މ. މުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އާއި އެރަށުގައި ތަރައްގީކުރާ މިފްކޯ މަސް ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
މުލަކުގަައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއުތައް ފައްޓާވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރެވެ. މިރަސްމިއްޔާތުގައި އެމްޓީސީސީގެ އިސްވެރިންނާއި މުލަކުގެ ކައުންސިލުގެ ރައީސް މުހައްމަދު އިބްރާހިމް އާއި ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ބައިވެރިވެވަޑައިގެންނެވިއެވެ.
މުލަށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގައި ސޮއިކުރީ މިދިޔަ މާޗު މަހުގެ 29 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން 411.90 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގްރިވެޓްމަންޓް ޖެހުން ހިމެނެއެވެ.
މި މަޝްރޫއަށް 17.66 މިލިއަން ރުފިޔާ ހޭދަވާއިރު މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 105 ދުވަސް ތެރޭގައެވެ.
މަސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގައި ސޮއިކުރީ މިދިޔަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ. މިއީ ޖުމުލަ 56.13 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން 22،240 އަކަ މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 8،640 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 160 މީޓަރުގެސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 68.90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓު ޖެހުމާއި 3،200 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!