ތިލަފުއްޓަކީ ބިދޭސީންގެ ބޮޑު ހާއްޔެއްކަމަށާއި، އެތަނުގައި ނޭދޭވޭ އެތަކެއް ކަމެއް ހިނގަމުންދާކަމަށާއި، އެހެންކަމުން އެތަނުގައި ހަތިޔާރު ގެންގުޅި، ގާތްކަމެއް ކަމަށާއި، ބޮންގޮއްވުމުގެ ކަންކަން ރާވާ ދަސްކޮށްދިނުމަކީ ގާތްކަމެއް ކަމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ހުށަހަޅުއްވާފައިވާ، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ބައިވެރިވެ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، އެ ބިލަކީ ޓެރިޒަމް ހުއްޓުވުމަށް ސަރުކާރަށް އެހީތެރިވުމަށް ވަރަށް ފުރިހަމައަށް ލިޔެފައިވާ ބިލެއް ކަމަށެވެ.

Ad
rt

ރައްޔިތުންގެ މަޖިލީހުގެ ދައުރަކީ ޤާނޫނު ތަންފީޒުކުރަން ތިބޭ ފަރާތްތަކަށް ކަންކަން ކުރަންފަސޭހަ ވާނޭހެން ގާނޫނުތައް ހަދައި، އިސްލާހްކޮށްދިނުންކަން ފާހަގަކުރަށްވައި، ޤާނޫނު އަސާސީގެ ތަރަހައިގެ ތެރެއިން ކުރެވުނު އެންމެ ބޮޑު މިންވަރަކަށް މީގެ ކުރީންވެސް ޓެރަރިޒަމްގެ ގާނޫނަށް ބަދަލު ގެނެސްދެވިފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެބިލަށް ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ޓެރަޒިމްގެ ކަންކަންކަމާއި، އަމަލުތައް ހިންގުމަށް ބާރުއަޅާ ބިދޭސީން މިރާއްޖޭގައި ގިނަވަމުންދާމީ ވިސްނާލަންޖެހޭ ކަމެއް ކަމަށެވެ. އަދި ތިލަފުއްޓަކީ ބޭރުމީހުންގެ ބޮޑު ހާއްޔެއް ކަމަށާއި، އެތަނުގައި ތެރޭގައި ނޭދެވޭ ގުރިހާ އަމަލުތަކެއް ހިންގަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ނޭނގޭ ސަރުކާރުގެ ކަންކަން ތަންފީޒުކުރަންތިބި ފަރާތްތައް ސަރުކާގެ މިކަންކަމާއި ހަވާލުވެލެއްވި ތިއްބެވި ބޭފުޅުން ތިލަފުއްޓަށްއަރާ ބައްލަވާލެއްވި ކަމެއް، ތިލަފުށީގައި ކަންކަން ހިނގަމުންދާ ގޮތެއް، އެތަނުގައި އާދަޔާޚިލާފަށް ބޭރުމީހުން ގިނަވެފައި އަދި އުޅެނީ ގަވާއިދާ ޚިލާފަށް އުޅޭ ބޭރުމީހުން ކަމަށްވާތީ، އެތަނުގައި ހަތިޔާރު ގެންގުޅުމަކީ ގާތްކަމެއް، އެތަނުގައި ބޮންގޮއްވުމުގެ ކަންކަން ރާވާ ދަސްކޮށްދީ އެކަންކަން ކުރުމަކީ ވެސް ގާތްކަމެއް،" އާޒިމް ވިދާޅުވިއެވެ.

އެހެންކަމުން މުޅިއެތަން ސާފުކޮށް ބެލެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

"ޓެރިޒަމްގެ އަމަލެއްކަމަށްވާނެ ވަރަށް ގާތްކަމެއް ކުރިއަށް އޮތްތަނުގައި ބިދޭސީންތަކެއް ނުކުމެ އަޅުގަނޑުމެންގެ ސެކިއުރުޓީ ސާވިސްއާއި ކުރިމަތިލުމަކީ ވެސް މާދުރުގައި އޮތްކަމެއް ނޫން، މިއީ މިހާރުއްސުރެ ވިސްނާ ފިޔަވަޅު އަޅަންޖެހޭ ކަމެއް، ހައްދުފަހަނާއަޅާފައިވާ ބިދޭސީންގެ އަދަދު މަދެއްނޫން، ގަވާއިދާ ޚިލާފަށް ބިދޭންސީންނެއް ވެސް މަދެއްނޫން" އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެއީ ވަރަށް ބޮޑަށް ސަމާލުވެ މިހާރުން މިހާރަށް ވެސް ފިޔަވަޅު އަޅަންޖެހިފައިވާ ކަމެއް ކަމަށެވެ.

މި ބިލުގެ ބަހުސްގައި އާޒިމް ވަނީ، މި ބިލުގައި އާންމު ރައްޔިތުން ކަންބޮޑުވެދާނެ ބައެއް ކަންކަން ހުރިކަން ވެސް ފާހަގަ ކުރަށްވާފައެވެ. މިގޮތުން ޓެރަރިޒަމްގެ އަމަލެއް ހިންގާކަމަށް ތުހުމަތު ކުރެވޭ ނަމަ ކޯޓު އަމުރަކާއި ނުލާ ހިފާ ހައްޔަރުކުރުމުގެ ބާރު ދިނުމާއި، ކޯޓަށް ހާޟިރުކުރުން ލަސްކުރުންފަދަ ކަންކަން ބިލުގައި ހުރިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ނަމަވެސް މިވަގުތަކީ ބޭރުގެ ޖަމާއަތްތަކާއި ގުޅިގެން ރާއްޖެއިން ބޭރަށް ހަނގުރާއަށް ދިޔަ ބަޔެއް ފަރާތްތައް އެނބުރިއައިސް ގައުމަށްއައިސް މުޖުތަމައުގައި އުޅޭ ވަގުތުކަމަށްވެފައި، ރާއްޖެއަކީ މުޅިދުނިޔެއަށް ހުޅުވާލެވިފައިވާ ގައުމެއްކަމުން ނޭދެވޭ އެތަކެއް ކަންކަމެއް ރާއްޖޭގައި ހިނގަމުން ދާތީ، އެކަންކަން ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އެކަމުގައި ފަސޭހައެއްކޮށްދެވެން އޮތީ ގާނޫނަށް މިކަހަލަ ބަދަލެއް ގެެނެސްދީގެން ކަމަށްވާތީ، ބިލުގައި ވަނީ މުހިންމު ބަދަލުތަކެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

އާޒިމް ވިދާޅުވީ، މިބަދަލުތަކާއެކު ބިލުފާސްވެ ޤާނޫނަކަށް ވެގެން ދިޔަނަމަވެސް ތަންފީޒުކުރަން ތިބޭ ފަރާތްތަކުން މީގެކުރީން ކަންކަން ހިނގާފައިހުރި ގޮތްތަކަށް ބަލަންޖެހޭނެ ކަމަށެވެ.

މީގެކުރިން ޓެރަރިޒަމްގެ ނަމުގައި ބައެއް ސިޔާސީ ބެފުޅުން ހިފާ ހައްޔަރުކޮށް، ހުކުމްކޮށްފައި އެބަހުރިކަމަށާއި، އެކުގައިއުޅޭ ފަރާތްތައްވެސް އަދި ވާދަވެރިފަރާތްތައް ވެސް ޤާނޫނާއި ޚިލާފަށް ބަންދުކުރަން ޓެރެރިޒަމްގެ ގާނޫނު ބޭނުންކޮށްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެފަރާތްތައް ވެސް ޤާނޫނާއި ޚިލާފްކަންކަންކުރާކަން ސާބިތުވެއްޖެނަމަ ހައްޔަރުކުރަންވީކަމަށް އޭނާ ވިދާޅުވިއެވެ.