ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ހަސަން ޒަމީލް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާ ކަމަށް ވިދާޅުވެ، އެ މައްސަލަ ބަލައިދިނުމަށް މަޖިލީހުގެ އިމްތިޔާޒު އަދި ސްލޫކު ކޮމިޓީ އަށް ހުށަހެޅި މައްސަލަ އެ ކޮމެޓީން ބޭރުކޮށްލުމުން، އެމައްސަލައާއި ގުޅުވައި އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) އަށް އަމާޒުކުރި ބަހުގެ ހަމަލާތަކުގެ ސަބަބުން އަސަރުކުރާ ހިސާބަށް ކަންކަން ދިޔަ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ އިމްތިޔާޒް އަދި ސްލޫކް ކޮމެޓީއަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޒަމީލާގުޅޭ އެ މައްސަލަ ހުށަހެޅުއްވީ، އެމަނިކުފާނު އަވަހާރަ ކޮށްލަން މޭމަހުގެ 6 ވަނަ ދުވަހުގެރޭ ނުރައްކާތެރި ހަމަލާއެއް ދިން އިރު ސިފައިން ދެމުންދިޔަ ސެކިޔުރިޓީ ބްރީޗްވި ގޮތް ބަލާ އިންކުއަރީއަށް ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަޖިލީހަށް ފޮނުއްވި ސިޓީގައި ޒަމީލް ސޮއިކުރައްވާފައިވާތީ އޭނާ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާކަމަށް ވިދާޅުވެއެވެ.
ޒަމީލްގެ މައްސަލަ ކޮމެޓީން ބަލާނެ ތަނެއް ނެތްކަށް ހުށަހެޅުއްވީ ދަނގެނތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމެވެ. އެ ހުށަހެޅުން ފާސްވީ އެމްޑީޕީގެ 4 މެންބަރުންގެ ތާއީދާއެކުގައެވެ. އެއާއިއެކު، ބިގޭ އެމެންބަރުންނަށް ގުޅުއްވައި އެގޮތަށް ކަންތައް ކުރުމަށް ބާރުއެޅުއްވި ކަމަށާއި، އެ މައްސަލަ ބޭރުކޮށްލުމުގެ ފަހަތުގައި ހުންނެވީ ބިގޭ ކަމަށް ބިގޭ ނިސްބަތްވާ އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ތުހުމަތު ކުރެއްވުމާއެކު، މުޅި މީސް މީޑިއާގައި ބިގޭއަށް ހޫނު ހަމަލާތަކެއް އަމާޒުވިއެވެ.
މިއަދު ހެނދުނު ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، އިދިކޮޅު ޕާޓީއަކުން ވެސް ނުކިޔާހާއެއްޗެހި ބިގޭ ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ މެންބަރުން ބިގޭއާއި ދިމާއަށް ކިޔުމުން އަސަރުކުރިތޯ ޕްރޮގްރާމްގެ ޕްރެޒެންޓަރު ސުވާލުކުރުމުން ބިގޭ ވިދާޅުވީ، ތެދަށް ދަންނަވަންޏާ ކަންތައް ދިމާވީ އަސަރުކުރާ ގޮތަށް ކަމަށެވެ.
"އަޅުގަނޑު އެއްބަނޑުއެއްބަފާ އެއް ފެމިލީއެއްގެ ގޮތަށް އުޅޭ ބައެއްގެތެރެއިން އަޅުގަނޑުގެ ދަރިން ގޮތުގައި ދެކޭމީހުން އަޅުގަނޑާ ދިމާއަށް ދުވަހުކުވެސް އަޅުގަނޑާ ދިމާއަށް ނުކިޔާއެއްޗެހިކީމައެއީ އާއިލީވަންތަކަމުން ވަރަށް އަސަރުކުރި ކަމެއް، ސިޔާސީ މައިދާނުގައި އަޅުގަނޑަކީ ސާބިތުކަމާއެކު އަޅުގަނޑު ގަބޫލުކުރާ އިންސާފުގައި ހުންނާނެ މީހެއް، އެހެންވީމަ އާއިލާ ތެރެއިން މިދިމާވިކަންތަކުގައި ވަރަށް ދެރަވި އަދި ޚާއްޞަކޮށް އަޅުގަނޑަށް ބައްޕަކިޔާ ހުންނާނީ އެންމެ ދަރިފުޅެއް، ދަރިފުޅަކީ ދުވަހުކުވެސް އަޅުގަނޑު ސިޔާސީ ކަމެއްގައި ބައިވެރިކުރާ އަދި އެވާހަކަ ދައްކާވެސް ކުއްޖެއްނޫން، އޭނަ އަޅުގަނޑަށް ގުޅާފަ ބައްޕައާއި ދިމާއަށް ހާދަ އެެއްޗެއްސެއް އެބަގޮވައޭ ކިހިނެއްހޭ ވެގެން މިއުޅެނީ، ބައްޕަ ހިތްވަރު ކުރައްޗޭ ބައްޕައަކީ ހަމަގައިމުވެސް ގޯސްކަމެއްކުރާނެ މީހެއްނޫނޭ މިހިސާބަށް އެވާހަކަ ދެއްކީމަ އަޅުގަނޑަށް އަސަރުކުރި"
ބިގޭ ވިދާޅުވިއެވެ.
ނަމަވެސް ސިޔާސީ މައިދާނުގައި ހުންނާނީ ސާބިތުކަމާއެކުގައި ކަމަށް ވެސް ބިގޭ ވިދާޅުވިއެވެ.
ބިގޭގެ މައްޗަށް ކުރެވުނު ތުހުމަތާއިގުޅިގެން ވެސް އެ ޕްރޮގްރާމްގައި އޭނާޭ ވަނީ ވާހަކަ ދައްކަވާފައެވެ. މިގޮތުން އެކަމާއިގުޅޭ ތުހުމަތުގެ އިނގި އޭނާއާއި ދިމާއަށް ދިއްކުރުމުން ޝޮކެއް ލިބިގެން ދިޔަ ކަމަށް ބިގޭ ވިދާޅުވިއެވެ.
"އަޅުގަނޑުވެސް ޝޮކިން ޚަބަރަކަށްވީ އެމްޑީޕީގެ ގައުމީ މަޖިލިސްގެ ގްރޫޕްގައި އަޅުގަނޑަށް ރައްދުވާ ގޮތަށް އެމްޕީއަކު އެހެންވިދާޅުވީމަ،" ބިގޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އޭނާއަކީ އެމްޑީޕީގެ ޕާލަމަންޓަރީ ގްރޫޕްގެ ސެކެެރެޓަރީ ޖެނެރަލްކަމަށް ވުމުން މަޖިލިސްތެރޭގައި ހިނގާ ކަންކަމާއި ގުޅޭގޮތުންނާއި، އަދި އެމްޑީޕީގެ މަޖިލިސް މެންބަރުންނާ ގުޅޭގޮތުން ހިނގާ ކަންތައްތަކާ ގުޅޭގޮތުން ސަރުކާރުން ވެސް، އެމްޑީޕީގެ ޕާޓީ ލީޑަރޝިޕުންވެސް، ރައީސުލްޖުމްހޫރިއްޔާ ވެސް އަދި ވަޒީރުން ވެސް މުއާމަލާތްކޮށް ހަދާ ކަމަށެވެ.
އޭނާ މަސައްކަތްތައް ކުރެއްވުމުގައި އަބަދުވެސް އިސްކުރަށްވަނީ މަސްލަހަތު ކަމަށާއި، ކަންކަން ބެލޭންސްކޮށް ކުރުމަށް އަބަދުވެސް އިސްކަން ދެއްވާ ކަމަށް ވެސް ބިގޭ ވިދާޅުވިއެވެ.
"ކަންދިމާކުރި ގޮތުން ތި ވިދާޅުވި ކޮމެޓީގެ މަސައްކަތް އޮތް ދުވަހު އަޅުގަނަޑަކަށް ރައީސުލްޖުމްހޫރިއްޔާއެއް ނުއެއް ގުޅުއްވާ، އަޅުގަނޑާ ގުޅުއްވިނަމަ އަޅުގަނޑަށްއެއީ އެވަގުތަށް އެންމެ އިންސާފްވެރި ރަނގަޅުގޮތްކަމަށް ގަބޫލު ކުރެވުނު ނަމަ އަޅުގަނޑު އެ ވޯޓެއް ހޯދަންޖެހިގެން ގުޅަންޖެހުނު މީހަކަށް ވެސް ގުޅާނަން، ނަމަވެސް ކަންދިމާކުރިގޮތުން އެދުވަހު އަޅުގަނޑަށް ރައީސުލްޖުމްހޫރިއްޔާ ގުޅުއްވާފަވިދާޅެއްނުވޭ މިވެނިމީހަކަށް ގުޅާލާށޭ، އެކަން ހިނގާ ދިޔަފަހުން ސޯޝަލް މީޑިއާގައި އަޅުގަނޑާ ދިމާއަށް އާދަޔާ ޚިލާފަށް އަޅުގަނޑާ ދިމާއަށް ދުވަހުކުވެސް މީހުން އެންމެ ހުތުރުކޮށް އެއްޗެހި ނުކިޔާ މިންވަރަށް އެއްޗެހިތައް ގޮވަންހެދީމަ އަޅުގަނޑަށް ގުޅުއްވި ކާނަލް ނާޒިމް، ގުޅުއްވާފަ ބުނުއްވި މިހާދަވަރެއް އަރައިގެން މިއުޅެނީ ކީއްވެގެންހޭ، ބިގޭ ކާކަށް ގުޅައިގެންހޭ ތިއުޅެނީ، ބުނީމަ އަޅުގަނޑުދެންނެވިން އަޅުގަނޑު މީހަކާ ގުޅާނަމަ ތިޔަބޭފުޅާއަކަށް ނޫންހޭ ފުރަތަމަ ގުޅާނީ، ތިޔަބޭފުޅާ ނޫންހޭ ތިއިސްލާހެއް ހުށަހަޅައިގެން ތިފާސްވީ، އަޅުގަނޑަށް ހަމައެއްގޮތަަކަށް އެނގިގެން ހިނގާދިޔަ ކަމެއްނޫނޭ،" ބިގޭ ވިދާޅުވިއެވެ.
ބިގޭ ވިދާޅުވީ، އިމްތިޔާޒު ކޮމެޓީގައި މިފަހަރު ހިނގާދިޔަތި ކަންތަކުގައި އެމްޕީ ނާޒިމަކަށް، އެމްޕީ ސަނީފަކަށް، އެމްޕީ ރާއީއަކަށް، އެމްޕީ ހާރޫނަކަށް، އެމްޕީ ޣައްސާނަކަށް އަދި އެކޮމެޓީގައިތިބި އިތުރު މެންބަރަކަށް ވެސް ނުގުޅުއްވާ ކަމަށް ސާބިތު ކަމާއެކު ދަންނަވަން ކެރޭކަމަށެވެ.
މިހެންހިނގާ ދިޔަ ކަމެއްގައި ސޯޝަލް މީޑިއާގައި އަދި ޚާއްޞަކޮށް އެމްޑީޕީގެ ތެރެއިން އޭނާއަށް އެކަން ރައްދުވެގެން އައީމަ ބަލައި ނުގަނެވޭކަމަށް ވެސް ބިގޭ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!