މާލޭގައި ސްޓްރީޓް ފުޑް ކޮންސެޕްޓަށް ތަނެއް ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހެންވޭރުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ މާލޭގައި ސްޓްރީޓް ފުޑް ލިބޭ ގޮތަށް ތަރައްގީކުރަން ނިންމާފައިވަނީ ދަރުބާރުގޭގެ އިރަށް އޮތް ހުސްބިމުގައި ކަމަށެވެ. އަދި މި ފަދަ ތަނެއް ހަދަން ޕްލޭން ކުރީ މާލޭގައި ދިރިއުޅޭ މީހުން ސްޓްރީޓް ފުޑް ބޭނުންވާތީ ކަމަށެވެ.
ސްޓްރީޓް ފުޑް ލިބޭ ގޮތަށް ތަނެއް ތަރައްގީކުރާނަމަ އެކަން ކުރާނީ ސިއްހީ އިދާރާތަކުން ގަބޫލުކުރާ ފެންވަރެއްގައި ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
"ތަންކޮޅެއް ކުރިން ގާޑިޔާތަކެއް ހިންގި ނަމަވެސް އަޅުގަނޑުމެން ދެކެނީ ތަރައްގީ ސިޓީތަކުގައި ހުންނަ ފެންވަރުގައި ސްޓްރީޓް ފުޑް ކޮންސެޕްޓް ގާއިމްކުރަން،" މުއިއްޒު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ ސްޓްރީޓް ފުޑް ލިބޭ ގޮތަށް ތަނެއް ތަރައްގީކުރާނަމަ އެތަނެއް ތަރައްގީކުރާނީ އާންމުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ ކަންތައްތަކެއްވެސް ހިމެނޭ ގޮތަށް ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!