ހަރުކަށި ފިކުރަކީ ދީނާ ގުޅޭކަމެއް ނޫން ކަމަށާއި، އެއީ ޖާހިލިއްޔަތުގެ ކަމެއް ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.

މެންބަރު ރާޢީ މިހެންވިދާޅުވީ، މިއަދު ކުރިއަށް ގެންދިޔަ މަޖިލިސްގެ 2021 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 1 ވަނަ ޖަލްސާގައި "ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ޙަމަލާއާގުޅޭ ޚާއްޞަ މައްސަލަ ދިރާސާކުރުމަށް ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓު"އަށް ބަހުސް ކުރަށްވަމުންނެވެ.

Ad
rt

ރާޢީ ވިދާޅުވީ ހަރުކަށި ފިކުރަކީ ދީނާ ގުޅޭކަމެއް ނޫން ކަމަށެވެ. އެއީ ޖާހިލިއްޔަތުގެ ކަމެއް ކަމަށެވެ. އެ ފިކުރު މިއަދު ދިވެހިރާއްޖޭގެ އެޑިޔުކޭޝަން ސިސްޓަމްގެ ތެރޭގައި އެބައޮތްކަމަށާއި، އެޑިޔުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ މިކަމށް ސަމާލުވާން ޖެހޭ ކަމަށް ވެސް ރާޢީ ވިދާޅުވިއެވެ.

"ސްކޫލް ނިންމާފަ ނުކުންނަ ކުދިން އެބަބުނޭ ތިމަންނަމެން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރުމަކީ ދީނުގައި އޮންނަ ކަމެއް ނުނޭ، އެހެންވީމަ އަޅުގަނޑު މިވާހަކަ ދައްކާފައި ނުކުމެގެން ދާއިރު ހުންނަންޖެހޭނީ ޝަހާދަތް މަތީގައި، އެމީހުން ގަބޫލު ކުރާ ގޮތުގައި އަޅުގަނޑު މަރަން ޖެހޭނެ" ރާޢީ ވިދާޅުވިއެވެ.

އެ މައްސަލާގެ ބަހުސް ކުރިއަށް ގެންދަވަމުން ރާޢީ ވަނީ މަޖިލިސް ރައީސް، ރައީސް ނަޝީދަށް ދެވުނު ހަމަލައާއި ގުޅިގެން ސަލާމަތީ ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް އިޝާރާތް ކުރަށްވާ ވެސް ވާހަކަ ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ ސަލާމަތީ ފަރާތްތަކުން އުފެއްދި ސުވާލަކީ އެބޭފުޅުން އަރިހުގައި ރައްޔިތުން ކުރަންޖެހޭ ސުވާލެއް ކަމަށެވެ.

"އަޅުގަނޑު ދުށިން އަޅުގަނޑުމެންގެ ހިމާޔަތުގައި ތިބި ފަރާތްތައް ޓީވީއަށް އަރާފައި ސުވާލުކުރިތަން، ރައްޔިތުންނަށް އެނގުނުތޯ މިކަން ރޭވިގެން އައިއިރު، ރައްޔިތުން ކުރަންޖެހޭ ސުވާލު އެ ބޭފުޅުން އެކުރަނީ އެހެންވީމާ އަޅުގަނޑު ހަމަ ސުވާލު އުފައްދަށް މިވަރުގެ ކަމެއް ރޭވިގެންދާއިރު މިހަމަ ނޭނގިގެން ގޮސްހުރި ކަންތައްތަކެއްކަން" ރާޢީ ވިދާޅުވިއެވެ.

ރާޢީ ވަނީ އެ މައްސަލައިގެ އެންމެ ފުނަށް ފީނައި، އެކަމުގެ އަޑީގައި ތިބީ ކޮން ބަޔެއްތޯ ބަލަން ޖެހޭނެ ކަމަށެވެ. އެކަމުގައި އިހުމާލުވާ ފަރާތެއް ދައުލަތުގެ އެއްވެސް މަގާމެއްގައި، ވަޒީފާއެއްގައި ހުރިނަމަ ރީތި ގޮތުގައި އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ވެސް ރަޢީ ވިދާޅުވިއެވެ.

ރާޢީ ވިދާޅުވީ އެއީ ބަހުސްއެއްކޮށްލާފައި ނިންމާލުމަކުން ނިމޭނެ ކަމަށް ނެހެދޭނެ ކަމަށެވެ. އެހެން ކަމުން އެކަން "ބޮނޑު ނަގުލަށް ދިޔަ ނުދިނުމަށް" މަޖިލިސްގެ ރިޔާސަތުގައި ވެސް އަދި އެ މައްސަލަ ތަހުގީގު ކުރާ ފަރާތްތަކުގެ އަރިހުން ވެސް އެދޭ ކަމަށް ރާޢީ ވިދާޅުވިއެވެ. އަދި ރައީސް ޞާލިޙް ވެސް އެކަން އެހެންވާން ދޫކޮށް ނުލަށްވާނެކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.