މ. މުލީގައި ތަރައްގީކުރާ ޑޮމެސްޓިކް އެއާޕޯޓުގެ އަމަލީ މަސައްކަތް (މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ފަށައިފިއެވެ.
މީމު އެއާޕޯޓުގެ ނަމުން ނަން ދީފައިވާ މި އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގައި ސޮއިކުރީ މިއަހަރުގެ ފެބްރުއަރީ 28 ގައެވެ. މިއީ 221.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެ މަސައްކަތް ފެށުމަށް މުލީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި އެ ކުންފުނީގެ އިސްވެރިންގެ އިތުރުން ދިއްގަރު ދާއިރާގެމެމްބަރު އިކްރާމް ހަސަން އާއި މ. މުލި ކައުންސިލުގެ ރައީސް އަހުމަދު ޝާތިރު އާއި މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މުލީ އެއާޕޯޓް މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކުމާއި 1812 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރާނެ އެވެ. އަދި 1200 މީޓަރު ދިގު 30 މީޓަރުފުޅާ ރަންވޭއެއް ގާއިމުކޮށް، ޓެކްސީވޭ އަކާއި އޭޕްރަންއެއް އެޅުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 20 މިނެޓުން ދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ މި ސަރުކާރުގެ ވައުދެކެވެ. މިހާރު ރާއްޖޭގައި ތިން އިންޓަނޭޝަނަލް އެއާޕޯޓާއެކު 14 އެއާޕޯޓެއް ވަނީ ތަރައްގީ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!