މިހާރަކަށް އައިސް އެންމެ ތުއްތު ކުއްޖާއިން ފެށިގެން ބޮޑެތި މީހުންނާ ހަމައަށް އެންމެންވެސް ގިނަ ވަގުތު ހޭދަ ކުރަނީ ސްކްރީން ދޮށުގައެވެ. އެއީ ޓީވީ ބެލުން ކަމުގައި ވިޔަސް، ފޯނާ ކުޅުން ކަމުގައި ވިޔަސް އަދި ގޭމާއި ވީޑިއޯ ބެލުން ކަމުގައި ވިޔަސްމެއެވެ.

ތުއްތު ކުއްޖާ ރޯން ފެށުމުން މިހާރު ގިނަ ބެލެނެވެރިން ކުއްޖާއަށް ދައްކާލަނީ ފޯނުން ވީޑިއޯއެކެވެ. މީގެ ސަބަބުން ކުއްޖާއަށް ކުރާ އަސަރު ބަލައިލަނީ ކިތައް ބެލެނެވެރިންތޯއެވެ.

Ad
rt

ދުނިޔޭގެ އެތައް ގައުމެއްގެ ކުޑަކުދިން ހިމަނައިގެން އޮސްޓްރޭލިއާއިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ފިރިހެން ކުދިން ދުވާލަކު އެވްރެޖުކޮށް 6 ގަޑިއިރަށްވުރެ ގިނަ ވަގުތު ސްކްރީން ދޮށުގައި ހޭދަ ކުރާއިރު އަންހެން ކުދިން އެވްރެޖުކޮށް 5 ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަ ކުރެއެވެ.

ދިރާސާތަކުން އެނގިފައިވާ ގޮތުގައި ސްކްރީން ދޮށުގައި އެންމެ 2 ގަޑިއިރު ހޭދަ ކުރުމުން ވެސް ކުޑަ އަންހެން ކުއްޖެއްގެ ސިއްހަތަށް ގެއްލުން ލިބި ކުއްޖާ ބަލިކޮށްލައެވެ. އަދި ކުޑަ ފިރިހެން ކުއްޖަކަށް ސިއްހަތަށް ގެއްލުން ނުލިބި ސްކްރީން ދޮށުގައި ދުވާލަކު ހޭދަ ކުރެވޭނީ 4 ގަޑިއިރު ކަން ވަނީ މި ދިރާސާއިން ފާހަގަ ކުރެވިފައެވެ. އެހެންކަމުން 5 ގަޑިއިރަށް ވުރެ ގިނައިން ދުވާލަކު ސްކްރީން ދޮޑުގައި ވަގުތު ހޭދަ ކުރާ ކުދިންނަށް ލިބޭ ގެއްލުން ކިހާ ބޮޑު ވާނެ ބާއެވެ.

އޮސްތްރޭލިއާގެ މި ދިރާސާގައި 42 ގައުމަކުން 577،000 ކުޑަކުދިން ވަނީ ބައިވެރިވެފައެވެ. މި ދިރާސާއިން ދެއްކި ގޮތުގައި ކުދިން ގިނަ ވަގުތު ސްކްރީން ދޮށުގައި ވަގުތު ހޭދަ ކުރުމުން، ހަށިގަނޑު ވަރުބަލިވުމާއި ޑިޕްރެޝަން އާއި ލިޔެފައި ހުންނަ ތަކެތި ކިޔުމުގެ ގާބިލުކަން ދަށްވުން ފަދަ ކަންކަން ދިމާވެއެވެ.

ކުއީންސްލޭންޑް ޔުނިވާސިޓީގެ ބަޔޯސްޓެޓިސްޓިކް އެންޑް އެޕިޑެމިއޮލޮޖީ ގެ އެސޯސިއޭޓް ޕްރޮފެސަރު ޑރ. އަސަދުއްޒަމާން ޚާން ބުނިގޮތުގައި މިއީ "ބިރުވެރި" ކަމެކެވެ. އެނާ ބުނިގޮތުގައި މި ދިރާސާއަކީ ސްކްރީން ވަގުތަކީ ރަނގަޅު ގޮތުގައި ހޭދަ ކުރެވޭ ވަގުތެއްކަން ގަބޫލު ކުރާ ބެލެނެވެރިންނަށް "ވޭކް އަޕް ކޯލް" އެއް ކަމަށެވެ.