މަޖިލިސް ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒު އަދި ސްލޫކް ކޮމެޓީއަށް ހުށަހެޅި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ އިމްތިޔާޒުގެ މައްސަލަ ކޮމެޓީން ބޭރުކޮށްލަން ދަނގެތީ ދާއިރާގެ މެންބަރުން މުހައްމަދު ނާޒިމް ހުށަހެޅުއްވީ އެކަމުގެ ފަހަތުގައި ސަރުކާރު އޮވެގެން ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ތުހުމަތު ކުރަށްވައިފިއެވެ.
ވައްޑޭ ކުރެއްވި ޓްވީޓެއްގައި ވަނީ، ބަލި އެނދުގައި އޮތް ރައީސް ނަޝީދު ހުށައެޅުއްވި އެ މައްސަލަ "ބޭރުކޮށްލަން" މެންބަރު ނާޒިމް ހުށަހެޅުއްވީ ސަރުކާރުން އެދިގެން ކަމަށް ތުހުމަތު ކުރަށްވާފައެވެ. އަދި އެ މައްސަލަ ބޭރުކޮށްލީ "ދެ ޕްރޮޖެކްޓް ދޭތެރޭ ފިއްތާފައި ތިބި ބައެއް އެމްޑީޕީ މެމްބަރުން" ވޯޓު ދީގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ބަލި އެނދުގައި އޮތް ރައީސް ނަޝީދު ހުށައެޅުއްވި ކަމެއް ބޭރުކޮށްލަން، ބާޣީ ނާޒިމް ލައްވައި ސަރުކާރުން ހުށައަޅައިގެން، ދެ ޕްރޮޖެކްޓް ދޭތެރޭ ފިއްތާފައި ތިބި ބައެއް އެމްޑީޕީ މެމްބަރުން ލައްވައި ބޭރުކޮށްލީ. https://t.co/0svKNqwv1C
— Waddey (@waddey_) June 6, 2021
ވާޗުއަލްކޮށް ރޭ ކުރިއަށް ދިޔަ އިމްތިޔާޒް އަދި ސްލޫކް ކޮމެޓީގެ ބައްދަލުވުމުގައި ނާޒިމް ހުށަހެޅުއްވީ ޒަމީލްގެ މައްސަލަ ކޮމެޓީން ބަލާނެ ތަނެއް ނެތްކަށެވެ.
ވައްޑޭ ވަނީ އިތުރު ޓްވީޓެއްގައި ޅެންބައިތެއް ވިދާޅުވުމަށްފަހު ހިތުތެރޭގައިވާ މަކަރުވެރިކަމާއި ނިފާޤުކަން، ހަމަކަށަވަރުންވެސް ހެއްދެވި ފަރާތަކަށް ވަންހަނާވެގެން ނުވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
“ކަތުން އުރެދިއްޖެނަމަ އެކަމަށް،
ރަތުން ދައްކާނެ އިންޒާރެއް”ހިތުތެރޭގައިވާ މަކަރުވެރިކަމާއި ނިފާޤުކަން، ހަމަކަށަވަރުންވެސް ހެއްދެވި ފަރާތަކަށް ވަންހަނާވެގެން ނުވެއެވެ.
— Waddey (@waddey_) June 6, 2021
ރައީސް ނަޝީދު މަޖިލީހުގެ ކޮމެޓީއަށް ހުށަހެޅުއްވި މައްސަލައެއް އެމްޑީޕީގެ މެންބަރުންގެ މަދަދާއެކު ފެއިލް ކޮށްލުމުން އެމްޑީޕީތެރެވަނީ ވަރަށް ހޫނު ވެފައެވެ. ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި އެމްޑީޕީގެ މީހުން ވެސް ދަނީ "އާންމު މެންބަރުންގެ ސަޕޯޓް އޮތީ މިމީހާއަށް"ކަމަށް ލިޔެ ރައީސް ނަޝީދުގެ ފޮޓޯ ހިމަނައި ޓްވީޓް ކުރަމުންނެވެ.
މި މައްސަލާގައި އެމްޑީޕީގެ ގައުމީ މަޖިލިސްގެ ވަޓްސްއަޕް ގްރޫޕްވެސް ހޫނުވެފައިވާއިރު، ކުރިއަށް އޮތީ ރާއްޖޭގެ ސިޔާސީ މަޝްރަޙް އިތުރަށް ހޫނުވާނެ ދުވަސްތަކެއް ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!