ގުޅީފަޅު ބިންހިއްކުމާއި އިތުރު މަސައްކަތްތައް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ސައިޓު މޮބިލައިޒް ކޮށްފިއެވެ.
އެ ކުންފުނިން ބުނިގޮތުގައި ސައިޓް މޮބިލައިޒް ކުރީ އިއްޔެއެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ 8.94 މިލިއަން ރުފިޔާ އަށެވެ. އަދި މި މަޝްރޫއުގެ މަސައްކަތް 55 ދުވަހުގެ ތެރޭ ނިންމުމަށް އެމްޓީސީސީން ވަނީ ތާވަލުކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން 80،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 380 މީޓަރުގެ ސަރަޙައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެއެވެ.
އެމްޓީސީސީ އިން ބުނީ ގުޅީފަޅު ޕްރޮޖެކްޓަކީ ބްރިޖް ކޭންޓިން ޕޮޒއިންޓުގެ ޝޯ ޕްރޮޓެކްޝަނާ ގުޅުން ހުރި މަސައްކަތެއް ކަމަށެވެ.
ތިލަފުށީގެ ބަދަލުގައި ގުޅީފަޅަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރަން ނިންމީ ބަނދަރުގައި ކުރާ ހުރިހާ މަސައްކަތެއް އެތަނަށް ބަދަލުކޮށް މާލެއަށް ބޮޑު ބަދަލެއް ގެންނަ ގޮތަށް ރާވައިގެން ކަމަށް ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ 2020 ވަނަ އަހަރުގެ ޖުލައި 6 ވަނަ ދުވަހު ވިދާޅުވެފައެވެ.
މާލޭގެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމަށްޓަކައި ތިލަފުށީގައި ބަނދަރު ހަދަން ކުރީގެ ސަރުކާރުން އޮތީ ރާވާފަ އެވެ. ނަމަވެސް ތިލަފުށީގެ ބަދަލުގައި ގުޅީފަޅުގައި ބަނދަރު ހަދާގޮތަށް ނިންމީ އެއީ ތިމާވެށީގެ ގޮތުން ބަލާއިރު ވެސް އެންމެ ރައްކާތެރި ގޮތަށް ވުމުން ކަމަށް މި ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!