މާލޭ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ ލިމިޓެޑް (އެމްޑަބްލިއުއެސްސީ)އިން ކުރިޔަށް ގެންދާ ނ. ކުޑަފަރީގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ 31 އިންސައްތަމަސައްކަތް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިގޮތުން، މި މަޝްރޫޢުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ 58 އިންސައްތަ އަދި 9.5 ކިލޯ މީޓަރުގެ ދިގުފެން ހޮޅިގެ މައިނެޓްވޯކުގެ ހޮޅިވަޅުލުމުގެ 93 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.

Ad
rt

މި މަސައްކަތުގެ ތެރޭގައި، ކުޑަފަރީގައި ފެން އުފެއްދުމަށްޓަކައި ދެ އާރު.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާނގީ ބެހެއްޓުން ހިމެނެއެވެ. އަދި މިމަސައްކަތް ނިމޭއިރު 169 ގެއަކަށް ފެނުގެ ކަނެކްޝަން ގުޅައިދީ، ފެންމީޓަރ ބަހައްޓައި، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ ކަމަށްއެމްޑަބްލިޔުއެސްސީ އިން ބުނެއެވެ.

މިމަޝްރޫޢުގެ ނަރުދަމާ ނިޒާމުގައި ހިމެނޭ 8.1 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯރކްގެ ހޮޅިވަޅުލުމުގެ 50 އިންސައްތަ އަދި ޕަންޕިން ސްޓޭޝަންތަކުގެ 44 އިންސައްތް މަސައްކަތް ވެސް މިހާރު ވަނީ ނިމިފައެވެ.

މި މަޝްރޫއުގެ ދަށުން ކުޑަފަރީގައި 650 މީޓަރުގެ ޕަމްޕިން ލައިން އެޅުމާއި، ސީ އައުޓް ފޯލްއެއް ގާއިމްކުރުން ވެސް ކުރާނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި،ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވެސް ވަނީ ހަަމަޖެހިފައިވެއެވެ.

މިއާއެކު، މިމަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނުފޯރުކޮށްދޭނީވެސް އެމްޑަބްލިޔުއެސްސީ އިންނެވެ.

ކުޑަފަރީގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން އެމްޑަބްލިއުއެސްސީ ހަވާލުކޮށްގެން ކުރިއަށް ގެންދާމަޝްރޫއެކެވެ. މި މަޝްރޫއަށް 38.2 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.