މަސް ނިމޭއިރު ފޯނުގައި ބާކީ ހުންނަ ޑޭޓާ ޖެހިގެން އަންނަ މަހުގައި ވެސް ބޭނުން ކުރެވޭ ގޮތް އުރީދޫން ހަދައިފިއެވެ.

ނޫސްވެރިންނާ މިއަދު ބައްދަލު ކުރައްވައި، އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، މި ބަދަލު ގެނައީ މި މަހުން ފެށިގެން ކަމަށެވެ.

Ad
rt

އުރީދޫ ޕޯސްޓްޕެއިޑްގެ 600ރ. އިން މަތީގެ ޕެކޭޖުތަކުގައި ބާކީ ހުންނަ ޑޭޓާ މިހާރު އަނެއް މަހުގައި ވެސް ބޭނުން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ މިއީ ގިނަ ދިރާސާތަކެއް ކުރުމަށް ފަހު ގެނައި ބަދަލެއް ކަމަށެވެ.

ޕޯސްޓްޕެއިޑްގެ 600ރ. އިން ދަށުގެ ޕެކޭޖުތަކަށާއި ސުޕަނެޓް ޕެކޭޖުތަކަށް މި ހިދުމަތް ނުދެނީ މަސް ނިމޭއިރު އެ ޕެކޭޖުތަކުގައި އިތުރު ޑޭޓާ ނުހުންނާތީ ކަމަށް ވެސްއޭނާ ވިދާޅުވިއެވެ.

އުރީދޫގެ ޕޯސްޓްޕެއިޑް ދެ ޕްލޭން ކަމަށްވާ "ވަރަށް ތަފާތު" އަދި "އެކު"ގެ ޕެކޭޖުތަކުގެ ތެރެއިން 600ރ. އިން މަތީގެ ޕެކޭޖުތަކަށް މި ހިދުމަތް ލިބޭނެއެވެ.