ފެނިގެން ދަނީ 7 ނޫނީ 8 އަހަރު ވަންދެން ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ވެންޓިލޭޓަރުގައި އޮތްތަން ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
މެންބަރު ޔާސިރު މިހެން ވިދާޅުވީ، އިއްޔެ ކުރިއަށް ދިޔަ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާގައި "ނޭޝަނަލް ޑްރަގް އޭޖެންސީގެ ޤާނޫނީ ޒިންމާ އަދާކުރަމުންނުދާކަމަށް ބަޔާންކޮށް ހުށަހަޅުއްވާފައިވާ މައްސަލަ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު"އަށް ބަހުސް ކުރަށްވަމުންނެވެ.
ޔާސިރު ވިދާޅުވީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ވަރަށް ތަފުސީލީ ރިޕޯޓެއް އެކުލަވާލާ، މެންބަރުންނަށް ފޮނުވާފައި އޮތްއިރުގައި އެ ރިޕޯޓުން ފެންނަނީ ވަރަށް ތަފާތު މަންޒަރެއް ކަމަށެވެ.
ޔާސިރު ވިދާޅުވީ، ފެނިގެން ދަނީ 2011 ވަނަ އަހަރުގައި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ތަޢާރުފުކުރެވުނު ގާނޫން އެކީގައި ދިވެހިރާއްޖެއަށް އަންނަންޖެހޭ ބަދަލުތައް ޚާއްޞަކޮށް ޒުވާނުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރުމަށް ކުރަން ފެށުނު މަސައްކަތަށް ހަމަ އެއްވެސް ވަރަކަށް އަޅާނުލާ ހަމަ ރީތި 7 އަހަރު ދުއްވައިލާފައި އޮތް ތަން ކަމަށެވެ. އަދި ގާނޫނުގެ ތެރެއިން ކުރަންޖެހޭ އެއްވެސް މަސައްކަތެއް ނުކުރެވި އޮތް ތަން ފެނަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މި ރިޕޯޓުން އަޅުގަނޑަށް ފެންނަނީ 7 އަހަރު، 8 އަހަރު ވަންދެން އެން.ޑީ.އޭ ވެންޓިލޭޓަރުގައި އޮތް ތަން، މިއަދު އަޅުގަނޑުމެން ހަމައެކަނި މި ކުރާ މަސައްކަތަކީ، ފުރަތަމަ މި ގާނޫނުން އެން.ޑީ.އޭ ކުރަންޖެހޭ މަސައްކަތްތަކާއި އަދި މިއާ ވިދިގެން ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، އަލުން އެ ކަންތައްތައް ކުރެވޭނެ ގޮތްތަކެއް މަގުފަހިކުރުން." ޔާސިރު ވިދާޅުވިއެވެ.
އެ މައުލޫގައި ވާހަކަ ދައްކަވަމުން ޔާސިރު ވަނީ މިއަދާ ހަމައަށް އާދެވުނުއިރު އެން.ޑީ.އޭގެ ވާހަކަ ދައްކަމުންދާއިރުގައި އެން.ޑީ.އޭ ވެންޓިލޭޓަރުގައި އޮތުމުގެ ސަބަބުން އެ މަސައްކަތާއި، އެތަނުން ދޭފަރުވާތައް އިތުރަށް ދޭނެ ގޮތްތަކާއި، އެކަންކަން މިހާރު ރަނގަޅުކުރާނީ ކިހިނެއްތޯ ސުވާލު ކުރަށްވާފަ އެވެ.
"އަޅުގަނޑުމެން މެތަޑޯން ޓްރީޓްމަންޓް ފައްޓާނީތޯ؟ ނޫނީ ވިއްޔާ ކޮން ފަރުވާތަކަކަށްތޯ ދާންޖެހެނީ؟ މިއިން އެއްވެސް މަސައްކަތެއް ކުރެވިފައެއް ނެތް. ހަމައެއާއެކީ އަޅުގަނޑުމެން ބަލައިލަމާހިނގާ! އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ އެތަކެއް ޒުވާނުން ތިބިއިރުގައި ސަފުހަދާފައި ތިބީ ސަފުހަދާފައި މި ކަމަށް ވެސް މި ގުޅަންޖެހެނީ ކޮންމެވެސް މީހަކަށް ގުޅައިގެން ފަރުވާ ހޯދަން ފުރުޞަތެއް މި ބޭނުންވަނީ. މިއީ އަޅުގަނޑުމެންގެ މިއަދުގެ ހާލަތަކީ." ޔާސިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، 2011 ވަނަ އަހަރު ގާނޫނުން ތަންފީޛުކޮށް ދޫކޮށްލާފައި އެއްވެސް ކަމެއް ނުވެ އޮތްއިރުގައި މިއަދު އަދި އެން.ޑީ.އޭ ހުރިކަމުގައި ވިޔަސް އަދި އެހެން ދެ ތިން މަރުކަޒެއް ހުރިކަމުގައި ވިޔަސް، އެތަންތަނަށް މުވައްޒަފުންނެށް ވެސް ނެގިފަ ނުވާކަމަށެވެ. އަދި އެކަން ނުވެ އޮތީ ސިވިލް ސަރވީސް ކޮމިޝަންގެ ދަށުގައި އެން.ޑީ.އޭ އޮތުމުން ކަމަށް ވިދާޅުވާ ކަމަށް ޔާސިރު ވިދާޅުވިއެވެ.
އެން.ޑީ.އޭއަށް ޓެކްނިކަލް ރަނގަޅު މުވައްޒަފުން ބޭނުންވާކަން ފާހަގަ ކުރަށްވައި، އޭނާ ވިދާޅުވީ އެ ތަނަށް ބޭނުންވާ ޚިދުމަތްތައް ވެސް އަދި އެކިއެކި ސާމާނު ލިބުމުގައި ވެސް ދަތިކަން ހުރިކަމަށެވެ. އެއީ މިއަދު ދައްކަންޖެހޭނެ ވާހަކައެއް ކަމަށް ވެސް ޔާސިރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މިއަދާ ހިސާބަށް އައިއިރުގައި މި ދާއިރާއަށް ޙަޤީޤަތުގައި މި ނިމިދިޔަ އަހަރުތަކުގައި އެއްވެސް ވަރަކަށް އަހައްމިއްޔަތެއް ދެވިފައެއް ނެތް. މިއަދު އަޅުގަނޑުމެން މި ވާހަކަދައްކާއިރުގައި ރިމާންޑް ސެންޓަރުތަކެއް ނެތް. މި ގާނޫނުގެ ދަށުން ކުރަންޖެހޭ އެތަކެއް ކަންތައްތަކެއް ކުރެވިފައިނުވާކަން ފާހަގަކޮށްލަން. ދެން، އަޅުގަނޑުމެން އެންމެ ބޮޑަށް ދައްކާ ވާހަކަ، ޚިދުމަތްތައް ލާމަރުކަޒުކުރުމުގެ ވާހަކަ، މިއަދު އަޅުގަނޑުމެން މި ދައްކަނީ މީގެ ތެރެއިން ވަރަށް ކުދިކުދި ކަންތައްތައް، މިސާލަކަށް މަސްތުވާތަކެތީގެ ދަރަޖަ ދެނެގަތުމަށް މި ހަދާ އިންޑިކޭޓިވް އެސެސްމެންޓްސް ވެސް ހަމައެކަނި މި ހެދެނީ ވަކި ތާކުން. މިއީ އަތޮޅުތަކުން ހެދެންޖެހޭނެ ހަމަ ޓެސްޓެއް، ވަރަށް ކުޑަކުޑަ ޓެސްޓެއް. ކޮންމެ އަތޮޅު ހޮސްޕިޓަލަކުން ވެސް މިކަން ކުރެވޭނެ." ޔާސިރު ވިދާޅުވިއެވެ.
ޔާސިރު ވިދާޅުވީ، ކޮމިއުނިޓީ ބޭސްޑް ފަރުވާއަށް މާލޭގައި، ކުރަންޖެހޭ މަސައްކަތުގެ ސަބަބުން ފަރުވާ ހޯދާ ކުދިން ދެވަނަ ފަހަރަށް ހަލާކުގެ ތެރެއަށް ވެއްޓިގެން ދާކަމަށެވެ.
މަސްތުވާތަކެތީގެ ވަބާގެ ވާހަކަ ދައްކާއިރުގައި ރާއްޖޭގެ ސްކޫލުތަކާއި، މުޅި މުޖުތަމައުގައި ވެސް އެ ވަބާއިން ދުރުވެތިބުމަށް ހޭލުންތެރިކުރުމުގެ ޚާއްޞަ ޕްރޮގުރާމުތަކެއް ހިންގަންޖެހޭ ކަމަށް ވެސް ޔާސިރު ދެއްކެވި ވާހަކާގައި ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!