މާލޭގެ މަގުތަކުގެ ތޮއްޖެހުމާއި އުނދަގޫކަމަކީ ދެ މީހަކު ދެބަސްވާނެ ކަމެއް ނޫނެވެ. މާލޭގެ ދިރިއުޅޭ މީހުންގެ އާބާދީ އިންތިހާއަށް ބޮޑުވުމުގެ އިތުރުން، ދުއްވާ އެއްޗެތިން މާލެ މިއަދު އެވަނީ ބަރާވެފައެވެ.

މާލޭގެ ކޮންމެ މަގެއް އަދި ކޮންމެ ގޯޅިއެއްގެ ވެސް ބޮޑު ބައެއް މައިގަނޑު ގޮތެއްގައި މިއަދު ހިސޯރުކޮށްފައިވަނީ އެކި މީސްމީހުންގެ ބައިސިކަލްތަކާއި ސައިކަލްތަކާއި ކާރުތަކުންނެވެ. އެއިން ކޮންމެ މަގެއްގައި އަދި ކޮންމެ ގޯޅިއެއްގައި މި އެއްޗެތި ޕާކުކުރާނެ ޖާގަ ހަދަން ޖެހުމުގެ ނަތީޖާއަކީ އެ ތަންތަން އިތުރަށް ހަނިވެ، ހިނގާބިނގާވެ އުޅުމާއި، އެއްޗެތި ދުއްވުން ވެސް ބޮޑުވެގެންވާ ވޭނެއް ކަމުގައި ވެފައިވުމެވެ.

Ad
rt

މާލެއަށް މި ދެންނެވުނު ޙާލަތު ދިމާވެފައިވަނީ މާލޭގެ ގޯތިތަކާއި ސަރުކާރުގެ ޢިމާރާތްތަކާއި އަދި އެ ނޫން ވެސް އެކިއެކި ތަންތަން ހަދަމުންދިޔައިރު، ނުވަތަ ހަދަމުންދާއިރު އެއިން ގިނަ ތަންތަނުގެ އެތެރޭގައި ދުއްވާ އެއްޗެތި ޕާކުކުރުމަށް ސަމާލުކަން ދެވިފައި ނުވުމުންނެވެ. އަދި ތިމާ ދުއްވާ ބައިސިކަލާއި، ސައިކަލާއި، ކާރު ޕާކުކުރަން އޮތް ތަނަކީ ތިމާ ދިރިއުޅޭ ގޭގެ ދޮރުމަތީގެ ކުރިމަތިން މަގުމަތި ކަމުގައި އެންމެންނަށް ވެސް ހީވެފައި އޮތުމެވެ.

އެހެންނަމަވެސް، މިއީ މިއަދު ވިސްނައި ފިކުރުކުރަން ޖެހޭ ކަމެވެ. ވަކިން ޚާއްޞަކޮށް، މާލެއަށް ވެފައި އެ އޮތް ގޮތުން ޢިބްރަތް ޙާޞިލްކޮށް، ރަށްފުށުގައި މިކަން މިހެން ނުވާނެ ގޮތަކަށް މިހާރުއްސުރެ ފެށިގެން އަޅުގަނޑުމެންގެ ވިސްނުމާއި ދިރިއުޅުމުގެ ކަންކަން ބައްޓަންކުރަން ޖެހެއެވެ.

ރާއްޖޭގެ ގިނަ ރަށްރަށަށް ޢުމްރާނީ ތަރައްޤީތަކެއް މިހާރު މި ދަނީ އަންނަމުންނެވެ. އެ ގޮތުން މީސްމީހުންގެ ގޯތިތަކާއި ސަރުކާރުގެ ޢިމާރާތްތައް ވެސް ދަނީ ހެދެމުންނެވެ. އިންޖީނުގެތަކާއި، ސްކޫލުތަކާއި، ހޮސްޕިޓަލްތައް އަދި މިސްކިތްތަކާއި، ޕޮލިސް ސްޓޭޝަންތަކާއި، ބޭންކްގެ ބްރާންޗްތައް ވެސް ދަނީ ޢިމާރާތްކުރެވެމުންނެވެ. އެހެންނަމަވެސް، އެ ތަންތަނުގެ މުވައްޒަފުންނާއި، ޚިދުމަތް ހޯދަންދާ މީސްމީހުންގެ ވެހިކަލްތައް އެ ތަންތަނުގެ އެތެރޭގައި ޕާކްކުރެވޭނެ ގޮތްތައް ހެދެމުންދާ މަންޒަރު އެއްގޮތަކަށް ވެސް ނުފެނެއެވެ. މާނައަކީ ރަށްރަށުގައި ވެސް ތަކުރާރުވަމުން މި ދަނީ މާލޭގައި ހެދި ގޯހެވެ. މީގެ އާޚިރު ނަތީޖާއަކަށްވާނީ، އެ ރަށްރަށުގައި ދުއްވާ އެއްޗެތި ގިނަވަމުންދާ ވަރަކަށް މަގުތަކަށް ބާރުބޮޑުވުމެވެ.

ދަތުރުފަތުރުގެ ކަންކަމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން 15 އޮކްޓޯބަރު 2020 ގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު އަލީ ވިދާޅުވެފައި ވަނީ އަހަރެއްގެ ތެރޭގައި އެވެރެޖުކޮށް 13,000 އެއްހާ ވެހިކަލް ނުވަތަ ދުވާލަކު 30 އާއި 40 އާ ދެމެދުގެ ޢަދަދުގެ ދުއްވާ އެއްޗެތި ރާއްޖެއަށް އެތެރެކުރާ ކަމަށެވެ. މިއީ ރާއްޖެއަށް ބަލާއިރު ވަރަށް ބޮޑު ޢަދަދެކެވެ. މީގެ ތެރެއިން ހެޔޮވަރުގެ ޢަދަދެއްގެ ދުއްވާ އެއްޗެތި މިހާރު ގެންދެވެނީ ވެސް ރާއްޖޭގެ އެކި ރަށްރަށަށެވެ. އެހެންކަމުން ރަށްރަށުގައި ދުއްވާ އެއްޗެތި ދާނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ.

މި ދެންނެވި ޙަޤީޤަތްތައް މިހެން ހުރުމާއެކު، ކޮންމެ މީހެއްގެ ވެސް ބައިސިކަލް، ސައިކަލް ނުވަތަ ކާރާއި ޕިކަޕް، ވީ ވަރަކުން އެ މީހެއްގެ ގޭގެ އެތެރޭގައި ޕާކްކުރެވޭ ގޮތް ހެދުމަށް ހޭލުންތެރިކަން އުފެއްދުން ބުއްދިވެރިއެވެ. އަދި ގެދޮރު ޑިޒައިންކޮށް ޢިމާރާތްކުރާއިރު ވެސް އެ ކަމަށް ސަމާލުކަން ދިނުމަށް ބާރުއެޅުން ވަރަށް މުހިންމެވެ. މީގެ އިތުރުން، މި ދުވަސްވަރަކީ ރަށްރަށުގެ ތަރައްޤީގެ ޕްލޭންތައް ހެދެމުންދާ ދުވަސްވަރުކަމުން، ތަރައްޤީގެ ޕްލޭންގައި ހިމަނާ ޢިމާރާތްތަކުގެ އެތެރޭގައި ޕާކުކުރެވޭ ގޮތް ހެދުމަށާއި، އެއްވެސް ރަށެއްގެ އެއްވެސް މަގަކީ ޕާކިން ޒޯނެއްގެ ގޮތުގައި ނުހެދުމަށް ވިސްނުން ގެންގުޅުން ވެސް ނުހަނު މުހިންމެވެ.

މިއީ ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގައި ވެސް މި ކަން އޮންނަ ގޮތެވެ. މިއަދު މި ކަމާ ނުވިސްނައި، އަދި ސަމާލުކަން ނުދީފިނަމަ މީގެ 20 ނޫނީ 30 ވަރަކަށް އަހަރު ފަހުން ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ވާނީ މިހާރު މާލެއަށް ވެފައި މި އޮތް ގޮތެވެ. އެހެންކަމުން، މިކަން މިހެން ވިޔަ ނުދިނުމަށާއި، އަންނަން އޮތް ޖީލުތަކަށް އަމާން، ރައްކާތެރި މާހައުލެއް ޤާއިމްކޮށްދިނުމަށް މި މަސައްކަތްކުރުމަށް އަދިވެސް ވަގުތު އެބައޮތެވެ. ރައްކާވެތިބިއްޔާ ދަތުރެވެ.