ކުރީގެ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް، މަޖިލީހުގެ އިމްތިޔާޒް އަދި ސްލޫކު ކޮމެޓީއަށް އޮޅުވާލާފައިކަމަށާއި، އަދި ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ބިރު ދެއްކެވި ކަމަށް ވިދާޅުވެ އޭނާ ދެއްކެވީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އެ ކޮމެޓީން ނިންމައިފިއެވެ.

މިއަދުގެ މަޖިލިސް ޖަލްސާއަށް ވަނީ އިމްތިޔާޒް އަދި ސްލޫކު ކޮމެޓީން އެ މަސައްލަ ދިރާސާކުރެއްވި ގޮތުގެ ރިޕޯޓް ހުށަހަޅުއްވާފަ އެވެ. މަލީހް ދެއްކެވި ވާހަކަތަކުގެ ހަގީގަތް ހޯދައި ބަލައިދިނުމަށް އެ ކޮމެޓީއަށް ހުށަހެޅުއްވީ، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއެވެ.

Ad
rt

ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ބިރު ދެއްކެވި ކަމަށް މަލީހް ވިދާޅުވެފައިވަނީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި މަޖިލީހަށް ޖަވާބުދާރީވަމުން ދެއްކެވި ވާހަކަފުޅުގަ އެވެ. އެމައްސަލަ ކުރިއަށް ގެންގޮސްފައި ވަނީ މިއަހަރުގެ މާރިޗްމަހުގެ ފުރަތަމަ ދުވަހުއެވެ.

އިމްތިޔާޒް ކޮމެޓީގެ ރިޕޯޓްގައިވާ ގޮތުން ކޮމިޓީއަށް މަލީހް ހާޒިރުކޮށް އޭނާއާ ކޮމިޓީގެ މެންބަރުން އަމާޒު ކުރި ސުވާލުތަކަށް ޖަވާބު ދެއްވާފައިނުވާތީ އޭނާ ކޮމިޓީއަށް އޮޅުވާލާފައިވާ ކަމަށް ވަނީ ނިންމާފަ އެވެ. އެ ނިންމުން ފާސްކުރީ، ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހަ މެންބަރުންގެ އިއްތިފާގުން ނެވެ.

މަލީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ދިޔަ ޖަލްސާގައި ވާހަކަ ދެއްކެވި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ހަރަކާތްތައް ރޭވުމުގައި ދައުލަތުގެ ކާރު ފަދަ ވަސީލަތްތައް މަލީހު ބޭނުން ކުރައްވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. ނަމަވެސް މަލީހްގެ އިތުބާރު ނެތް ކަމުގެ މައްސަަލައިގެ ޤަރާރުގައި ފާހަގަކުރައްވާފައިވަނީ މަލީހްގެ ވުޒާރާއިން ފަރުމާކުރަން ޖެހޭ ޤަވާއިދުތަކެއް ނުނިމޭތީއާއި މުވާސަލާތީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރަން މަލީހް އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމުގައެވެ. މަލީހް ވަނީ މި ކަންކަމަށް އިންކާރު ކުރައްވައި ދިފާއުގައި މަޖިލިސްގައި ވާހަކަ ދައްކަވާފަ އެވެ.

މިރިޕޯޓްގައި ވަނީ އިމްތިޔާޒު ގާނޫނުގެ ބައެއް މާއްދާތައް ފާހަގަކޮށް މުޅި މަޖިލީހަށް ނުވަތަ ކޮމިޓީއަށް ގަސްދުގައި ކަމެއް އޮޅުވާލުމަކީ ކުށެއް ކަމަށް ބުނެފަ އެވެ. އަދި އެފަދަ ކުށެއް ކުރި މީހެއްގެ އަދަބަކީ 3،000 ރުފިޔާއާއި 10،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ތިން މަސް ދުވަހާއި ހަމަސް ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. މަޖިލީހުގެ ބާރުތަކާއި އިމްތިޔާޒުތަކަށް އުނިކަން އަންނަ ކަންކަމާމެދު ފިޔަވަޅު އަޅާނީ އެ މައްސަލައެއް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ހުށަހަޅައިގެން ޝަރީއަތް މެދުވެރިކޮށް ކަމަށްވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.

މަލީހްގެ މަގާމު ގެއްލި ވަޑައިގަތުމާ ގުޅިފައިވަނީ ޒާތީ ތައައްސުބުކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމުގެ އަސްލަކީ ވީޓީވެ "ގޮނޑިކޮޅު" ޕްރޮގްރާމްގައި އޭނާ ބަރުލަމާނީ ނިޒާމާދެކޮޅަށް ވާހަކަ ދެއްކެވި ދެއްކެވުން ޖަހަމް ނުވުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެ މައްސަލާގެ ދިފާއުގައި މަޖިލިސް ތަޅުމުގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ އެ ހުށަހެޅުމަކީ ހުށަހެޅުމުގައި ވެސް ބާޠިލްއެއްޗެއްކަމަށް ވިދާޅުވެ، އޭނާ ވިދާޅުވީ އެ މައްސަލަ ބާޠިލްކޮށްދޭން މަޖިލިސްއަށް ސިޓީއަކުން ދެންނެވި ކަމަށާއި، މަޖިލިސް ތަޅުމަށް އޭނާ ވަޑައިގަތުމާއި ހަމައަށް ވެސް އެ ސިޓީއަށް އެއްވެސް ޖަވާބެއް ވެސް ދީފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެދުވަހު ވެސް އޭނާ ވަނީ ބިރު ނުދެއްކޭނެ ކަމަށާއި، ހަކުރާގޭ ފެންޑާގައި އެކޮކޮޅުން އެލުވިޔަސް މާއްދާ ހަތާވީހުގެ ބޭނުން ހިއްޕަވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރަށްވާފަ އެވެ.

މަލީހް މިހާރު ވެސް ގެންދަވަނީ މީސް މީޑިއާ މެދުވެރިކުރަށްވާ ފިލާވަޅު ނަންގަވައި ދެއްވަމުން، ސަރުކާރަށާއި މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ހުއްޓުމެއްނެތި ފާޑު ވިދާޅުވަމުންނެވެ.