ރ.ފައިނުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތްތައް ބާރަށް ކުރިޔަށްދާކަމަށް އެމަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖްކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން ބުނެފިއެވެ.
އެކުންފުނީން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތް ކަމަށެވެ. އަދި ފެނާއިނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ފައިނަށް ގެންގޮސްފައިވާ ކަމަށްވެސް އެކުންފުނިން ބުންޏެވެ.
މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ފައިނުގައި 5.38 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކު ޤާއިމް ކުރުމާއި އާރުއޯ ފެސިލިޓީބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައިދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުން ހިމެނެއެވެ. އަދި ގޭގޭގައިފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދޭނީ ވެސް އެމްޑަބްލިއުއެސްސީންނެވެ.
މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ފައިނުގައި 5.06ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ޤާއިމްކުރުމާއި، 943 މީޓަރުގެ ޕަންޕިންލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތް ކުރުމާއި، ތިން ޕަންޕިން ސްޓޭޝަނާއި ސީ އައުޓް ފްލޯއެއް ގާއިމް ކުރާނެއެވެ. އަދި ގޭގޭގައި ޖަންގްޝަންބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދޭނެއެވެ.
މީގެ އިތުރުން މިމަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާސާމާނު ވެސް އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭނެއެވެ
މިއީ 63 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!