ކުޅުދުއްފުށީ ސިޓީގައި ކޯވިޑް ފެސިލިޓީއެއް ނެތުމުންނާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ފްރަންޓްލައިން އެލަވަންސް ނުލިބޭތީ، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.
ޔާސިރު މިކަންބޮޑުވުން ފާޅުކުރެއްވީ، މިއަދުގެ މަޖިލިސް ޖަލްސާގައި، ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދިނުމަށް ހުރިދަތިތައް ބަލައި، އެކަންކަން ރަނގަޅު ކުރުމަށް ގޮވައިލާ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަށްވާފައިވާކަން ފާހަގަ ކުރައްވަމުން، ޔާސިރު ވިދާޅުވީ، މިއަދާ ހިސާބަށް އާދެވުނުއިރު ކޯވިޑްގެ ހާލަތު މެނޭޖުކުރުމުގައި ފަހި ފިޔަވަޅުތަކެއް އެޅިފައިވާ ކަމަށް ގަބޫލުކުރަށްވާ ކަމަށެވެ.
ޔާސިރު ވިދާޅުވީ، މިއަދު މި ބަލީގެ ހާލަތު ބޮޑުވެގެންދާއިރު އޭނާގެ ކަންބޮޑުވުންތަކެއް ވެސް އެބަ ހުރި ކަމަށެވެ. އަދި ކުޅުދުއްފުށީ ސިޓީއާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މި ބަލި ފެތުރެމުންދާކަމަށް ފާހަގަ ކުރައްވަމުން، މި ބަލި ކޮންޓްރޯލްކުރުމަށްޓަކައި ކުޅުދުއްފުށީގައި ކޯވިޑް ފެސިލިޓީއެއް ނެތުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ޚާއްޞަކޮށް ކަނޑުގަދަ، މޫސުން ގޯސް ދުވަސްވަރެއްގައި ރާއްޖޭގެ އުތުރުގައި ތިބި އެންމެހައި ރައްޔިތުން އެކިއެކި ޚިދުމަތްތައް، ކޯވިޑުގައި ނޫން ކަމަށް ވިޔަސް އަދި މާބަނޑު ހާލަތުގައި ވިޔަސް ދަތުރުކުރަންޖެހެނީ ކުޅުދުއްފުށްޓަން، އެހެންނަމަވެސް، އެ ތަނުގައި ފެސިލިޓީއެއް ނެތުމުގެ ސަބަބުން އިންތިހާއަށް ދިވެހި ރައްޔިތުންނަށް އަދި ޚާއްޞަކޮށް އުތުރުގެ ރައްޔިތުންނަށް އެބަ ދަތިތަކާ ކުރިމަތިލާންޖެހޭކަން ފާހަގަކުރަންޖެހޭ." ޔާސިރު ވިދާޅުވިއެވެ.
ޔާސިރު ވިދާޅުވީ، ޞިއްޙީ ޚިދުމަތްތެރިން އިންތިހާއަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ފާހަގަ ކުރައްވާ ކަމަށެވެ. އަދި އެ ފަރާތްތަކަށް ފްރޮންޓްލައިން އެލަވަންސްގެ ގޮތުގައި އެލަވަންސެއް ދެވެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ، އަތޮޅުތެރޭގައި ވެސް މި މަސައްކަތް ހަމަ ފެށުނީއްސުރެ ކުރަމުންދާ ރައްޔިތުންތަކެއް، އަދި ޚާއްޞަކޮށް ހެލްތު ސެކްޓަރގެ މުވައްޒަފުންތަކެއް އެބަ ތިބި. މިއަދާ ހިސާބަށް އައިއިރުގައި އަޅުގަނޑުމެންގެ ކުޅުދުއްފުށީގައި މަސައްކަތްކުރަމުން އައި އެއްވެސް ޞިއްޙީ ޚިދުމަތްތެރިޔަކަށް މި އެލަވަންސް ލިބިފައިނުވާކަން އަޅުގަނޑު ފާހަގަކޮށްލަން، އަޅުގަނޑުގެ އެދުމަކީ، މި އެލަވަންސް އެ ބޭފުޅުންނަށް ވެސް، ހަމަ އެ ބޭފުޅުން ވެސް އެ ގެންދަވަނީ ދިވެހި ރައްޔިތުންނަށް އަދި ޚާއްޞަކޮށް އުތުރުގެ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ރެޔާއި ދުވާލު މަސައްކަތްކުރައްވަމުން. އެ ބޭފުޅުންނަށް ވެސް މި އެލަވަންސް ލިބޭނެ އިންތިޒާމު ހަމަޖެހުމަކީ އަޅުގަނޑު ނުހަނު އެދޭ ކަމެއް. އަދި މިކަމުގައި އެން.އީ.އޯ.ސީން ވެސް އެއްބާރުލުން ދެއްވުމަށް އަޅުގަނޑު ހަމަ ނުހަނު އިޚުލާޞްތެރިކަމާ އެކު އެދެން." ޔާސިރު ވިދާޅުވިއެވެ.
އުތުރުގެ މައި ހަބުގެ ގޮތުގައި އޮންނަ ކުޅުދުއްފުށީ ސިޓީގައި ކޯވިޑް ފެސިލިޓީއެއް ނެތުމުން ޔާސިރު ކަންބޮޑުވުން ފާޅުކުރެއްވިއިރު، މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައި ކުޅުދުއްފުށީ ސިޓީއަށް ޒިޔާރަތްކުރި ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ، (އެޗްއީއޯސީ)ގެ "ޓެގް" ޓީމުން ވަނީ އެ ސިޓީއަށް ފެސިލިޓީއެއްގެ މުހިންމުކަން ފާހަގަ ކުރަށްވާފައެވެ. އަދި އެޓީމުން އިސްނަގައިގެން އެ ފެސިލިޓީގެ ކުރެހުން ވެސް ކުރެހިކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ކުޅުދުއްފުށީ ސިޓީގައި މިހާތަނަށް ކޯވިޑްގެ ބަލިމީހުން ބައިތިއްބުމަށް ބޭނުން ކުރަމުން އަންނަނީ ގެސްޓް ހައުސްއެކެވެ. އެ ތަނުގައި މިހާތަނަށް 300 އަށްވުރެ ގިނަ މީހުން ބައިތިއްބައިގެން ބަލަހައްޓައި، ފަރުވާދީފައިވާއިރު އެތަނަކީ ރަސްމީ ފެސިލިޓީއަކަށް ނުވާތީ، އެ މަސައްކަތުގައި އުޅޭ މުވައްޒަފުންނަށް މިހާތަނަށް ފްރަންޓްލައިން އެލަވަންސް ލިބިފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!