މަސްނިމޭއިރު ބާކީ ހުންނަ ޑޭޓާ ބޭނުންކުރެވޭ ގޮތުގެ އުސޫލެއް ހަދައި މިމަހު އެއަށް އަމަލު ކުރާނެ ކަމަށް އުރީދޫ އިން ބުނެފިއެވެ.
ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވީ މަސް ނިމޭއިރު ހުންނަ ޑޭޓާ އަނެއް މަސްފެށެންވާއިރަށް ކެނޑޭޭތީ ހުރިހާ ކަސްޓަމަރުންވެސް ޝަކުވާ ކުރާކަމަަށެވެ. އެހެކަންކަމުން އެ މައްސަލައަށް ހައްލު ހޯދައިދެއްވާނެ އޭނާ ވިދާޅުވިއެވެ.
ނިޔާޒު ވިދާޅުވީ މަހުގެ ބާކީ ހުންނަ ޑޭޓާ ބޭނުން ކުރެވޭނެ ގޮތުގެ އުސޫލެއް މިހާރު ހަދާފައިވާ ކަމަށެވެ. އަދި އެ އުސޫލަށް މިމަހު އަމަލު ކުރަން ފަށާނެ ކަމަށް ވެސް އޭނާވިދާޅުވިއެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.
މަސް ނިމޭއިރު ބާކީވާ ޑޭޓާ އަނެއް މަސް ފެށެންވާއިރަށް ބޭނުން ނުކުރެވޭ މައްސަލާގައި ވަރަށް ގިނަ މީހުން އަންނަނީ ޝަކުވާ ކުރަމުންނެވެ. އެގޮތުން، މިއީ ފައިސާދީގެން ގަނެފައިވާ އެއްޗަކަށްވާއިރު އެ ބޭނުން ނުކުރެވޭ ގޮތް ހެދޭނެ އެއްވެސް ބާރެއް މުއާސަލާތީ ހިދުމަތްދޭ ކުންފުންޏަކަށް އޮވެގެން ނުވާނެ ކަމަށް ގިނަ ބަޔަކުބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!