ދިވެހިރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ، ''މިނިމަމްވޭޖް'' ކަނޑައެޅުމުގެ މަސައްކަތާއި، މަޝްވަރާތައް ކުރިއަށް ދަނީ މަސައްކަތްތެރީންނަށް ހަގީގީމަންފާ ކުރާނެ ގޮތަށް ނޫންކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ)އިން ބުނެފިއެވެ.
އެމްޓީޔޫސީން ރޭ ނެރުނު ބަޔާނެއްގައި ބުނީ މިނިމަމްވޭޖް ކަނޑައެޅުމަށް އެކުލަވާލާފައިވާ މުސާރައާއި، އުޖޫރަ ކަނޑައެޅުމަށް ލަފާދޭ ބޯޑުން އެ މަސައްކަތާއި، އެކަމުގެ މަޝްވަރާތައް ކުރިއަށް ގެންދަނީ މަސައްކަތްތެރީންނަށް މިނިމަމްވޭޖަކުން ލިބޭނެ ހަގީގީމަންފާ ލިބޭނެ ގޮތަށް ނޫންކަމަށް ދެކޭކަމަށާއި، އެކަމާ ކަންބޮޑުވާ ކަމަށެވެ.
އެ ޖަމިއްޔާއިން ބުނީ މިނިމަމްވޭޖަކީ މަސައްކަތްތެރީންނަށް އިޖުތިމާއީ ރައްކާތެރިކަން ލިބިދީ، އިގްތިސާދީގޮތުން ބާރުވެރިކުރުވައި މަސައްކަތްތެރީންގެ ބާރުވެރި ކުރުވައި، އަޅުވެތިކަމާއި، ނިކަމެތި ކަމުން ސަލާމަތް ކުރުމުގެ އެންމު މުހިންމު އެއްބަހާކަމަށެވެ.
"މިނިމަމްވޭޖްގެ ގޮތުގައި ދެވޭ ޢަދަދު ކަނޑަނޭޅިދާ ކޮންމެ ދުވަހަކީ މަސައްކަތްތެރީންނަށާއި، މަސައްކަތްތެރީންގެ ޢާއިލާތަކަށް ވެވޭ ވަރަށްބޮޑު ބޭއިންސާފެއް" އެމްޓީޔޫސީއިން ބުނެފަވެއެވެ.
އެޖަމިއްޔާއިން ބުނީ 2019 ވަނަ އަހަރު މިނިމަމްވޭޖް ކަނޑައެޅުމަށް އެކުލަވާލާފައިވާ މުސާރައާއި، އުޖޫރަ ކަނޑައެޅުމަށް ލަފާދޭ ބޯޑުން ވަނީ އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ)ގެ ފަންނީ އެހީތެރިކަމާއެކު ދިރާސާކޮށް، އިންޓަނޭޝަނަލް ލޭބާ ސްޓޭންޑާސްތަކާއި އެއްގޮތަށް މިނިމަމްވޭޖްގެ ގޮތުގައި ދެވޭނެ އަދަދުތައް ކަނޑައަޅައި ސަރުކާރަށް ހުށަހަޅާފަ ކަަމަށެވެ.
ނަމަވެސް 2021 ވަނަ އަހަރު ވަޒީފާއާއިބެހޭ ޤާނޫނަށް އިސްލާޙެއް ގެނެސް، އެ އިސްލާޙްގައި އެމަސައްކަތަށް އަލުން ބޯޑު އެކުލަވާލައި، އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދޭނެ ޢަދަދު މިއަހަރުގެ ނިޔަލަށް ކަނޑައެޅުމަށް ހިމަނާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އަލަށް އެކުލަވާލެވުނު ބޯޑުގައި މަސައްކަތްތެރީން ތަމްސީލްކުރާ 5 މެންބަރަކާއި، ސަރުކާރާއި ވަޒީފާދޭ ފަރާތްތައް ތަމްސީލްކުރާ 6 މެންބަރެއް ހިމަނާފައިވާ ކަމަށާއި، އަދި އެ ބޯޑުގެ މަސައްކަތް ކުރިއަށްދާކަން އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.
"އާ ބޯޑުން މިނިމަމްވޭޖް ކަނޑައެޅުމުގެ މަސައްކަތާއި، މަޝްވަރާތައް ކުރެވެމުންދަނީ މަސައްކަތްތެރީންނަށް އެންމެފައިދާ ހުރި، އަދި އެބައި މީހުންނަށް މިނިމަމްވޭޖަކުން ލިބިދާނެ ނުވަތަ ލިބެންޖެހޭ ހަގީގީ މަންފާލިބިގެން ދާނެ ގޮތަށް ނޫންކަމަށް މިޖަމިއްޔާއިން ދެކެމެވެ. އެގޮތުން ސަރުކާރާއި، ސިވިލްސާވިސް މުވައްޒަފުންގެ މިނިމަމްވޭޖް ކަނޑައެޅުމުގައި އެފަރާތްތަކަށް ލިބޭ އެލަވަންސްތަކާއި، އިނާޔަތްތައް ހިމެނިގެން މިނިމަމްވޭޖް ކަނޑައެޅުމުގެ ވިސްނުމުގައި މަސައްކަތްކުރަމުން ދިޔުމަކީ، މިޖަމިއްޔާގެ މެންބަރުން އަދި ސިވިލްސާވަންޓުންގެ ނުހަނު ބޮޑު ކަންބޮޑުވުމެއްކަމުން އެކަން އެ ގޮތަށް ނުކުރުމަށް ގޮވާލަމެވެ." އެޖަމިއްޔާއިން ބުނެފަވެއެވެ.
މީގެއިތުރުން ޕްރައިވެޓް ސެކްޓާއާއި، ރިސޯޓު މުވައްޒަފުންގެ މިނިމަމްވޭޖް ކަނޑައެޅުމުގައި ވެސް "އިންކައިންޑް" ގޮތުގައިދެވޭ އެލަވަންސްތައްކުގެ ގޮތުގައި ހިމެނޭ، ފުޑް، އެކަމަޑޭޝަން، ޓްރާންސްޕޯޓް އަދި ސާވިސްޗާޖް ފަދަ އެލަވަންސް ހިމަނައިގެން މިނިމަމްވޭޖް ކަނޑައެޅުމަށް މަޝްވަރާ ކުރެވެމުންދިޔުމަކީ މަސައްކަތްތެރީންގެ ނުހަނު ބޮޑު ކަންބޮޑުވުމެއް ކަމަށް ވެސް އެޖަމިއްޔާއިން ބުންޏެވެ.
MTUC press statement regarding the discussion held today on Minimum Wage! @cnm_mv @Mihaarunews @thiladhun @thevoice_mv @Sangu_tv @VaguthuOnline @avasmv @AdhadhuMV @Raajje_tv pic.twitter.com/mMk2cqXVqw
— MTUC (@mtucMV) June 12, 2021
އެބަޔާނުގައި އެޖަމިއްޔާއިން ވަނީ މިނިމަމްވޭޖްގެ ހަގީގީ މަޤްޞަދު ގެއްލިގެން ނުދާނެގޮތަކަށް، އަދި މިނިމަމްވޭޖަކުން މަސައްކަތްތެރީންނާއި އާއިލާތަކުގެ ޒަރޫރީބޭނުންފުދި އޭގެ ހެޔޮއަސަރު މުޖުތަމައަށް ކުރާނޭގޮތަށް ކަނޑައެޅިގެންދާ އެއްޗަކަށް، މިނިމަމްވޭޖް ހެދުމަށް ސަރުކާރަށް ގޮވާލާފައެވެ.
މިނިމަމްވޭޖް ކަނޑައަޅައި، ތަންފީޒުކުރުން އަވަސްކޮށްދިނުމަށް އެދި ގޮވާލާ އެ ޖަމިއްޔާއިން ވަނީ މިއަހަރުގެ ފެބްރުއަރީމަހުވެސް ބަޔާނެއް ނެރެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!