ދިވެހި ދަނޑުވެރިން އެންމެ އާއްމުކޮށް އެންމެ ފަސޭހައިން ހައްދާ އެއް ބާވަތަކީ ފަތްކޭލެވެ.

ނަމަވެސް މިހާރަކަށް އައިސް ފަތްކެޔޮ ހެއްދުމަށް ހުންނަ ގޮންޖެހުންތައް ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ދަނީ އިތުރުވަމުންނެވެ. މި ފަހަރު މިބަލައިލަނީ ފަތްކެޔޮ ގަހުގެ ފަތްތައް ދޮންވުމާ އެކު އެނދުމުގެ މައްޗަށެވެ.

Ad
rt

ސުރުޚީގައި މިހެން އޮތަސް މި ބައްޔަކީ 'ޕެނަމާ ޑިޒީޒް' ނުވަތަ 'ފިއުޒޭރިއަމް އޮކްސިސްޕޯރަމް' އެވެ.

މުހިއްމު!

ހަނދާނުގައި ބަހައްޓަންވީ ކަމަކީ ފަތްކެޔޮ ގަހަށް ދިމާވާ އެއްވައްތަރުގެ ބައިވަރު ބަލި ހުންނަ ކަމެވެ. އަލާމާތްތަކުގެ ގޮތުން މިބައްޔާ އެންމެ ވައްތަރު، ފަތްކޭލަށް ޖެހޭ ބަލިތަކަކީ ސިކަޓޯކާ ފަންގަސް ބައްޔާއި ބްރެކްޓް މޮސައިކް ވައިރަސް ބައްޔާއި ސްޓްރީކް ވައިރަސް ބައްޔެވެ.

ސިގަޓޯކާ ފަންގަސް ބަލި ބްރެކްޓް މޮސައިކް ވައިރަސް ބަލި ސްޓްރީކް ވައިރަސް ބަލި

އަދި ޕޮޓޭސިއަމް މަދުވުމުން ފަތްތަކުން ފެންނަ ކައިރިފަށް އެނދުމުގެ ޢަލާމާތްތަކާއި ނައިޓްރިޖަން މަދުވުމުން މުޅިގަސް މަޑުފެހި ނުވަތަ އަލިރީނދޫކުލައަށް ބަދަލުވުމާއި މިބަލީގެ ބައެއް ޢަލާމާތްތަކާ ދާދި އެއްގޮތެވެ.

ޕޮޓޭސިއަމް މަދުވުން ނައިޓްރިޖަން މަދުވުން

އެހެންކަމުން ކެޔޮގަސްތަކަށް ބަލާފައި ޕެނަމާ ބަލި ކަމަށް ނިންމަންވާނީ ކަމާގުޅޭ ފުރިހަމަ މަޢުލޫމާތު ހޯދުމަށްފަހު ނުވަތަ ތަޖުރިބާކާރެއްގެ އެހީތެރިކަން ހޯދައިގެންނެވެ.

ޕެނަމާ ބައްޔަކީ ކޮބާ؟

ޕެނަމާ ބައްޔަކީ 'ފިއުޒޭރިއަމް އޮކްސިސްޕޯރަމް' ނަމަކަށް ކިޔާ ފަންގަސްއެއްގެ ސަބަބުން ގަހުގެ ފަތްތަކާއި ތަނޑި ރީނދޫވުމާއެކު އެނދުމާއި ގަސްގަނޑުގެ ތިރިން ފަޅައިގެން ދިޔުމެވެ.

ޕެނަމާ ބަލި

ކޭލުގެ ބާވަތުންނާއި ބަލިޖައްސާ ފަންގަސްގެ ބާވަތުން އަދި ވެށީގެ ބަހާތަކުން ޢަލާމާތްތަކަށް ބަދަލުއައުން އެކަށީގެން ވެއެވެ. އަބަދުވެސް މިބަލީގެ އަސަރު ފެންނަމުންދާނީ އެންމެ ފުރަތަމަ ގަހުގެ އެންމެ ތިރީގެ ފަތްތަކުންނެވެ. އެގޮތުން ގޮސް ޅަފަތްތަކަށްވެސް ބަލި ޖެހެއެވެ. އަދި ފަހުން ގަސްގަނޑުން އަލާމާތްތައް ފެންނަށް ފަށައެވެ. ޕެނަމާ ބަލި ޖެހުމުން ކެޔޮގަހަކުން ޢާއްމުކޮށް ތިރީގައި އެވާ ޢަލާމާތްތައް ފެންނާނީ ގެނެސްދީފައި އެވާ ތަރުތީބުނެވެ.

ޕެނަމާ ބަލީގެ ޢަލަމާތްތައް

  1. ދުވަސްވީ ފަތްތަކާއި ތަނޑި ރީނދޫވުން އަދި އަނދަމުން ދިޔުން
  2. ބަލިޖެހޭ ފަތަށް މުށިކުލަ އެރުމަށްފަހު ފަތް ބިނދުން
  3. ދަޅިގަނޑު (ގަސްގަނޑު) ފަޅައިގެން ދިޔުން
  4. ރީނދޫކުލަ ނުވަތަ ރަތްކުލައިގެ ރޮނގުތަކެއް ގަސްގަނޑު ދިގަށް ދެމިފައި ހުރުން
  5. ގަސްގަނޑުގެ އެތެރޭގެ ޓިޝޫގެ ކުލަ، ރަތް ނުވަތަ ގަދަމުށި ކުލައަށް ބަދަލުވުން
  6. އެންމެފަހުން ގަސްގަނޑު ފާވެ، ގިރި މަރުވެދިޔުން

ފިއުޒޭރިއަމް އޮކްސިސްޕޯރަމް އަކީ ކޮބާ؟

މިއީ ފިއުޒާރިއަމް އާއިލާއަށް ނިސްބަތްވާ ފަންގަސްއެކެވެ. މި ފަންގަސްއަކީ ފަސްގަނޑުގައި އުޅޭ އާލާވެ ހުންނަ ފަންގަސްއެކެވެ. ހުރިހާ ފަންގަސްއެކޭ އެކޭ އެއްގޮތަށް މި ފަންގަސް ވެސް އާލާވަނީ ފަންގަސްގެ އޮށް (ޕޯރސް) އިންނެވެ.

ފިއުޒޭރިއަމް އޮކްސިސްޕޯރަމް ފަންގަސްއެއް އެތައް ގުނައަކަށް ބޮޑުކޮށްލުމުން ފެންނަގޮތް

މި އޮށްތައް ގަހަށް ދެމިގަންނަނީ އެންމެ ޅަ މޫތަކުންނެވެ. ބާރު ހިމުން ފަހުގައި ފަތްކެޔޮ ހައްދާނަމަ މި ފަންގަސްގެ މިމަރުޙަލާ ފަސޭހަކޮށްދެއެވެ. މި ފަންގަސްއަކީ ފެންބޮޑުވުމުންނާއި އަދި ބޫޓު، ފައިވާންފަދަ އެއްޗެހިންވެސް އެއްތަނުން އަނެއްތަނަށް އުފުލޭ ފަންގަސްއެކެވެ. ނަމަވެސް ފަންގަސް އެންމެ ޢާއްމުކޮށް މި ފަންގަސް އުފުލެނީ ބަލިޖެހިފައި ހުރި ގަހުގެ ބައިތަކުންނެވެ. ހޫނު ގަދަ ވުމުން ބަލި ފެތުރިގެން ދާ ހަލުއިމިން އިތުރުކޮށްދެއެވެ. ބަލިޖެހުމުން ފެންނަ ޢަލާމާތްތައް ފެންނަނީ ގަހުގައި ކާނާއާއި ފެން ދައުރުކުރާ ޓިޝޫތައް މިފަންގަސް އިން ބްލޮކު ކޮށްލާތީއެވެ. އެއް ދަނޑެއްގައި ބަލި ބޮޑުވަރުކޮށް ފެތުރުން ހަލުއިކުރާ ޙާލަތުތައް އެއްފަހަރާ މެދުވެރިވެއްޖެނަމަ އެ ފަތްކެޔޮ ދަނޑެއް އެއްކޮށް ހަލާކުވެގެންދާން މަސް ދެމަސްވެސް ނުނަގާނެއެވެ.

ބަލިން ރައްކައުތެރިވުމަށް ކުރެވިދާނެ ކަންތައްތައް

ރާއްޖޭގައި ފަތްކޭލަކީ ސެޓިފައިޑް ނާސަރީތަކުން ލިބެން ހުންނަ ގަހަކަށް ނުވިޔަސް، މިބަލިން ރައްކައުތެރިވުމަށް ކުރެވިދާނެ އެންމެ މުހިއްމު ކަމަކީ ޞިއްޙަތު ރަނގަޅު ޅަ ފަތްކެޔޮގަސް ސެޓިފައިޑް ނާސަރީ އަކުން ހޯދުމެވެ. މިފަދަ ބާވަތްތަކީ ބައްޔަށް ދިފާޢުވުމުގެ ބާރު ގަދަ މުޑުވައްތަކެވެ.

ޞިއްހަތު ރަނގަޅު ކަނޑިނިރެއް

އަހަރެމެންގެ ބާރުގެ ދަށުގައިވާ އެންމެ މުހިއްމު ކަމަކީ ފަސޭހައިން ފެންހިނދޭ ދޫ ފަހުގައި ފަތްކެޔޮ ހެއްދުމެވެ. އަދި ހަމަ މިގޮތަށް ކޮންމެ ދެ ހަފުތާއަކުން ބަލީގެ ޢަލާމާތްތައް ފެނޭތޯ ގަސްތައް ބަލަމުން ގެންދިޔުމެވެ.

ބަލި ޖެހޭ ގަސް އެހުރިތަނުގައި ބަހައްޓައިގެން ހަރބިސައިޑެއް (ގަސް މަރާ ބޭސް) ބޭނުންކޮށްގެން މަރައިލުމަކީ ބަލި ޖައްސާ ފަންގަސް އެހެން ގަސްތަކަށް ފޯރުނަނުދިނުމަށް ކުރެވިދާނެ މުހިއްމުކަމެކެވެ. ނުވަތަ އެފަދަ ގަސް މޫތަކާއެކު ނަގައި އަންދައިލެވިދާނެއެވެ. ގަސް ނަގާތަނުގައި ހުރި ފަސްކޮޅުވެސް ކޮންމެވެސް ވަރަކަށް ނަގައިގެން ދަނޑުން ބޭރަށް ގެންދާނީއެވެ. ބަލި ޖެހެހިފައި ހުންނަ ގަސް ހުރި ތަނުގައި އިތުރުގަހެއް އިންދާނަމަ އިންދަންވާނީ އެހެން ތަނަކުން ގެންނަ ފަސް ބޭނުންކޮށްގެނެވެ. އަދި ބަލި ގަސް ހުރިތަނުގެ ފަސް އެހެން ގަހެއް އިންދުމަށް ބޭނުންކޮށްގެން ނުވާނެއެވެ.

ދަނޑުގައި ބޭނުންކުރާ ފަކީރާ، އުދަލި، ކަތުރު އަދި ވަޅިފަދަ ތަކެތި ބޭނުންކުރުމުގެ ކުރިންނާއި ފަހުން ސޯޑިއަމް ހައިޕޯކްލޮރައިޓް ބްލީޗް ފަދަ އެއްޗެއް ބޭނުންކޮށްގެން ޑިސްއިންފެކްޓް ކުރުމަކީ ވެސް މުހިއްމު ފިޔަވަޅެކެވެ.

ޕެނަމާބަލި އެއް ދަނޑެއްގައި މާގިނަ ކެޔޮ ވަޅުތަކުން ފެންނަ ނަމަ 3 އަހަރުގެ މުއްދަތަށް އެދަނޑެއް ކެޔޮ އިންދުމަށް ބޭނުންނުކޮށް ހުއްޓައިލުން މުހިއްމެވެ. އެމުއްދަތުގައި އެބިމުގައި ކޮންމެވެސް އެހެން ބާވަތެއް ނުވަތަ ބާވަތްތަކެއް އިންދައި ހައްދާނީއެވެ. މިގޮތުން އުއްދަނޑި، ދަނޑި އަލުވި، ކަރާ ފަދަ ބާވަތެއް ހެއްދިދާނެއެވެ. މާބޮޑަށް މިބަލި ނޫޅޭ ނަމަ ދަނޑު އެއްކޮށް ބަދަލުކުރުމުގެ ބަދަލުގައި މި ބާވަތްތަކާއި އޭގެއިތުރުން ސަނދުބަރަކާ، ސަންފްލާވަރ އަދި ޗައިނީޒް ލީކްސް ދަނޑުގެ އެކި ހިސާބުތަކުގައި ހެއްދުމުން ބަލިޖައްސާ ފަންގަސް ބަލިކޮށްލައެވެ.

މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ބައްޔާ ދެކޮޅަށް ބޭނުންކުރާ މައިކްރޯއޯގަނިޒްމްސް (ލޮލަށް ނުފެންނަވަރުގެ ފައިދާހުރި ޖަރާސީމް) ހޯދައިގެން އެ ބޭނުންކުރަން އޮންނަ ގޮތަށް ބޭނުންކުރަމުން ގެންދެވިދާނެއެވެ.

ބަލި ކޮންޓްރޯލްކުރުން

އަހަރެމެންގެ ދަނޑުވެރިކަމުގެ ހުނަރާއި އާދަތައް ހުންނަ ގޮތުން ފަތްކޭލަކީ އެހެން ގަސްގަހާ ޚިލާފަށް ބަލިޖެހުމުން އެހާ ބޮޑަށް އަޅަލާ ޙައްލުހޯދުމަށް މަސައްކަތްކުރެވޭ ދަނޑުވެރިކަމުގެ ބާވަތެއް ނޫނެވެ. ނަމަވެސް ހައްދަމުންދާ ދަނޑުން މާލީގޮތުން އެންމެ ބޮޑު ނަފާ ނެރުމަށާއި މުސްތަޤްބަލުގައި ތިމާއާއި އެހެން މީހުންގެ ދަނޑުތަކަށް ބަލިފެތުރުނަ ނުދިނުމަށް ބަލި ކޮންޓްރޯލްކުރަން މަސައްކަތްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިގޮތުން ޕެނަމާ ބަލި ކޮންޓްރޯލްކުރުމަށް ޤުދުރަތީ ފަރުވާއާއި އެނޫން ފަރުވާ ބޭނުންކުރެވެއެވެ.

އަޅައިލެވިގެން ރަނގަޅަށް ހައްދާ ފަތްކެޔޮ ދަނޑެއް

ޤުދުރަތީ ފަރުވާ

ދުނިޔޭގެ ގައުމުތަކުގައި ޕެނަމާ ބައްޔާ ދެކޮޅަށް (ގެއްލުން ދޭ ޕެނަމާ އޮކްސިސްޕޯރަމް ފަންގަސް ދެކޮޅަށް) ޤުދުރަތީ ގޮތުން ބޭނުންކުރަނީ އެ ފަންގަސްއާ ހަމަލާދޭ 'ޓްރައިކޮޑާމާ ވިރިޑޭ ފަންގަސް' އަދި 'ސޫޑޯމޯނަސް ފްލޮރެސެންސް ބެކްޓީރިއާ ފަދަ ޤުދުރަތީ އެޖެންޓްސް އެވެ. މަދުމަދުން ރާއްޖޭގެ ދަނޑުބޭސް ވިއްކާ ފިހާރަތަކުން މިފަދަ ފައިދާ ހުރި މައިކްރޯއޯގަނިޒްމްސް ފުޅިއާއި ޕެކެޓް ވިއްކަން ހުއްޓައި ފެނެއެވެ.

ޕެނަމާ ބައްޔަށް ބޭނުންކުރާ ބައެއް ޤުދުރަތީ އެޖެންޓްސް

އެހެނިހެން ފަރުވާ

އަބަދުވެސް ގަހަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމަށް ގެންގުޅެންވީ އެންމެ ރަނގަޅު އާދައަކީ ރައްކައުތެރިވުމުގެ ފިޔަވަޅުތަކާއެކު ޤުދުރަތީ ފަރުވާ ބޭނުންކުރުމެވެ. ޤުދުރަތީ ނޫންފަރުވާވެސް އަމިއްލަ އިޚްތިޔާރުގައި ބޭނުންކުރެވިދާނެއެވެ. ނަމަވެސް ފިއުޒޭރިއަމް އެހެން ފަންގަސް ބަލިތައް ޖެހުމުން ބޭނުންކުރާ ފަންގިސައިޑް ބޭނުންކުރިޔަސް ޕެނަމާ ބަލި ކޮންޓްރޯލްކުރެވޭ ކަމަކަށް ދަނޑުވެރިންގެ ތަޖްރިބާއިން ފެންނާކަށް ނެތެވެ. އެހެންކަމުން ކޮޕަރ އެކުލެވޭ ފަންގިސައިޑެއްގައި ޅަ ކެޔޮނިރުތައް ގަޑިއެއް ހާއިރު (10 ގުރާމް 10 ލިޓަރު ފެނުގައި) ބަހައްޓާފައި ދެން ނަގައިގެން އިންދުމާއި ނިރު އިންދާތާ 6 މަސްވާ ދުވަހުން ފެށިގެން ކޮންމެ 2 މަހުން 1 މަހު މި ގޮތަށް ފެން ތައްޔާރުކޮށްގެން ދިނުމަކީ ކުރެވިދާނެ ކަމެކެވެ. މިހެން ކަންތައްކުރުމުން މި ބަލި ނުޖެހި ފަތްކެޔޮ ހެއްދެއެވެ. އަދި މަދު ބައެއްގެ ތަޖުރިބާއިން ޅައިރު މިގޮތަށް ނުހެދިނަމަވެސް، ބަލީގެ ޢަލާމާތްތައް ފެނުމުން މަހަކު 1 ދުވަހު ބުޑަށް މިގޮތައް ތައްޔާރުކުރި ފެން އަޅައިގެން ބަލި ކޮންޓްރޯލްކުރެވިފައި ވެއެވެ.

ކޮޕަރ އެކުލެވޭ ބައެއް ފަންގިސައިޑް

ސުވާލެއް؟

މިއީ ހުބާ ޕްލާންޓްސް ޓީމުގެ މެންބަރުން އެއްކޮށްފައިވާ މަޢުލޫމާތާއި ފަތްކެޔޮ ހެއްދުމުގެ ތަޖުރިބާގެ މައްޗަށް ބިނާކޮށްފައިވާ ލިޔުމެކެވެ. ލިޔުމުގެ ތެރޭގައި ބޭނުންކޮށްފައިވާނީ މެންބަރުން ކޮށްފައިވާ ސުވާލުތަކުގައި ހިމެނޭ ފޮޓޯއާއި ގޫގުލް އިމޭޖް ފޮޓޯއެވެ. މި ލިޔުމުގައި ވާ އެއްވެސް މަޢުލޫމާތަކާ ގުޅޭ ގޮތުން ސުވާލެއް އޮތްނަމަ ލިޔުމަށް ކޮމެންޓްކުރެއްވުން އެދެމެވެ. ނުވަތަ ހުބާ ޕްލާންޓްސްގެ ސުވާލާއި ޖަވާބުދޭ ޓެލެގްރާމް ގުރޫޕް، t.me/hubaPLANTSinfo ގައި ސުވާލުކުރެއްވުން އެދެމެވެ.

ނޯޓް: މިއީ ހުބާ ޕްލާންޓްސް ގެ ހެޔޮއެދުންތަކާއިއެކު ގެނެސްދެމުންދާ ސިލްސިލާ މަޢުލޫމާތުތަކެކެވެ.

ހުބާ ޕްލާންޓްސް ފޭސްބުކް

ހުބާ ޕްލާންޓްސް ޓެލެގުރާމް ޗެނަލް