މިއަހަރުގެ މިހާތަނަށް ރިސޯޓުތަކުގައި މަސައްކަތް ކުރާ 48 އިންސައްތަ މުވައްޒަފުން ކޯވިޑް-19 ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުގައި ބުދަ ދުވަހުގެ ނިޔަލަށް ރިސޯޓުތަކުގައި މަސައްކަތް ކުރާ 97 އިންސައްތަ މުވައްޒަފުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަ ކޮށްފައެވެ. މިއީ 39،440 މުވައްޒަފުންނެވެ.

Ad
rt

ތަފާސްހިސާބުތައް ދައްކާގޮތުގައި މުޅި ފަތުރުވެރިިކަމުގެ ދާއިރާގެ 40،192 މުވައްޒަފުން ވަނީ މިހާތަނަށް ފުރަތަމަ ޑޯޒު ޖަހައިފައެވެ. މީގެ ތެރޭގައި ރިސޯޓު މުވައްޒަފުންގެ އިތުރުން ގެސްޓުހައުސްތަކުގައި މަސައްކަތް ކުރާ 306 މުވައްޒަފަކާއި ލިވަބޯޑުތަކުގައި މަސައްކަތް ކުރާ 220 މުވައްޒަފުންނާއި ހޮޓާތަކުގައި މަސައްކަތް ކުރާ 70 މުވައްޒަފެއް ހިމެނެއެވެ.

މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގައި މަސައްކަތް ކުރާ 67 މުވައްޒަފުންނާއި ޓްރެވަލް އެޖެންސީތަކުގައި މަސައްކަތް ކުރާ 25 މުވައްޒަފަކާއި ރިސޯޓުތަކަށް ދާ 64 ޕަފޯމަރުންނަށް ވެސް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިފައެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީން ވަނީ ރާއްޖެއަކީ ޓޫރިޒަމް ދާއިރާގެ ހުރިހާ މުވައްޒަފުން ވެކްސިން ފުރިހަމަ ކުރާ ދުނިޔޭގެ ފުރަތަމަ ގައުމަށް ހެދުމަށް ކެމްޕޭނެއް ވެސް ފަށައިފައެވެ. "އައި އެމް ވެކްސިނޭޓެޑް" ކެމްޕޭނުގެ ދަށުން ޓޫރިސްޓު ފެސިލިޓީތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެކްސިން ފުރިހަމަ ކުރުމުން ބެޖެއް ދޭނެއެވެ. މި ބެޖަކީ އެ މީހާއަކީ ކޮވިޑް-19ގެ ދިފާއުގައި މިވަގުތު އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅައިގެން ހުރި މީހެއްކަން ޓޫރިސްޓުންނަށް އަންގައި ދިނުމެވެ.