ސްޓެލްކޯގެ "ގްރީން ލައިފް" އިނީޝިއޭޓިވްގެ ދަށުން ހެޔޮ އަގުގަ އާއި އިންސްޓޯލްމަންޓަށް ސޯލާ ޕަވާ ސިސްޓަމްތައް ދޫކުރަން ފަށައިފިއެވެ.
މިއީ އިރުގެ އަލިން އުފައްދާ ހަކަތަ އިތުރުކޮށް ކަރަންޓު ފޯރުކޮށްދިނުމަށް އަންދާ ތެލުގެ އަދަދު މަދު ކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. ސްޓެލްކޯއިން މިސިސްޓަމްތައް ލިބެން ހުންނަނީ 30،000ރ. އަށެވެ. އެހެން ނަމަވެސް އެ ކުންފުނީގެ ކަސްޓަމަރުންނަށް ލުއި ގޮތެއް ހޯދައިދިނުމަށް ހަތް އަހަރާ ހަމައަށްއިންސްޓޯލްމަންޓަށް ވެސް މި ސިސްޓަމްތައް ނެގޭނެއެވެ.
އިންސްޓޯލްމަންޓަށް ނަގާ ނަމަ ކޮންމެ ސިސްޓަމެއް ލިބޭނީ 5000ރ. ގެ ޑައުން ޕޭމަންޓެއް ދެއްކުމުންނެވެ. ޑައުން ޕޭމަންޓަށް ދައްކަން ޖެހޭ އަދަދު ބޮޑުވި ނަމަވެސްއިންސްޓޯލްމަންޓަށް ނަގާ ނަމަ ކަސްޓަމަރުގެ އަތުން ދާނީ ހަމައެކަނި 5000ރ. އެވެ. ނަމަވެސް އެއްފަހަރާ ފައިސާ ދައްކައިގެން ނަގާ ނަމަ އެއަށްވުރެ ބޮޑު އަދަދެއްކަސްޓަމަރުގެ އަތުން ހޭދަވާނެއެވެ.
ސްޓެލްކޯއިން ބޮޑަށް ބާރު އަޅަނީ ކަރަންޓު ބިލަށް 2000ރ. ނުވަތަ އެއަށްވުރެ ބޮޑު އަދަދެއް އަރާ ނަމަ އެ ފަދަ ކަސްޓަމަރުން އިންސްޓޯލްމަންޓަށް ސިސްޓަމްތައްނެގުމަށެވެ. އެއީ އޭގެ ސަބަބުން ކަސްޓަމަރަށް ބޮޑެތި ފައިދާތަކެއް ވާތީއެވެ.
ހަތް އަހަރަށް ސޯލާ ޕަވާ ސިސްޓަމެއް ނަގާ ނަމަ ޑައުން ޕޭމަންޓަށް 5000ރ. ދެއްކުމަށްފަހު ކޮންމެ މަހަކު ދައްކަން ޖެހޭނީ 485ރ. އެވެ. މިއަދަދު ކަސްޓަމަރުގެ ބިލުގެތެރެއެއަށް އިތުރުވި ނަމަވެސް ސޯލާ ޕެނަލް ހަރު ކުރުމަށްފަހު މި އަދަދު ކަސްޓަމަރުން ދައްކާކަށް ނުޖެހޭނެއެވެ. މި އަދަދު ކެނޑިގެންދާނީ ސޯލާ ޕެނަލުން އުފައްދާހަކަތައިންނެވެ.
ސްޓެލްކޯއިން ސޯލާ ޕަވާ ސިސްޓަމްތައް އިންސްޓޯލްމަންޓަށް ނަގަން ބޭނުންވާނަމަ އެ މީހާއަކީ ގޭގެ ވެރިފަރާތައް ނުވަތަ ގޭގެ ވެރިފަރާތު ހުއްދައާއެކު ފޯމު ލާ މީހަކަށްވާން ޖެހޭނެއެވެ. އަދި މި ސިސްޓަމްތައް ހަރު ކުރާ ފުރާޅަކީ މަދުވެގެން 100 އަކަ ފޫޓުގެ ޖާގަ ހުރި ފުރާޅަކަށް ވާން ޖެހޭނެ އެވެ.
މި ހިދުމަތާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ މީހުންނަށް ހަފްތާ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 3:30 އަށް ސްޓެލްކޯގެހޮޓްލައިން 3338181 އަށް ގުޅައިގެން މައުލޫމާތު ސާފު ކުރެވޭނެ އެވެ. މީގެ އިތުރުން sales@stelco.com.mv މެދުވެރިކޮށްވެސް ސޯލާގެ މައުލޫމާތު ލިބޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!