޮތާ މެދު ކޮމިޓީގެ މެމްބަރުންގެ މެދުގައި މަޝްވަރާކުރުމަށް ފަހު އެންޑީއޭއަށާއި، އޭގެ ދަށުން ހިންގަމުން އަންނަ ރިހެބް ސެންޓަރުތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ ހާލަތު ދެނެގަތުމުގެ މަސައްކަތްކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ހުޅުމާލޭގައި ހުރި ހާފްވޭ ހައުސްއަށާއި، ގދ. ތިނަދޫ، ޏ. ފުވައްމުލައް، ސ. ހިތަދޫ، ހދ. ހަނިމާދޫ އަދި ކ. ހިންމަފުށީގައި ގާއިމްކޮށްފައިވާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތަކަށް މިހާރު ޒިޔާރަތްކޮށްފައިވާ ކަމަށް ބަޔާނުގައިވެއެވެ.
މީގެ އިތުރަށް ކ. ގުޅީގައި ގާއިމްކޮށްފައިވާ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރަށާއި، މާލޭގަ ހުންނަ އެންޑީއޭގެ މައި މަރުކަޒަށް ޒިޔާރަތްކުރަން ނިންމާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ކޮމިޓީގެ ބަޔާނުގައި ބުނީ މަސްތުވާތަކެތީގެ މައްސަލަތަކަކީ މުޖުތަމައުއަށް ދިމާވެފައިވާ އެންމެ ބޮޑު އިޖްތިމާއީ މައްސަލަ ކަމަށާއި، މިކަމުގެ ސަބަބުން އާއިލާތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން އާއިލާތަކުން އިސްނަގައިގެން މަސައްކަތް ކުރާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!