ރާއްޖެ އާއި ސްޕެއިންގެ ވެރިރަށް މެޑްރިޑާ ދެމެދު ސީދާ ދަތުރުތައް ބާއްވަން ސްޕެއިންގެ އެއާލައިނެއް ކަމަށްވާ އައިބީރިއާ އެއާލައިނުން ނިންމައިފި އެވެ.
ހޫނު މޫސުމާ ދިމާކޮށް ފަށާ މިދަތުރުތައް އަންނަ ޖުލައި މަހުން ފެށިގެން އޮގަސްޓްގެ ނިޔަލަށް ކޮންމެ ހަފްތާއަކު 2 ދަތުރު ބާއްވާނެކަމަށް އައިބީރިއާ އެއާލައިނުން ވަނީ އިއުލާންކޮށްފައިވެއެވެ.
އައިބީރިއާ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމިކަން ހާމަކުރައްވަމުން އެ އެއާލައިންގެ އެގްޒެކެޓިވް ޗެއާމަން ހަވިއޭރު ސަންޗޭޒް ޕްރިއެޓޯ ވިދާޅުވެފައި ވަނީ، ރާއްޖެ އަށް ދަތުރުތައް ފަށަން ނިންމީ ޖެހިޖެހިގެން ދެ މޫސުން ބޭކާރު ވިޔަ ނުދިނުމަށެވެ. އަދި ރާއްޖެ އަށް ދަތުރުތައް ފެށުމުން އެ ކުންފުންޏަށާއި ޓްރެވަލް އިންޑަސްޓްރީގެ ވިޔަފާރިތަކަށް ވެސް ފައިދާ ވާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ސްޕެއިންގެ އައިބީރިއާ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމާފައިވާއިރު، ކޯވިޑާއި ގުޅިގެން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމަށް ލުއިގޮތްތަކެއް ސަރުކާރުން ވަނީ ފަހިކޮށްދީފަ އެވެ. މިގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެންމެ ފަހުން އާންމުކުރި އުސޫލްގެ ދަށުން ކޯވިޑް-19ގެ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށް، ދެ ހަފުތާ ވެފައިވާ ޓޫރިސްޓުންނަށް މިހާރު ޕީސީއާރު ޓެސްޓަކާ ނުލައި ރާއްޖެ އަށް ދަތުރު ކުރެވޭނެ އެވެ.
ސްޕެއިންއަކީ ވެސް ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު މާކެޓެއް ކަމަށްވާއިރު، މި އަހަރުގެ އޭޕްރިލް މަހުގެ 15 ގެ ނިޔަލަށް 4،024 ފަތުރުވެރިން ވަނީ އެ ގައުމުން ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ ގައުމުން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 3،903 ފަތުރުވެރިންނެވެ. މި އަދަދުން އެ ގައުމުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރުވަމުން އަންނަކަން އަންގައި ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!