ދިވެހި ދަނޑުވެރިން ހާއްސަކޮށްގެން އެސްޓީއޯއިން "އެގްރިސެންޓާ" ގެ ނަމުގައި ސެންޓަރެއް ހުޅުވައިފިއެވެ.
މި ސެންޓަރު ހުޅުއްވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ. މި ސެންޓަރު ހުޅުވާފައިވަނީ އެސްޓީއޯގެ ކުރީގެ ސިމެންތި ގުދަން ހުރި ތަނުގައެވެ.
އެގްރި ސެންޓަރަށް ތަކެތި ވިއްކޭނީ ހަމައެކަނި އެ ސެންޓަރުގައި ރަޖިސްޓްރީވެފައިވާ ދަނޑުވެރިންނަށެވެ. މިހާތަނަށް 200އެއްހާ ދަނޑުވެރިން ވަނީ މި ސެންޓަރުގައިރަޖިސްޓްރީވެފައެވެ.
އަމްރު ވިދާޅުވީ މި ސެންޓަރަކީ ރާއްޖޭގެ ދަނޑުވެރިންނަށް ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަމުގެ ވިޔަފާރި ކުރުމުގެ ފުރުސަތު ހޯދައި ދިނުމަށް ހުޅުވި ސެންޓަރެއް ކަމަށެވެ. މި ސެންޓަރު މެދުވެރިކޮށް ދަނޑުވެރިންނަށް އެންމެ ހަމަ އަގުގައި ތަކެތި ވިއްކާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގްރޯ ސެންޓަރުން ގަންނަ ތަކެތި ވިއްކާނީ ހޯލްސޭލްކޮށް ރިސޯޓުތަކަށް ކަމަށް އަމްރު ވިދާޅުވިއެވެ. މިކަމުގައި ރިސޯޓުތަކުގެ އެއްބާރުލުން ލިބޭނެ ކަމަށް ވެސް އޭނާވިދާޅުވިއެވެ.
އެސްޓީއޯ އެގްރިސެންޓަރުން ވަނީ އެ ސެންޓަރުން ގަންނާނެ 15 ބާވަތަކާއި އެ ބާވަތްތައް ގަންނާނެ އެންމެ ކުޑަ އަގެއްވެސް ކަނޑައަޅައިފައެވެ. މި އަގުތައްކަނޑައެޅުމުގައި ދަނޑުވެރިންނާ މަޝްވަރާކޮށް މާލޭގެ މާރުކޭޓުން ތަކެތި ލިބެން ހުރި އަގުތަކަށް ބަލާފައިވާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯއިން ދަނޑުވެރިން އަތުން ގަންނަ ތަކެތި
- ކަރާ ކިލޯއެއް 22ރ.
- ކެޕްސިކަމް ކިލޯއެއް 65ރ.
- ޓޮމާޓޯ ކިލޯއެއް 20ރ.
- ކައްޓަލަ ކިލޯއެއް 50ރ.
- ދަނޑި އަލުވި ކިލޯއެއް 50ރ.
- ކިޔުކަމްބާ ކިލޯއެއް 32ރ.
- މެލަން ކިލޯއެއް 35ރ.
- ލެޓިއުސް ކިލޯއެއް 90ރ.
- ޗައިނީޒް ކެބެޖް ކިލޯއެއް 70ރ.
- ބީންސް ކިލޯއެއް 50ރ.
- ބަށި ކިލޯއެއް 55ރ.
- ބަރަބޯ ކިލޯއެއް 30ރ.
- ބަޓާނާ ކިލޯއެއް 40ރ.
- ފަތްކެޔޮ ކޮލޯއެއް 32ރ.
- މިރުސް ( އަގު އަދި ކަނޑަނާޅައި)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!