ފުރަތަމަ ފަހަރަށް ގައުމެއްގެ ރަސްމީ ފައިސާގެ ގޮތުގައި ޑިޖިޓަލް ފައިސާ ކަމަށްވާ، ބިޓްކޮއިން ހަމަޖައްސައިފިއެވެ.
މިގޮތަށް ހަމަޖެއްސީ އެލް ސަލްވަޑޯއިންނެވެ. އެ ގައުމުގެ ކޮންގްރެސް އިން ވަނީ ބިޓްކޮއިންއަކީ ގާނޫނީ ގޮތުން ބަލައިގަންނަ ފައިސާއެއްގެ ގޮތުގައި ކަނޑައަޅަންފާސްކޮށްފައެވެ.
އެލް ސަލްވަޑޯގެ ރަސްމީ ފައިސާ ކަމަށްވާ ޔޫއެސް ޑޮލަރާ އެއްގޮތަށް ބިޓްކޮއިން ބޭނުން ކުރަން ހުއްދަ ދޭނެ ބިލެއް އެގައުމުގެ ކޮންގްރެސްއަށް ހުށަހެޅުއްވީ ރައީސް ނަޔީބު ބުކެލޭއެވެ. އަދި އެ ބިލު ފާސްކޮށްފައި ވަނީ 84 މެމްބަރުންގެ ތެރެއިން 62 މެމްބަރުންގެ ވޯޓުންނެވެ.
މި ބިލް ފާސްވުމާއެކު ކުރިއަށް އޮތް 90 ދުވަސް ތެރޭގައި ބިޓްކޮއިން އެލް ސަލްވަޑޯގައި ލީގަލް ޓެންޑާއަކަށް ވެގެން ދާނެއެވެ.
ބުކެލޫ ވިދާޅުވީ މި ބަދަލާއެކު މާލީ ހިދުމަތްތަކުގައި މީހުން ބައިވެރިވާ މިންވަރު އިތުރުވެ، އިންވެސްޓްމެންޓާއި ފަތުރުވެރިކަމާއި އުފެއްދުންތެރިކަމާއި އިގުތިސާދީކުރިއެރުން ގައުމަށް ލިބޭނެ ކަމަށެވެ.
އެލް ސަލްވަޑޯގެ އާބާދީގެ ގާތްގަނޑަކަށް 70 އިންސައްތަ މީހުން ބޭންކް އެކައުންޓާއި ކްރެޑިޓް ކާޑު ބޭނުން ނުކުރެއެވެ. އަދި އެގައުމުގެ ޖީޑީޕީގެ 20 އިންސައްތައަށްވުރެބޮޑު ބައެއް ބަރޯސާ ވެފައި ވަނީ ރެމިޓެންސް ފައިސާ ނުވަތަ ބޭރުގައި ދިރިއުޅޭ އެގައުމުގެ ރައްޔިތުން ފޮނުވާ ފައިސާއަށެވެ.
ދުނިޔޭގެ ފުރަތަމަ ޑިޖިޓަލް ފައިސާ ކަމަށްވާ ބިޓްކޮއިން ބޭނުން ކުރަން ފެށީ 2009 ގައެވެ. ބިޓްކޮއިންގެ އަގު މިވަގުތު 35,181 އެމެރިކާ ޑޮލަރަށް އަރައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!