ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން ފުރަތަމަ ފަހަރަށް އެއް މަސް ދުވަހުގެ ތެރޭގައި އެއްލައްކަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.
ކޮވިޑް-19ގެ ކުރިން ކޮންމެ މަހަކުވެސް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން މިއަދަދު ވަނީވަރަށް ބޮޑަށް ދަށްވެފައެވެ.
މި މަހުގެ އެއްލައްކަވަނަ ފަތުރުވެރިޔާގެ ގޮތުގައި ރާއްޖެއަށް އައީ މިސްރުގެ ހަނާ މުހައްމަދު އަހުމަދެވެ. އޭނާ ރާއްޖެއައީ ފިރިމީހާ ކަމަލް މުސްތަފާއާއެކު ހަނީމޫންހޭދަކޮށްލުމަށެވެ.
އެމިރޭޓްސް އިން ރާއްޖެ އައި، މި ދެމަފިރިން ޗުއްޓީ ހޭދަ ކުރަނީ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުގައެވެ. މި ރިސޯޓުގައި އެ ދެމަފިރިން ފަސްދުވަސް ހޭދަ ކުރާނެ އެވެ. މިއީ އެ ދެމަފިރިން ރާއްޖެ އަށް ކުރާ ފުރަތަމަ ދަތުރެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވަނީ އެ ދެމަފިރިންނަށް މަރުހަބާ ކިޔުނުގެ ގޮތުން މޯލްޑިވްސް ބޯޑާ މައިލްސްގެ "އައިދަ" ދަރަޖަ އެ ދެމަފިރިންނަށް އަރުވައިފައެވެ. މިއީ 500 ޕޮއިންޓް ހަމަ ކުރާ ފަތުރުވެރިންނަށް ދޭ ދަރަޖައެކެވެ.
ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފައިވާ ގޮތުގައި މިއަހަރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ ޒިޔާރަތް ކުރާނެ އެވެ.
އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މި އަހަރުގެ ޖެނުއަރީ މަހު 92،103 ފަތުރުވެރިން އައި އިރު ފެބްރުއަރީ މަހު އައީ 96،882 ފަތުރުވެރިންނެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް،، އަލުން ހުޅުވި ފަހުން މިހާތަނަށް 692 ޓޫރިސްޓު ފެސިލިޓީއަކުން ވަނީ ހިދުމަތް ދޭން ފަށައިފަ އެވެ. މީގެ ތެރޭގައި150 ރިސޯޓަކާއި 394 ގެސްޓު ހައުސް އާއި 137 ސަފާރީ އަދި 11 ހޮޓެލް ހިމެނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!