ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ބާވަތްތައް، ރާއްޖޭގެ ރަށްރަށުގައި ވިއްކައިދިނުމުގެ މަސައްކަތް ކޮށްދޭނެ އޭޖެންޓުން ހޯދުމަށް އެކުންފުނިން އިއުލާނު ކޮށްފި އެވެ.

އެސް.ޓީ.އޯ އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެކުންފުނިން ވިއްކާ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ބާވަތްތައް އަތޮޅުތެރޭގެ ރަށްރަށުގައި ވިއްކުމުގެ މަސައްކަތް ކޮށްދޭނެ އޭޖެންޓުންނަށް ވުމުގެ ފުރުސަތު ހުޅުވާލާކަމަށެވެ. އެޖެންޓުން ނެގުމަށް މިވަގުތު ހަމަޖެހިފައިވަނީ ށ، ނ، ރ، ޅ، އއ، އދ، ވ، މ، ފ، ދ އަދި ތ އަތޮޅުގައިކަމަށް އެކުންފުނިން ބުނެއެވެ. ކޮންމެ އަތޮޅަކުން ނެގުމަށް ހަމަޖެހިފައި ވަނީ 02 (ދޭއް) އޭޖެންޓެވެ. އެޖެންޓު ކަމަށް އެދި ހުށަހަޅާ ކޮންމެ ފަރާތަކަށްވެސް ބީލަން ހުށަހެޅޭނީ ގިނަވެގެން 02 (ދޭއް) އަތޮޅަށެވެ.

Ad
rt

އެޖެންޓުން ކުރަންޖެހޭ މަސައްކަތްކަމަށް އެސް.ޓީ.އޯ އިން ބުނެފައިވަނީ އެކުންފުނިން ވިއްކާ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ބާވަތްތައް ކަނޑައެޅިފައިވާ އަތޮޅުތަކުގައި ވިއްކުމުގެ ހިދުމަތް ދިނުންކަމަށެވެ.

އޭޖެންޓުގެ ގޮތުގައި އައްޔަންކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމާއިބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރި ތަކެވެ.

އެޖެންޓުން ގޮތުގައި ރަޖިސްޓަރީ ކުރަން ހަމަޖެހިފައިވަނީ ބޭނުންވާ ފަރާތްތަކުން، 2021 އޭޕްރީލް 18 ވަނަ ދުވަހު 1400 ގެ ކުރިން އީމެއިލް އެޑްރެސް tenders@sto.mv މެދުވެރިކޮށް ރަޖިސްޓްރީ ކުރަން އެދެއެވެ.

ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާއިރު، އެޖެންޓަކަށް ވުމަށް އެދިލައްވާ އަތޮޅު ހިމަނަންވާނެކަމަށާއި އަދި ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެކަމަށް އެކުންފުނިން ބުނެފައިވެއެވެ.