ރާއްޖޭގެ ގެސްޓުހައުސްތަކާއި ސަފާރީތަކުގެ އިންޑަސްޓްރީ ކުރިއަރުވަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދެ މިލިއަން ޔޫރޯ (35 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ދޭން އެއްބަސްވެއްޖެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެހީވުމަށް ރާއްޖެއާއެކު ވި އެއްބަސްވުމުގައި އީޔޫގެ ފަރާތުން ސޮއިކުރެއްވީއެ އިއްތިހާދުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނިސްއެވެ.
މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ސޮއިކުރެއްވީ އެ ކުންފުނީގެމެނޭޖިން ޑިރެކްޓަރު ހަސަން މަނިކެވެ. މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސްބައިވެރިވެވަޑައިގަތެވެ.
މި އެއްބަސްވުމުގެ ދަށުން 1.4 މިލިއަން ޔޫރޯ (25.2 މިލިއަން ރުފިޔާ)ގެ އެހީ ދޭއިރު ފަންނީ އެހީތެރިކަމަށް 600،000 ޔޫރޯ (10 މިލިއަން ރުފިޔާ) ދޭނެ ކަމަަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. ފަންނީ ގޮތުން ދޭ އެހީއަކީ ވިޔަފާރިތައް ހިންގުމާއި ފައިނޭންސް މެނޭޖު ކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖު ކުރުމާއި ބައިނަލްއަގްވާމީ މާކެޓަށް ވަނުމަށް ބޭނުންވާ ތަމްރީން ދިނުމަށް ދޭ އެހީއެކެވެ.
މީގެ އިތުރުން މި އެހީގެ ދަށުން ފަރުމާ ކުރާ އޮންލައިން ޓްރެވަލް އެޖެންސީގެ ޒަރީއާ އިން ގެސްޓް ހައުސްތަކާއި ސަފާރީތައް އިޝްތިހާރު ކުރާނެއެވެ.
ފަތުރުވެރިކަމުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން އެހީ ދިނުމުގައި އިސްކަން ދޭނީ 40 އެނދަށް ވުރެ މަދުން ހުންނަ ސަފާރީ އާއި ގެސްޓްހައުސްތަކަށެވެ. އެހެންކަމުން މި ކެޓަގަރީއަށް ފެތޭ 600 އެއްހާ ވިޔަފާރިއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އީޔޫ އިން ވަނީ ލަފާ ކޮށްފަ އެވެ.
މި ފަންޑުގެ ދަށުން މާލީ އެހީތެރިކަން ބޭނުންވާ ގެސްޓް ހައުސްތަކާއި ސަފާރީތަކަށް އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށްއެމްއެފްއެމްސީން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!