ވެކްސިންޖަހާއިރު 2 ޑޯޒުގައި 2 ވައްތަރުގެ 2 ވެކްސިން ޖެހުމުން ނޭދެވޭ އަސަރުތައް ފެންނަލެއް ގިނަކަމަށް އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޑަރު، ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ފައިސަލް މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، އެހެންނަމަވެސް ވެކްސިންގެ ސަބަބުން އުފައްދާ ދިފާޢީ ނިޒާމު ދެރަކަމަކަށް ނުފެންނަ ކަމަށެވެ.
އިންޑިއާގެ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކުރުމަށް ފަހު، ދެ ވަނަ ޑޯޒް ޖަހަން ޖެހޭމީހުންގެ ތެރެއިން، ރާއްޖޭގައި ވެކްސިން ނެތިގެން ވެކްސިން ނުޖެހި ލައްކައަކާއި ގާތްކުރާއަދަދެއްގެ މީހުން އެބަތިބި ކަމަށް އެޗްއީއޯސީ މީގެ ކުރިން ބުނެފައިވެއެވެ. ވެކްސިނުގެ ފުރަތަމަ ޑޯޒު ޖަހާފައި ވަކި މުއްދަތެއްގެ ތެރޭގައި ދެވަނަ ޑޯޒު ޖަހަން ޖެހެއެވެ.
ރާއްޖޭގައި މިވަގުތު ހުރީ ކޮވިޝީލްޑްގެ ވަރަށް މަދު ޑޯޒެވެ. އެ ވެކްސިން މިހާރު ޖަހަނީ މެޑިކަލް އެމެޖެންސީތަކުގައި އެކަންޏެވެ.
ވެކްސިންޖަހާއިރު 2 ޑޯޒުގައި 2 ވައްތަރުގެ 2 ވެކްސިން ޖެހުމުން ނޭދެވޭ އަސަރުތައް ފެންނަލެއް ގިނަކަމަށް ފާހަގަކުރެވޭ
އެކަމަކު ވެކްސިންގެ ސަބަބުން އުފައްދާ ދިފާޢީ ނިޒާމު ދެރަކަމަކަށް ނުފެނޭ pic.twitter.com/LcPjxqgRhb— Ahmed Faisal (@Faisalnaifaru) May 20, 2021
ދިވެހިރާއްޖޭގަައި ކޮވިޑް-19 ވެކްސިނޭޝަން ކެމްޕެއިން ފެށީ އާބާދީގެ ބޮޑު ބަޔަކަށް އެއްކޮށް ވެކްސިން ޖަހާ ނިންމާލެވޭނެ ކަމުގެ ފުރިހަމަ ޔަގީން ކަމާއި އެކުގައެވެ. ނަމަވެސް ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކު ޖެހި ކޮވީޝީލްޑް ވެކްސިން ހުސްވެ، ލިބުން ދަތި ވުމުގެ ސަބަބުން އެތައް ބަޔަކަށް ވަނީ ވެކްސިން ފުރިހަމަ ކުރެވޭ ގޮތް ނުވެފައެވެ. ކޮވީޝީލްޑް ވެކްސިން ލިބުން ދަތިވެ، ވެކްސިން ޖެހުމުގެ ހިދުމަތް މެދުކަނޑާލާފައި ވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ.
ފުރަތަމަ ޑޯޒްގެ ގޮތުގައި ޗައިނާގެ ސިނަފޯމް ވެކްސިން ޖެހުމަށް ފަހު، އިންޑިއާގެ ކޮވިޝީލްޑް ވެކްސިން ދެވަނަ ޑޯޒްގެ ގޮތުގައި މީހެއްގެ ގަޔަށް ޖެހި މައްސަލައެއް މީގެ ކުރިންވަނީ ފެންމަތިވެފައެވެ. މިއީ ފުރަތަމަ ޑޯޒްގެ ގޮތުގައި ޖެހި ބްރޭންޑް ނޫން އެހެން، ބްރޭންޑެއްގެ ވެކްސިންއެއް ރާއްޖޭގައި މީހެއްގެ ގަޔަށް ޖެހުނު ފުރަތަމަ ފަހަރެވެ. އެޗްއީއޯސީއިން ބުނީ ދެ ބްރޭންޑެއްގެ ވެކްސިން ދިވެއްސެއްގެ ގަޔަށް ޖެހުނީ އޮޅުމަކުން ކަމަށެވެ.
ޑޮކްޓަރުން މިހާތަނަށް ބުނަމުން އައީ ރާއްޖޭގައި ދެވަނަ ޑޯޒް ޖަހައި ދޭނީ، އެ މީހަކު ފުރަތަމަ ޑޯޒްގެ ގޮތުގައި ޖަހާ ބްރޭންޑްގެ ވެކްސިނުން ކަމަށެވެ. ވެކްސިން ދެމުން އައީ ވެސް އެގޮތަށެވެ.
ކޮވިޑް-19 އިން ދިފާއުވުމަށް އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ އުމުރުން 60 އަހަރުން ދަށުގެ މީހުންނަށް ފައިޒާ ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހުމަށް ސްޕެއިންގެ ހެލްތް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.
މި ހިނގާ މެއި މަހުގެ ތެރޭގައި ކޮވިޑް-19 ޖެހިގެން 39 މީހުން މަރުވެފައިވާއިރު، އޭގެ ތެރެއިން 60 ޕަސަންޓަށް ވުރެ ގިނަ މީހުން ކޮވިޑު ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ރޭ ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!