ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ހަސަން ޒަމީލް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާ ކަމަށް ވިދާޅުވެ، އެ މައްސަލަ ބަލައިދިނުމަށް މަޖިލީހުގެ އިމްތިޔާޒު އަދި ސްލޫކު ކޮމިޓީ އަށް ހުށަހެޅި މައްސަލަ ރޭ ބޭރުކޮއްލައިފި އެވެ.

މަޖިލީހުގެ އިމްތިޔާޒް އަދި ސްލޫކް ކޮމެޓީއަށް އެ މައްސަލަ ހުށަހެޅުއްވީ ވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

Ad
rt

ރައީސް ނަޝީދު އެ މައްސަލަ ހުށަހެޅުއްވީ، އެމަނިކުފާނު އަވަހާރަ ކޮށްލަން މޭމަހުގެ 6 ވަނަ ދުވަހުގެރޭ ނުރައްކާތެރި ހަމަލާއެއް ދިން އިރު ސިފައިން ދެމުންދިޔަ ސެކިޔުރިޓީ ބްރީޗްވި ގޮތް ބަލާ އިންކުއަރީއަށް ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަޖިލީހަށް ފޮނުއްވި ސިޓީގައި ޒަމީލް ސޮއިކުރައްވާފައިވާތީ އޭނާ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާކަމަށް ވިދާޅުވެއެވެ.

ވާޗުއަލްކޮށް ރޭ ކުރިއަށް ދިޔަ އިމްތިޔާޒް އަދި ސްލޫކް ކޮމެޓީގެ ބައްދަލުވުމުގައި ކޮމެޓީގައި ތިއްބަވާ 13 މެންބަރުން ތެރެއިން 12 މެމްބަރުން ބައިވެރިވެވަޑައިގެންފައިވާއިރު، ޒަމީލްގެ މައްސަލަ ބެލުމަށް އެމްޑީޕީގެ މެންބަރަކު ވަނީ ކޮމެޓީއަށް ހުށަހަޅުއްވާފައެވެ. ނަމަވެސް އެ ހުށަހެޅުން ފާހެއް ނުވެއެވެ.

ޒަމީލްގެ މައްސަލަ ކޮމެޓީން ބަލާނެ ތަނެއް ނެތްކަށް ހުށަހެޅުއްވީ ދަނގެނތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމެވެ. އެ ހުށަހެޅުން ފާސްވީ އެމްޑީޕީގެ މެންބަރުންގެ ތާއީދާއެކުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނާޒިމްގެ ހުށަހެޅުން ފާސްވީ އެމްޑީޕީގެ ހަތަރު މެމްބަރުން ކަމަށްވާ، ކޮމެޓީގެ ނައިބު މުގައްރިރު ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިޝާމާއި، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފާއި، މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އަދި ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީދުގެ ވޯޓާ އެކުއެވެ.

އެ ކޮމެޓީގެ އަޣުލަބިއްޔަތު އޮންނަނީ އެމްޑީޕީއަށެވެ. އެ ކޮމެޓީގައި އެމްޑީޕީގެ 8 މެންބަރަކު ތިއްބަވައެވެ. އެހެންކަމުން މަޖިލީހުގެ ތަޅުމެކޭ އެއްގޮތަށް އެ ކޮމެޓީން ކަމެއް ފާސްކުރުމަށް އެހެން ޕާޓީއެއްގެ މެންބަރެއްގެ މަދަދެއް ބޭނުމެއް ނުވާނެއެވެ.

ނާޒިމްގެ ހުށަހެޅުމަށް އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) ވެސް ވަނީ ތާއީދުކުރަށްވާ ވޯޓު ދެއްވާފައެވެ.

އިމްތިޔާޒު އަދި ސްލޫކު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުން:

  • ޔާސިރު އަބްދުއްލަތީފް- ކުޅުދުއްފުށި އުތުރު ދާއިރާ، (އެމްޑީޕީ)
  • މުހައްމަދު ވިސާމް- ގަމު ދާއިރާ، (އެމްޑީޕީ)
  • މުހައްމަދު ރާއީ- މަކުނުދޫ ދާއިރާ، (އެމްޑީޕީ)
  • އަލީ ރިޒާ- މިލަންދޫ ދާއިރާ، (އެމްޑީޕީ)
  • ހުސައިން ވަހީދު- ކޮމަންޑޫ ދާއިރާ، (އެމްޑީޕީ)
  • އަހުމަދު ހާރޫން- މަނަދޫ ދާއިރާ، (އެމްޑީޕީ)
  • އަބްދުﷲ ސަނީފް- ތިނަދޫ ދެކުނު ދާއިރާ، (އެމްޑީޕީ)
  • އަހުމަދު ރަޝީދު- ހިތަދޫ މެދު ދާއިރާ، (އެމްޑީޕީ)
  • އާދަމް ޝަރީފް- މަޑުއްވަރި ދާއިރާ، (ޕީއެންސީ)
  • މުހައްމަދު ނާޒިމް- ދަނގެތި ދާއިރާ، (ޖޭޕީ)
  • އަހުމަދު ސިޔާމް މުހައްމަދު- މީދޫ ދާއިރާ، (އެމްޑީއޭ)
  • މުހައްމަދު ޣައްސާން މައުމޫން- ގުރައިދޫ ދާއިރާ، (ޕީޕީއެމް)
  • މުހައްމަދު ނަޝީދު އަބްދުﷲ- ނޮޅިވަރަމް ދާއިރާ، (އަމިއްލަ)

މަޖިލިސް ރައީސް، ރައީސް ނަޝީދު އަންގަވައިގެން ވަނީ ޒަމީލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް އޮފީހަށް ވެސް ފޮނުވައިފަ އެވެ. ޒަމީލުގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވީ މަޖިލީހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމަށް ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ.

ޕީޖީ އޮފީހަށް ހުށަހެޅި އެ މައްސަލަ ތަފްސީލުކޮށްދީ މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހަށް ނުވަތަ ކޮމެޓީއަކަށް ހާޒިރުވުމަށް ވަކި މީހަކަށް ނުވަތަ ވަކި މުއައްސަސާއަކަށް އެންގުމުގެ ބާރު މަޖިލީހާއި ކޮމެޓީތަކަށް ލިބިގެންވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ނުވަތަ ކޮމެޓީއަކަށް ހާޒިރުވެ އެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ހެކިބަސް ދިނުމާއި ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހޯދުމަށް ހުށައެޅުމަށް އެންގުމުގެ ބާރުވެސް ލިބިގެންވާ ކަމަށެވެ.

އެމްޑީޕީގެ މެންބަރުންގެ ވޯޓާއެކު ޒަމީލްގެ މައްސަލަ ބޭރުވުމުން ރައީސް ނަޝީދުގެ ސަޕޯޓަރުން ދަނީ މީސް މީޑިއާގައި ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސްއަޕް ގްރޫޕްގައި ވެސް އެ މައްސަލައާއި ގުޅިގެން ހޫނު ބަހުސެއް ދަނީ ހިނގަމުންނެވެ.