މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ (ބްރޯޑްކޮމް)ގެ މެންބަރުކަމުގެ މަޤާމަށް ޝިފްލާ އިބްރާހީމް އައްޔަނުކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމަށް ޝިފްލާ އައްޔަނުކުރުމަށް މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި ފެންނަ ކަމަށް 71 މެމްބަރަކު ވޯޓު ދެއްވި އެވެ.

Ad
rt

ބްރޯޑްކޮމްއަށް އައްޔަން ކުރަން މިފަހަރު ތިން ނަމެއް ރައީސް ޞާލީހް މަޖިލީހަށް ފޮނުއްވިއެވެ. އެއީ ޝިފްލާގެ އިތުރުން، ފާތިމަތު ސައުސަން، މ. ވެންކޫވަރ އަދި ޑރ. މުހައްމަދު އިބްރާހީމް، ޖަވާހިރުއައްސޭރި، އދ. މާމިގިލި އެވެ. އެލިސްޓްގެ ކުރީގައި އޮތީ ސައުސަންގެ ނަމެވެ.

މީގެކުރީން ކޮމެޓީން އާންމުގޮތެއް ފާސްކުރަނީ ރައީސް އިސްކަން ދެއްވާ ތަރުތީބުން ލިސްޓްގެ ކުރީގައި އޮންނަ ނަމެކެވެ. ނަމަވެސް މިފަހަރު މަޖިލިސްގެ މިނިވަން މުވައްސަސާތަކުގެ ކޮމެޓީން ފާސްކޮށް، ތަޅުމަށް ފޮނުވީ ލިސްޓްގެ ދެވަނާގައި އޮތް ޝިފްލާގެ ނަމެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެ މަގާމަށް އައްޔަނުކުރަން ޝިފްލާގެ ނަން ރައީސް ޞާލިޙް މަޖިލީހަށް ހުށަހެޅުއްވި އެވެ.

ޖާނަލިޒަމްގެ ދާއިރާއާއި ޑިގްރީއާއި މާސްޓާސް ވެސް ހާސިލްކުރައްވާފައިވާ ޝިފްލާ މިހާރު ހުންނެވީ ޕާޓްޓައިމްކޮށް ސަންގު ޓީވީގައި ނިއުސް އޭންކަރެެއްގެ ވަޒީފާގަ އެވެ.

ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ބްރޯކޮމްގެ ރައީސް ކަމުގައި ހުންނަވަނީ މަރިޔަމް ވަހީދާއެވެ. އަދި ކޮމިޝަންގެ ނައިބު ރައީސްއަކީ އަހުމަދު ގައިސްއެވެ. ދެން އެ ކޮމިޝަންގައި ތިއްބެވީ އަލީ ޔޫސުފު، އައިމިނަތު އަމީނާގެ އިތުރުން އަމްޖަދު ވަހީދު އަދި މުޙައްމަދު ފަޒީނެވެ.

ބްރޯޑްކޮމްގެ މެމްބަރުންގެ ދައުރަކީ ފަސް އަހަރެވެ.