އއ. ފެރިދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ފަށައިފިއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ފެރިދޫގައި މިހާރު ކުރަމުން އަންނަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ ފެރިދޫއަށް ގެންދެވިފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.

Ad
rt

އެ ކުންފުނިން ބުނީ މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ފެރިދޫގައި 6.76 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކްގާއިމުކުރުމާއި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުމުގެމަސައްކަތް ކުރާނެ ކަމަށެވ. އަދި، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން 5.04 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމުކުރުމާއި، 1.07 ކިލޯ މީޓަރުގެ ޕަންޕިން ލައިންއެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތް ކުރުމާއި، ތިން ޕަންޕިން ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފޯލް ގާއިމްކުރުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަންބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ.

މީގެ އިތުރުން މިމަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާސާމާނު ފޯރުކޮށްދޭނީ ވެސް އެމްޑަބްލިޔުއެސްސީންނެވެ.

މި މަޝްރޫއަކީ 35.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ މުއްދަތަކީ 22 މަސް ދުވަހެވެ.