އޮންލައިންކޮށް ކްލާސްތައް ކުރިއަށްގެންދިއުމަށް ޓީޗަރުންނާއި ދަރިވަރުންނަށް ހާއްސަ ޕެކޭޖުތަކެއް އުރީދޫ އިން ތައާރަފު ކޮށްފިއެވެ.

އުރީދޫ އިން ބުނީ މި އެޑްއޮންތައް އެ ކުންފުނީގެ ސުޕަނެޓް އާއި ފަސޭހަ ހޯމް ބްރޯޑްބޭންޑް އަދި މައިފައި ބޭނުން ކުރާ ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ. އަދި އޮންލައިން ކްލާސްތައް ކުރިއަށްގެންދަން އަލަށް މައިފައި ޕެކޭޖު ނަގާ ޓީޗަރުންނާއި ދަރިވަރުންނަށް ހިލޭ މައިފައި ޑިވައިސް ލިބޭނެ ކަމަށް ވެސް އެ ކުންފުނިންބުންޏެވެ.

Ad
rt

އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން އުރީދޫ އިން ތައާރަފު ކުރި މި ޕެކޭޖުތަކުގެ ދަށުން ހިލޭ ޑޭޓާ އާއި އެޑްއޮންތައް އެ ކުންފުނީގެ ޑިޖިޓަލް ޕްލެޓްފޯމުތަކުން ނެގޭނެއެވެ. މިޕެކޭޖުތަކާ ގުޅޭ މައުލޫމާތު އެޑިއުކޭޝަން މިނިސްޓްރީން ޓީޗަރުންނާއި ބެލެނިވެރިންނާ ހިއްސާ ކުރާނެ ކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫން ތައާރަފު ކުރި އެޑްއޮންތައް

  • އީޑީޔޫ 7 ޖީބީ: 35ރ.
  • އީޑީޔޫ 15 ޖީބީ: 90ރ.
  • އީޑީޔޫ 30 ޖީބީ: 200ރ.

މި އެޑް-އޮން ޕެކޭޖުތައް މެދުވެރިކޮށް ގޫގުލް މީޓް އާއި ގޫގުލް ކްލާސްރޫމާއި ގޫގުލް ޑްރައިވް އަދި filaa.moe.gov.mv އަށް ވަދެވޭނެއެވެ.

އުރީދޫގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ ގޭގައި ތިބެގެން ޑިޖިޓަލްކޮށް ހިދުމަތް ހޯދަން ޖެހިފައިވާ ވަގުތެއްގައި ހުރިހާ ދަރިވަރުންނަށް ވެސް އޮންލައިންކޮށް ކިޔެވުމުގެފުރުސަތު ލިބެން ޖެހޭ ކަމަށެވެ. އެހެންކަމުން އުރީދޫއަށް މިކަމުގައި އެހީތެރިކަން ފޯރުކޮށްދެވުމަކީ ލިބޭ އުފަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މުޖުތަމައުގެ ކުރިއެރުމަށް އިސްކަމެއްދީގެން މަސައްކަތްކުރަމުންދާ ކުންފުންޏެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ގަބޫލުކުރަނީ ގޭގައި މަޑުކޮށްލަން ޖެހިފައިވާ މިދަނޑިވަޅު ހުރިހާ ދަރިވަރުންނަށްވެސް އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ލިބިމުކީ މުހިންމުކަމެއްގައި. އެހެންކަމުން އެޑިއުކޭޝަން މިނިސްޓްރީއާއެކު އޮންލައިންކޮށްކިޔެވުމަށް ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." ނަޖީބު ޚާން ވިދާޅުވިއެވެ.

ކޮވިޑް-19ގެ ސަބަބުން ސްކޫލްތައް ބަންދުވެ، ގޭގައި ތިބެގެން ކިޔަވައިދޭން ފެށީއްސުރެ، އުރީދޫން އަންނަނީ ދަރިވަރުންނާއި ޓީޗަރުންނަށް އެހީވުމަށް ހިލޭ ޑޭޓާފޯރުކޮށްދެމުންނެވެ.