ކުރީގެ ރައީސް އަދި މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދަކީ މަރަންޖެހޭ މީހެއްކަމަށް، ސިފައިންނާއި، ފުލުހުންގެ އިސްސަފުގައި ތިބި ބައެއް މީހުން ބުނާކަމަށް މައްޗަށް ގޯޅި އުތުރުދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
މެންބަރު ރަޝީދު މިހެން ވިދާޅުވީ، ހަރުކަށި ފިކުރު ފަތުރައި، މީހުންގެ ލޭ ހުއްދަ ކުރުމަށް ގޮވާލަމުންދާތީ އެކަން ހުއްޓުވަން ގޮވާލައި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް މިއަދު ހުށަހެޅުއް ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ބަހުސް ފައްޓަވަމުން ރަޝީދު ވިދާޅުވީ، ހަރުކަށި ފިކުރުކަމަށް ނިސްބަތްކުރެވޭ މީހުން މީހުންގެ ތެރޭގައި ފިތުނަ ފަސާދަ އުފައްދައި، ބައެއް މީހުންނަކީ މަރަންޖެހޭ މީހުންކަމަށް ލޭބަލްކޮށް އުޅޭތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.
"މީގަ ފާހަގަކޮށްލަން ހަރުކަށި ފިކުރޭ މިބުނާ ބަޔަކު، މިހޭޓް ރޭޓްސް އުފައްދާއިރު މީގެ އެންމެ ބޮޑު އެއްކަމަށް މިވަނީ، މިކަން ފެށިގެން މިހާ ޒަމާންވަންދެން ގާތްގަނޑަކަށް ދިހަވަރަކަށް ބާރަވަރަކަށް އަހަރުވެގެން މިދަނީ މީހުންގެ ތެރޭގައި ނަފުރަތު އުފައްދައި އެބަޔަކު އެއީ މަރަންޖެހޭ ބަޔެއްކަމަށް ހަދައިގެން ވަކި ބަޔަކު ލޭބަލް ކޮށްގެން އުޅުން" ރަޝީދު ވިދާޅުވިއެވެ.
މީހުންގެ ކުރިމައްޗަށް އަރާފައި "ސީދާ މަރަން އެބަގޮވާ" ކަމަށާއި، މިކަން ބެލޭނެ އެއްވެސް މުއައްސަސާއެއް މި ގައުމުގައި ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މިފަދަ މީހުންނާއި މެދު އަމަލުކުރަންޖެހޭނެ ގޮތް ގާނޫނުގައި ވަރަށް ސާފުކޮށް އެގެން އޮންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"ވަކި މީހެއްގެ ހޭޓް ރޭޓްސް އުފައްދައިގެން މިވެނި މީހަކީ މަރަންޖެހޭ މީހެކޭ، ލޭ އޮހޮރުވަންޖެހޭ މީހެކޭ ލޭބަލްކޮށްގެން ނުކުމެ އެމީހާ ކަތިލައިގެން މިވީހާތަަނަށް އެމީހެއްގެ މަރު ސާބިތުވާ ހެއްކެއްހާ ހިސާބުވެސް ނުފެނޭ، ގާ ފުރޮޅަމުން ފުރޮޅަމުން މުޅިރާއްޖޭގައި ހުރި ހުރިހާ ގަލެއް ފުރޮޅަމުން އައިސް އެއްކަލަ ގާ ފުރޮޅާ މީހާ މިތާ މަޖިލިސް އެތެރޭގައި މިހާރު މީނީ" ރަޝީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހުރިހާ މުއައްސަސާއެއް އޮތީ ހަމަ ބޮޑުތަކުން ފެއިލްވެފައި ކަމަށެވެ. އަދި މުޖުތަމައުގައި އުޅޭ ވަކި ބަޔަކާދޭތެރޭ ފިޔަވަޅު އެޅެން ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންވީމާ ސޯސަލް މީޑިއާގައާއި، މަގުމަތީގައި ސީދާ ދިމާލަށް ދޮޅިދަށަށް އަތްކޮށްޕާލާފަ، މިބުނާ މީހުންނާ ދޭތެރޭގަ ވެސް އެޅޭނެ ފިޔަވަޅެއްނެތް، މިވަރަށް ބޮޑު މައްސަލައެއް، މިކަން ހުއްޓުވަން އެބަޖެހޭ، މިކަން ނުހުއްޓުވޭނަމަ މިހާރުން މިހާރަށް އިސްތިއުފާދެއްވާފަ ހުރިހާ ބޭފުޅުން ވަޑައިގަންނަވާ، މިކަން ކުރެވޭނެ ބަޔަކު ހޯދާ" ރަޝީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އޭނާއާއި ބައްދަލުވާ ސަލާމަތީ ބާރުތަކުގެ އިސްސަފުގައި ތިބި ބައެއް މީހުން މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދަކީ މަރަންޖެހޭ މީހެއް ކަމަށް އޭނާ ގާތު ބުނާ ކަމަށެވެ.
"މިތާގަ މަގުމަތިން އަޅުގަނޑާ ދިމާވެގެން އައިސް އެބަބުނޭ، އެމްއެންޑީއެފްގެ ކޯސްޓް ގާޑުގެ ކެޕްޓަނުން ވެސް އެބަބުނޭ ރައީސް ނަޝީދަކީ މަރަންޖެހޭ މީހެކޭ، ޕޮލިހުންގެ ތެރޭގަ އިސްސަފުގަ ތިބިމީހުން އެބަބުނޭ ރައީސް ނަޝީދަކީ މަރަންޖެހޭ މީހެކޭ، މިހިސާބަށް ދިޔައީމަ މި މުއައްސަސާތައް މިތިބީ ފެއިލްވެފައި، މިހިސާބަށް ދާކަށް ބޭނުމެއްނޫން މިކަން ނުވަންޏާ އެބަޔަކު އެކަހެރިވޭ" ރަޝީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބަސްތުވާތަކެތީގެ މައްސަލަތަކުގައި ދިގު ހުކުމެއް ތަންފީޒުކޮށް، އެތައް ޒަމާނެއް ކޮށްފައި ޖަލުން ނުކުމެގެން އަންނަނީ "ކުދި ބޮންތަކެއް"ގެ ގޮތުގައި ކަމަށާއި، އެ މީހުން ތިބެނީ ޖިހާދަށް ފުރަން ތައްޔާރަށް ކަމަށެވެ.
"ޖަލުން ނުކުމެގެން މިއަންނަނީ ކުދި ބޮންތަކަކަށް، ޖިހާދަށް ފުރަން ރެޑީގައި، މަސްތުވާ ތަކެތި ބޭނުންކޮށްގެން އެތައް އަހަރެއް ވަންދެން ޖަލުގައި އޮންނަ ކުއްޖަކު ނުކުމެގެން އަންނައިރު މީނަ މިހިރީ އިލްމްވެރިއަކަށް ބަދަލުވެފަ، އޭނަ ޖިހާދަށް ފުރަން ރެޑީގަ މިހުންނަނީ، މިހިސާބަށް މިގައުމުގޮއްސި، މިކަމުގައި އިހްމާލްވާ ބަޔަކު އެބަތިބި، މިކަން ކޮށްފަތިބި މީހުންތަކެއް އެބަތިބި މިގައުމުގެ އިސްވެރިންގެ ގޮތުގައި، އެހެންވީމަ މިކަންކަން ބެލޭނެ ކަމާދޭތެރޭ އަޅުގަނޑުއެބަ މާޔޫސްވޭ، މިކަމާ ހިތާމަ ކުރަން،" ރަޝީދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ އޭނާ އެވާހަކަ ދައްކަވަނީ ޖޯކަކަށް ނޫން ކަމަށާއި، ކަންކަން ހައްލުވާނީ އެކަން ކުރުވާ ބަޔަކު ހިފާ ހައްޔަރު ކޮށްގެން ކަމަށެވެ.
"މިއީ ޖޯކެއް ނޫން ސޯސަލް މީޑިއާގަވެސް މީހަކާ ދިމާއަށް ގޮވަންޖެހޭ ހުރިހާއެއްޗެއް ގޮވަނީ، މަރަން ގޮވަނީ، އޭނަގެ ލޭ އޮހޮރުވަން ގޮވަނީ، މިސްކިތްތަކުގައި ގޮވަނީ، ދަންވަރު ތަންތަނަށް ކުޑަކުދިން ވައްދައިގެން ނަސޭހަތްވެސް ލައިދެނީ، މި ފާޅުކަންމަތީ އިންޓަލިޖެންސްއަށް ވެސް މިކަން އިނގޭ، މިކަން އިންގިހުރެ ފާޅުގައި ކުރަނީ، އެހެންވީމަ އެބަޔަކު ފުރަތަމަ ހިފާހައްޔަރު ކުރަންވީ، އެމީހުން ހައްޔަރުނުކޮށް މިކަން ކުރެވޭނެ އެއްވެސް ގޮތެއް ނެތް ފެންނާކަށް." ރަޝީދު ވިދާޅުވިއެވެ.
މެންބަރު މީކާއީލްގެ ހުށަހޅުއްވި އެ ކުއްލި މައްސަލައަށް ތާއީދު ކުރަށްވަމުން، ރަޝީދު ވަނީ އޭނާ ބަހުސްގައި ފާހަގަކުރެއްވި ކަންކަން ބަލައިދިނުމަށްޓަކައި މަޖިލީހަށް ކުރެވެން ހުރި ހުރިހާކަމެއް ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!