މޫސުން ގޯސްވުމުގެ ސަބަބުން އަތޮޅުތެރޭގެ އެމްޓީސީސީގެ ފެރީ ދަތުރުތަކުގެ ޝެޑިއުލަށް ބަދަލު އައުން އެކަށީގެންވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އިއްޔެ އެމްޓީސީސީން ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނޭ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފައި ވާތީއަތޮޅުތެރޭގައި އެމްޓީސީސީން ދުއްވާ ބައެއް ފެރީތަކުގެ ޝެޑިއުލަށް ބަދަލުއައުން އެކަށީގެންވާ ކަމަށެވެ.

Ad
rt

އެހެންކަމުން، އެ ފެރީތައް މެދުވެރިކޮށް އެއް ރަށުން އަނެއްރަށަށް މުދާ ގެންދަން ބޭނުންވާ ފަރާތްތަކުން ދުރާލައި ޝެޑިއުލަށް އަންނަ ބަދަލުތައް ރަށު ކައުންސިލުތަކުން ދެނެގަތުމަށް އެމްޓީސީސީ އިން ވަނީ އެދިފައެވެ.

"ވީމާ އެއް ރަށުން އަނެއް ރަށަށް މުދާ ގެންދިއުމަށް ބޭނުންފުޅުވާ ފަރާތްތަކުން ދުރާލާ އެމްޓީސީސީގެ މުދާ ފެރީ ޝެޑިއުލަށް އަންނަ ބަދަލުތައް އެރަށެއްގެ ރަށުކައުންސިލް މެދުވެރިކޮށް ސާފުކުރެއްވުމަށްވެސް ދަންނަވަމެވެ،"

އެމްޓީސީސީން ބުންޏެވެ.

އިއްޔެ މޫސުން ގޯސްވެ ޅ. އަތޮޅުން ފެށިގެން ހއ. އަތޮޅާ ހަމައަށް އޮރެންޖު އެލާޓުވެސް ނެރުނެވެ.

އެ ސަރަހައްދުގައި ގަޑިއަކު 34 މޭލާއި، 40 މޭލާއި ދެމެދުގެބާރުމިނެއްގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިޖެހުނެވެ. އެ ސަރަހައްދުގެ ރަށްތަކަށް ވަނީ އުދަވެސް އަރައިފައެވެ.