ކުރިއާ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 4.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ބުނެފިއެވެ.
މި ތަކެއްޗަކީ ތަފާތު ދެ ފަހަރެއްގެ މަތިން ރާއްޖެ އެތެރެކުރަށް އުޅުނު މަސްތުވާތަކެތި ކަމަށް ކަސްޓަމްސް އިން ވިދާޅުވެއެވެ.
މިތަކެތި އަތުލައިގަނެވިފައިވަނީ އިއްޔެ ކުރިއާ މަގުން ރާއްޖެ އައި ޕާރްސަލްތަކެއް ބަލައި ފާސްކުރަނިކޮށް ކަމަށް ވެސް ކަސްޓަމްސް އިން ވަނީ މައުލޫމާތު ދެއްވާފަ އެވެ.
މިގޮތުން ކަސްޓަމްސްއިން އަތުލައިގަނެފައިވަނީ ޖަމައިކާ އާއި ނައިޖީރިއާ އިން އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކެއިން އެވެ.
ނައިޖީރިއާ އިން އެތެރެކުރީ 1.32 ކިލޯގްރާމް ކޮކެއިން އެވެ. ޖަމައިކާ އިން އެތެރެކޮށްފައިވަނީ 547 ގްރާމް ކޮކެއިން އެވެ.
ކަސްޓަމްސް އިން ވިދާޅުވީ އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ އަގު 4،737،000 ރުފިޔާ އަށް އަރާ ކަމަށާއި އެ ތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!