މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުން ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީއަށް އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު ސިޓީއަކަށް ހދ. ކުޅުދުއްފުށި ސިޓީ ވެއްޖެ އެވެ.

އިލެކްޝަން ކޮމިޝަންއިން އާންމުކޮށްފައިވާ ވަގުތީ ނަތީޖައިން މިހާރު ދައްކާ ގޮތުން އެސިޓީގެ ހުރިހާ ގޮނޑިއެއް މިވަނީ އެމްޑީޕީއިން ކަށަވަރުކޮށްފަ އެވެ.

Ad
rt

މިއީ ކުޅުދުއްފުށީގެ ސިޓީ ކައުންސިލެއް އެކުލަވާލަން އިންތިހާބެއްވުނު ތާރީހީ އިންތިހާބެކެވެ. މީގެ ކުރިންވެސް ކުޅުދުއްފުށީ ކައުންސިލްގެ މެޖޯރިޓީ ނަގަމުން އައިސްފައިވަނީ އެމްޑީޕީއިންނެވެ.

މި އިންތިހާބުގައި ކުޅުދުއްފުށި ސިޓީއިން ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 6833 މީހަކަށެވެ. މޭޔަރުކަމަށް 4 ފަރާތަކުން ވާދަކޮށްފައިވެއެވެ.

އެގޮތުން އެމްޑީޕީއިން ވާދަކުރެއްވި މުޙައްމަދު އާތިފް އަށް 2138 ވޯޓް ލިބިފައިވާއިރު ޕީޕީއެމްއިން ވާދަކުރި އަބުދުﷲ އިގްބާލު އަށް ލިބިފައިވަނީ 1419 ވޯޓެވެ. އާދަމް ޝަރީފް މުހައްމަދު އަށް 137 ވޯޓް ލިބިފައިވާއިރު އަޙްމަދު ސައީދުއަށް ލިބިފައިވަނީ 139 ވޯޓެވެ. މިއީ މިހާތަނަށް ނަތީޖާ ލިބިފައިވާ 309 ފޮށީގެ ވަގުތީ ނަތީޖާ އެވެ.

އެންމެ ވާދަވެރިކޮން ނަތީޖާ ހަމަ ހަމަކޮން ދިޔަ ދާއިރާއެއްގެ ގޮތުގައި ފާހަގަ ކުރެވިގެން ދިއައީ ކުޅުދުއްފުށީ އަންހެނުންނަށް ހާއްސަކުރެވިފައިވާ މެދު އުތުރު ދާއިރާއެވެ. މީގެ ކުރިން ޕީޕީއެމްގެ ޓިކެޓްގައި ރަށު ކައުންސިލްއަށް އިންތިހާބުވި އައިމިނަތު މަޖީދާ މިފަހަރުގެ އިންތިހާބުގައި ވާދަކުރެއްވީ އެމްޑީޕީގެ ޓިކެޓްގަ އެވެ. ޕީޕީއެމް އާއި ވާދަކޮށް މަޖީދާ ކަށަވަރު ކުރެއްވީ 291 ވޯޓުންނެވެ. ޕީޕީއެމްއިން ވާދަކުރެއްވި އައިމިނަތު އަހަމްދު އަށް 284 ވޯޓު ލިބިފައިވާއިރު ނަތީޖާ ނުލިބި މިވަގުތައްވަނީ 3 ފޮއްޓެއްގެ ނަތީޖާ އެވެ. މަޖީދާ މިގޮނޑި ކަށަވަރު ކުރެއްވީ 7 ވޯޓުގެ ތަފާތުންނެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި މުހައްމަދު ދާއޫދު 444 ވޯޓު ހޯއްދަވާފައިވާއިރު އަމިއްލަ ގޮތުން ވާދަކުރެއްވި އަލީ ޝަކޫރުއަށް ލިބިފައިވަނީ 34 ވޯޓެވެ. އިިދިކޮޅު ޕީޕީއެމްއިން ވާދަކުރެއްވި އަޝްރަފް އަބްދުﷲ އަށް ލިބިފައިވަނީ 235 ވޯޓެވެ. މުހައްމަދު ދާއޫދު އާއި އަޝްރަފް ގެ ފަރަގު އުޅެނީ 209 ވޯޓުގެ ތަފާތުގަ އެވެ.

ސިޓީ ކައުންސިލް މެންބަރުންގެ މެދުގައި އެންމެ ބޮޑު ތަފާތަކުން ގޮނޑި ކާމިޔާބު ކުރެއްވީ ހުޅަނގު އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި އަޙްމަދު އަބްދުﷲ (ރޯޒޭ) އެވެ. ރޯޒޭއަށް 400 ވޯޓް ލިބިފައިވާއިރު އަމިއްލަ ގޮތުން ވާދަކުރެއްވި ސިފްނާ އަބްދުލްގަނީ އަށް ލިބިފައިވަނީ 101 ވޯޓެވެ. އަމިއްދަ ގޮތުން ވާދަކުރެއްވި ހަސަން އަލީއަށް ލިބުނީ 72 ވޯޓެވެ. މިދާއިރާއަށް ޕީޕީއެމް އިން ވާދަކުރެއްވި ކެނޑިޑޭޓުގެ ނަންވަނީ އަނބުރާ ގެންގޮސްފަ އެވެ.

އަންހެނުންނަށް ހާއްސަކުރެވިފައިވާ ދެވަނަ ގޮނޑިއަށް އިންތިހާބުވެފައިވަނީ އެމްޑީޕީއިން ވާދަ ކުރެއްވި އާތިފާ އަލީ އެވެ. އެއީ 374 ވޯޓުންނެވެ. ޕީޕީއެމް އިން ވާދަކުރެއްވި އާތިފާ އަލީއަށް ލިބިފައިވަނީ 269 ވޮޓެވެ. މިއީ އެއް ދާއިރާއަކަށް އެއްނަމެއް ކިޔާ ދެބޭފުޅުން ވާދަކުރެއްވި ދާއިރާއެވެ.

ހުޅަނގު ދެކުނުން 313 ވޯޓުން ކާމިޔާބު ކުރެއްވީ ރިލްވާން މުހައްމަދު އެވެ. އިރުދެކުނުން އަލީ މުހައްމަދު ކާމިޔާބް ކުރެއްވީ238 ވޯޓުންނެވެ. މިދެބޭފުޅުން ނަކީވެސް އެމްޑީޕީގެ2 ކެނޑިޑޭޓޫންނެވެ. މިއާއި އެކު ކުޅުދުއްފުށި ސިޓީގެ ފުލް މެޖޯރިޓީ މިވަނީ ވެރިކަންކުރާ އެމްޑީޕީއިން ނަގާފަ އެވެ.