ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަކީ ކަރަންޓުގެ ސިނާއަތަށް އަންހެނުން ނެރޭ، އަދި މި ސިނާއަތައް ނުކުތުމަށް އަންހެނުންނަށް ހިތްވަރުދޭ ކުންފުންޏެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

މުޣުނީ މިހެން ވިދާޅުވީ، ކަރަންޓުގެ ސިނާއަތުގައި ކަނބަލުންގެ ދައުރު އިތުރު ކުރުމަށް ސްޓެލްކޯއިން ކަނބަލުންނަށް ހާއްސަކޮށްގެން ހިންގި ނޭޝަނަލް ސެޓިފިކެޓް 3 އިން އިލެކްޓްރީޝަން ކޯހުގެ ނިންމުން ފާހަގަކޮށް، ދަސްވެނިވި ފަރާތްތަކަށް ސެޓިފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

Ad
rt

މުޣުނީ ވަނީ އެކޯސް ނިންމި ހުރިހާ ބައިވެރިންގެ ހިތްވަރު ފާހަގަކޮށް މަރުހަބާ ދަންނަވައިފައެވެ.

”ސްޓެލްކޯއަކީ މަސައްކަތްތެރި ޒުވާނުންތަކެއްގެ ހިދުމަތް ގައުމަށް ފޯރުކޮށްދޭ މުހިއްމު ޒިންމާތަކެއް އަދާ ކުރަމުންދާ ކުންފުންޏެއް. ތާރީހީ ގޮތުން ބަލާނަމަ މިސިނާއަތަކީ ފިރިހެނުން މަސައްކަތް ކުރަމުން ގެންދިޔަ ސިނާއަތެއް. އެހެން ނަމަވެސް މިއަދުގެ މެނޭޖްމަންޓާއެކު، މިކުންފުނި ވެފައިމިވަނީ މި ސިނާއަތަށްއަންހެނުން ނިކުތުމަށް ހިތްވަރުދޭ ކުންފުންޏަކަށް“ މުޣުނީ ވިދާޅުވިއެވެ.

މިއީ އަންހެނުންނަށް ހާއްސަކޮަށްގެން މިފަދަ ކޯހެއް ސްޓެލްކޯއިން ހިންގި ފުރަތަމަ ފަހަރެވެ. މި ކޯހުގައި ސްޓެލްކޯގެ އަންހެން މުވައްޒަފުންގެ އިތުރުންވެސް އެހެންބައިވެރިން ބައިވެރިވިއެވެ.

މުޣުނީ ވިދާޅުވީ ކޯހުގައި ސްޓެލްކޯގެ މުވައްޒަފުންގެ އިތުރުން އެހެން އަންހެނުން ބައިވެރިވުމަކީ މި ސިނާއަތުގައި މަސައްކަތް ކުރަން ޝައުގުވެރިވާ އަދި ދެ ޖިންސްގެޒުވާނުންނަށްވެސް ސްޓެލްކޯ ހުޅުވާލެވިފައިވާ ކަމުގެ ހެއްކެއް ކަމަށެވެ. އަދި މިކޯހުން ދަސްވެނިވި ފަރާތްތަކަކީ ހައުސް ވަޔަރިން ސެޓެފިކެޓް ހޯދުމުގެ ޝަރުތުހަމަވާ އަދިއެދާއިރާއިން އާމްދަނީ ހޯދުމުގެ ފުރުސަތުވެސް ތަނަވަސްވެފައިވާ ބައެއް ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވިދާޅުވީ، އެފަދަ މަސައްކަތްތަކަކީ އަންހެނުންގެބައިވެރިވުން ކުޑަ މަސައްކަތްތަކެއްގެ ގޮތުގައި ފާހަގަ ކުރެވޭ މަސައްކަތްތަކެއް ކަމަށެވެ. ނަމަވެސް، މި ކޯސް ނިންމި އަންހެނުން ވެގެންދާނީ މުސްތަގުބަލުގައި މިދާއިރާއަށް ނިކުންނަށް ބޭނުންވާ އަންހެނުންނަށް ހިތްވަރަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

”މިއީ ދެވަނަ ފަހަރު އަޅުގަނޑަށް ސްޓެލްކޯގެ މިފަދަ ހަފްލާއަކަށް ދައުވަތު ލިބުނު. މި ބިލްޑިން އަށް އަޅުގަނޑަށް ވަދެފައި ނިކުމެވެނީ ފަހުރުވެރިކަމާއެކު، އެއީ ކޮންމެފަހަރަކުވެސް އަޅުގަނޑަށް ބައިވެރިވެވެނީ ސްޓެލްކޯއިން އަންހެނުން ބާރުވެރިކުރުމަށް ކުރާ ކޮންމެވެސް މަސައްކަތެއްގައި“ ޖީހާން ވިދާޅުވިއެވެ.

ސްޓެލްކޯގެ މި ކޯހުގައި ޖުމްލަ 20 ފަރާތަކުން ބައިވެރިވެފައިވެއެވެ. އެހެން ނަމަވެސް ކޮވިޑާއި ގުޅިގެން ކުރިމަތިވި ހުރަސްތަކާއެކު އެ ކޯސް ފުރިހަމަ ކުރެވިފައިވަނީ މީގެތެރެއިން 10 ބައިވެރިއަކަށެވެ. އަދި އޭގެ ތެރެއިން ދަސްވެނިވެފައިވަނީ 8 ބައިވެރިއެކެވެ.

ކޯސް ނިންމި ބައިވެރިންގެ ފަރާތުން މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަރިޔަމް ލަޔާލް ވިދާޅުވީ، އެ ދާއިރާގައި މަސައްކަތް ކުރާ މީހެއްގެ ހައިސިއްޔަތުންއެކޯހުގައި ބައިވެރިވީ އެކަމަށް ހުންނަ ޝައުގެއްގެ ބޮޑުކަމުން ކަމަށެވެ. އަދި އެމަސައްކަތުގެ ހުނަރު އިތުރަށް ބިނާ ކުރުމުގެ މަގުސަދުގައި ކަމަށެވެ.