ރާއްޖޭގެ އިހުސާސް ގެނައުމަށް ރާއްޖޭގައި ހުންނަ ކަހަލަ ވޯޓާ ވިލާތައް މަލިކު ހިމެނޭހެން ލަކްސަދީބްގެ ރަށްތަކުގައި ހަދަން އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.

އެ ގައުމުން މި ޕްރޮޖެކްޓު އިއުލާން ކުރީ މި ހަފުތާ ތެރޭގައެވެ. އެ ގައުމުން ބުނެފައިވާ ގޮތުގައި މި ޕްރޮޖެކްޓަށް 800 ކްރޯޑް އިންޑިއަން ރުޕީސް، ނުވަތަ 10 މިލިއަން ޑޮލަރު ހަރަދުވާނެއެވެ.

Ad
rt

މި ވޯޓާ ވިލާތައް އަޅަން ނިންމާފައިވަނީ އެންމެ މަތީ ފަންތީގައި ވިއްކޭ ގޮތަށެވެ. އަދި މިއީ މިގޮތަށް މޫދުގައި މަލިކުގައި ކޮޓަރި ހަދާ ފުރަތަމަ ފަހަރެވެ. މަލިކުގެ އިތުރުން މިޕްރޮޖެކްޓް ހިންގަން ހަމަޖެހިފައިވަނީ ކަޑްމަތް އާއި ސުހެލި އައިލެންޑްސް ގަ އެވެ.

މަލިކަކީ ރާއްޖެއާ އެއްގޮތް ސިފަތަކެއް ހުންނަ ކުރިން ރާއްޖޭގެ ރަށެއްގެ ގޮތުގައި އޮންނަ ރަށެކެވެ. ނަމަވެސް މިހާރު އެ ރަށް ބަލަހައްޓަަނީ އިންޑިއާ އިންނެވެ.

މަލިކުގައި އިންޑިއާ ސަރުކާރުން ވަނީ ފާއިތުވި ދުވަސްތަކުގައި ތަފާތު ކަންކަން ކުރުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން، އެ ސަރަހައްދަކީ ބަންގުރާ މަނާ ސަރަހައްދަކަށްވުމުން ރާ ހުއްދަކޮށް ގެރިމަސް ކެއުން މަނާ ކުރުމަށްވެސް އިންޑިއާ ސަރުކާރުން މަސައްކަތް ކުރިއެވެ.

އިންޑިއާ ސަރުކާރުން ބުނެފައިވާ ގޮތުގައި އެ ގައުމުން ބޭނުންވަނީ މަލިކު، ރާއްޖެ ގޮތަށް ފަތުރުވެރި މަންޒިލެއްގެ ގޮތުަގައި ތަރައްގީ ކުރާށެވެ.

އިންޑިއާގެ ގިނަ ބަޔަކު ޗުއްޓީ ހޭދަ ކުރަން އަންނަނީ ރާއްޖެއަށެވެ. އެހެންކަމުން މަލިކުގައި ވޯޓާ ވިލާތައް އަޅައި ފަތުރުވެރި މަންޒިލަކަށް ހަދައިފިނަމަ އެ ގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިން މަދުވާނެ ކަމަށް ލަފާ ކުރެވެއެވެ.