ފާއިތުވި 6 އަހަރު ދުވަހާއި އަޅާބަލާއިރު 2020 ވަނަ އަހަރު އަތޮޅު ތެރެއިން މަސްތުވާތަކެތީގެ މައްސަލަތައް ރިޕޯޓްކޮށްފައިވާ ނިސްބަތްވަނީ ވެރިރަށް މާލެއަށް ވުރެއް އިތުރުވެފައެވެ.
މިއީ އަތޮޅުތެރޭގެ ހިތްގައިމު ދިރިއުޅުމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ. މިއީ އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުން ވިސްނާލަން ޖެހޭ، އަދި ސަމާލުވާން ޖެހޭ ވަރަށް ނުރައްކާތެރި ސިގުނަލެކެވެ. ފާރަވެރިވެ އަވަހަށް ފިޔަވަޅު އަޅަން ޖެހޭ ބޮޑު އަދި ބިރުވެރި މައްސަލައެކެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅާ މައްސަލަތަކުގެ 65% އަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކަށް ވާއިރު 2020 ވަނަ އަހަރަކީ ކޯވިޑްގެ ސަބަބުން ނުވަތަ ކޮންމެވެސް އެެހެން ސަބަބު ތަކާއިހެދި ރާއްޖެއިން މަސްތުވާތަކެތީގެ މައްސަލަތައް ރިޕޯޓްކުރި އަދަދު މަދުވި އަހަރަކަށެވެ. ކަންބޮޑުވާން ޖެހެނީ ރާއްޖެއިން މިއަދަދު މަދުވެފައިވީނަމަވެސް އަތޮޅުތެރެއިން މަސްތުވާތަކެތީގެ މައްސަލަ ރިޕޯޓްކުރާ މިންވަރު މަދު ނުވުމެވެ. އަދަދުތައް އެއްވަރެއްގައި ހިފެހެއްޓިފައިވުމެވެ. މަސްތުގެ ހާއްޔަކަށް ވެފައިވާ ވެރިރަށް މާލޭގައި މިމުއްދަތުގެ ތެރޭގައި ރިޕޯޓްކުރި މިންވަރު ވަނީ 50% ދަށްވެފަ އެވެ.
މި އަދަދު ތަކުން ބުނެދެނީ 2 ވާހަކަ އެކެވެ. މަސްތުގެ ވަބާގައި ޖެހިފައިވާ މީހުން މާލެއިން އަތޮޅު ތެރެއަށް ހިޖުރަކުރުން ނޫނީ އަތޮޅު ތެރޭގައި މަސްތުވާތަކެތީގެ މައްސަލަ އިހުނަށްވުރެއް ގޯސްވުމެވެ. ފާއިތުވި 6 އަހަރު ރާއްޖެއިން ރިޕޯޓް ކުރާ މައްސަލަތަކުގެ އަދަދު އެވްރެޖް ގޮތެއްގައި އުޅެނީ 2000 މަތީގަ އެވެ. ނަމަވެސް ފޭބި އަހަރު މިއަދަދު އުޅެނީ 1425 ގަ އެވެ.
ސްޓެޓިކްސް ބިއުރޯއިން އާންމުކޮށްފައިވާ މަޢުލޫމާތައް ބަލާއިރު 2014 ވަނަ އަހަރުން 2019 ވަނަ އަހަރާއި ހަމައަށް ރާއްޖެއިން 14050 މައްސަލަ ރިޕޯޓްކޮށްފައިވެއެވެ. މީގެ ތެރެއިން 69% މައްސަލަ ތަކުގައި ސާމިލްވަނީ 18 އަހަރާއި 34 އަހަރާއި ދެމެދުގެ ޒުވާނުންނެވެ.
ފުލުހުންނަށް މިދިޔަ 2020 މަސްތުވާތަކެއްޗާ ގުޅޭ 1،425 މައްސަލަ ރިޕޯޓުކޮށްފައިވާއިރު އެމައްސަލަތަކުން 1،219 މީހުން ހައްޔަރުކޮށް ތަހުގީގު ކުރިއަށްގެންގޮސްފައިވެ އެވެ. އޭގެ ތެރެއިން 98% އަކީ ފިރިހެނުންނެވެ. މީގެ ތެރެއިން މާލެ ސަރަހައްދުން ރިޕޯޓްކޮށްފައިވަނީ 482 މައްސަލައެވެ. އަތޮޅު ތެރެއިން ރިޕޯޓްކޮށްފައިވާ މައްސަލަ އަކީ 943 އެވެ.
އެ މައްސަލަތަކާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން 2% 18 އަހަރުން ދަށުގެ ކުދިންނެވެ. އަދި 18-34 އަހަރާ ދެމެދުގެ 70% އަދި 35 އަހަރުން މަތީގެ 28% މީހުން ހިމެނެ އެވެ.
2019 ވަނަ އަހަރު 408 ކިލޯގެ މަސްތުވާތަކެތި ފުލުހުންވަނީ އަތުލައިގަނެފަ އެވެ. އޭގެ ތެރޭގައި 54 ޕަސެންޓަކީ ހެރޮއިން އަދި 36 ޕަސެންޓަކީ ކެނަބިސް އެވެ. 2018 ވަނަ އަހަރު 104.7 ކިލޯ އަތުލައިގަނެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ހެރޮއިން އާއި ކެނަބީސް އެވެ.
ފުލުހުން ހިއްސާކުރި 2020 ވަނަ އަހަރުގެ މައުލޫމާތުތަކަށް ރިޔާއަތްކޮށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކޮށްފައިވާ މަޢުލޫމާތުރަކަށް ބަލާއިރު ޑްރަގާ ގުޅޭގޮތުން ހުށަހެޅި މައްސަލަތަކުގެ 46% އަކީ މީހުންގެ އަތުން މަސްތުވާތަކެތި ފެނިގެން ދައުވާކުރަން ފޮނުވާފައިވާ މައްސަލަތަކެވެ. އެފަދަ ބާވަތްތަކުން ވިޔަފާރިކޮށްގެން 26% މައްސަލަ ހުށައަޅާފައިވާއިރު އެ އެއްޗެހި ބޭނުންކޮށްގެން 14% މައްސަލަވަނީ ހުށައަޅާފަ އެވެ. އަދި މަސްތުވާތަކެތި އެތެރެކޮށްގެން 10% މައްސަލަ އަދި އެހެނިހެން ދައުވާކުރަން 4% މައްސަލަ ފޮނުވި އެވެ.
ފުލުހުންނަށް ހުށަހެޅޭ މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވެ، މަސްތުވާ ތަކެތި އަތުލައިގަތުން އިތުރުވެގެންދާއިރު އެއިން ދޭހަވެގެންދަނީ މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތް ކުރުމަށް ފުލުހުންނަށް ކުރެވެމުންދާ މަސައްކަތްތައް އިތުރުވަމުންދާ މިންވަރެވެ. ހަމައެއާއެކު މަސްތުވާތަކެތި މަދުކުރުމަށް ކުރަމުންދާ މަސައްކަތުގައި ލިބޭ ކުރިއެރުންތަކެވެ.
ދިވެހި ގައުމު މިވަބާއިން ސަލާމަތްކުރުމަށް މަސްތުގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާދީ އެކަމުން އަރައިގަނެ މުޖުތަމަޢުއަށް އަނބުރާ ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ނުހަނު ގިނަ އެވެ. މަސްތުވާތަކެތީގެ ވަބާގައިޖެހިފައިވާ ޒުވާނުންނަށް އެންމެ އެކަށޭނަގޮތެއްގައި ފަރުވާދީ، ޒިންމާދާރު ރައްޔިތުންގެ ގޮތުގައި އެމީހުން އަނބުރާ މުޖުތަމަޢަށް ވާޞިލްކޮށްދިނުން މުހިންމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!