މިހާރު އެންމެ ބޮޑަށް ދެކެވޭ ވާހަކައަކީ ޔޫރަޕާއި އޭޝިއާއާ ދެމެދު ކާގޯ ބޯޓުތަކުން ދަތުރު ކުރާ ސުއޭޒް ކެނަލްގައި ބޯޓެއް ތާށިވެ އެ ސަރަހައްދު ބްލޮކްވެފައިވާ ވާހަކައެވެ.
މީގެ ސަބަބުން ތާށިވެފައި އޮތް ބޯޓަށް އެކަނި 6 ބިލިއަނާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ ގެއްލުމެއްވާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.
ސުއޭޒް ކެނަލް ހަދާފައިވަނީ ޔޫރަޕާއި އޭޝިއާއާ ދެމެދު ކުރާ ކާގޯ ދަތުރުފަތުރުތައް އަވަސްކުރުމަށެވެ. އެހެން ނޫންނަމަ ބޯޓުތައް އަންނަން ޖެހޭނީ އެފްރިކާ ބައްރު އެއްކޮށް ވަށާލުމަށްފަހު ދިގު ދަތުރެއްކޮށްގެންނެވެ. ބައެއް ބޯޓުތަކުން ވަނީ ބޯޓު ތާށިވުމާ ގުޅިގެން މި ރޫޓު ހިޔާރުކުރަން ފަށައިފައެވެ.
މިއީ ސުއޭޒް ކެނަލް ބްލޮކްވި ފުރަތަމަ ފަހަރެއް ނޫނެވެ. 1956 ވަނަ އަހަރުވެސް އެތަން ބްލޮކް ކުރިއެވެ. ނަމަވެސް އެ ފަހަރު ކާގޯ ބޯޓެއްގެ ވެރިޔަކު މުއްސަނދިވި ވާހަކަ އެނގޭ ހެއްޔެވެ؟
ގްރީސްއަށް ނިސްބަތްވާ ޝިޕިން ވިޔަފާރިވެރިޔާ އެރިސްޓޮޓަލް އޮނެސިސް އެންމެ ފުރަތަމަ ބޭނުންވަނީ ސައުދީން އުފައްދާ ތެޔޮ ދުނިޔޭގެ އެހެން ގައުމުތަކަށް ޝިޕް ކޮށްދިނުމުގެ އެކްސްކްލޫސިވް ހުއްދައެވެ. މި ހުއްދަ ހޯދުމަށް އޭނާ ގިނަ އަދަދެއްގެ ކާގޯ ބޯޓުތައް ގަތެވެ. ނަމަވެސް ސައުދީގެ ތެޔޮ އެމެރިކާއަށް ގެންދިއުމުގެ ހުއްދަ އޭނާއަށް ނުދިނުމުން އެ އިންވެސްޓްމަންޓް ވެގެންދިޔައީ ބޮޑު ގެއްލުމަކަށެވެ.
މިއާއެކު ސައުދީންވެސް ވަނީ އޮނޭސިސްއާއެކު ހެދި އެއްބަސްވުން އުވާލުމަށްފަހު އޭނާއަށް ތެޔޮ ދިނުން ހުއްޓާލައިފައެވެ. މީގެ ސަބަބުން އޭނާ އިންވެސްޓުކޮށްގެން ގަތް ހުރިހާ ބޯޓުތަކެއް ރެޑްސީގައި މަސައްކަތެއް ނެތި ބާއްވަން ޖެހުނެވެ. ލިބުނު ގެއްލުމުގެ ބޮޑުކަމުން ލޯނުތައް ނުދެއްކި ބޯޓުތައް ވިއްކާލަންވެސް އޭނާ ވިސްނިއެވެ.
ނަމަވެސް 1956ވަނަ އަހަރު އިސްރާއީލުން ސިނާއީ އާއި ގާޒާއަށް އަތް ގަދަ ކުރުމުން މިސްރުން ސުއޭޒް ކެނަލް ބަންދު ކުރިއެވެ. ދުނިޔޭގެ ޝިޕިން ވިޔަފާރީގެ އެންމެ މުހިންމު އެ ރޫޓު އޮތީ މީގެ ސަބަބުން 6 މަސް ދުވަސް ވަންދެން ބަންދުކޮށްފައެވެ.
ސުއޭޒް ކެނަލް ބަންދު ކުރުމުގެ ސަބަބުން މިހާރެކޭ އެއްގޮތަށް ބޯޓުތަކަށް ޖެހުނީ އެފްރިކާ ބައްރު ވަށާލައިގެން ދަތުރު ކުރާށެވެ. ނަމަވެސް މި ރޫޓު ދިގުކަމުން ޑިމާންޑާއެއްވަރަށް މުދާ ތަންތަނަށް ގެންދާނެ ޓޭންކަރުތައް އޮތީ މަދުވެފައެވެ.
ދުނިޔޭގެ ވިޔަފާރިއަށް ގިނަ ބޯޓުތަކެއް ބޭނުންވެފައި އޮތް މި ހާލަތުގައި އެންމެ ގިނަ ބޯޓުތަކެއް ހުރީ އޮނޭސިސްއަތުގައެވެ. އެއްގޮތަކަށް ބޭނުން ނުކޮށް ހުރި ބޯޓުތަކުގެ ބޭނުން މުޅި ދުނިޔެއަށް ޖެހުނެވެ. އޭނާ އޭގެ ފައިދާ ރަނގަޅަށް ނަގައި ގެއްލުމުން އަރައިގަނެ ބޮޑު މުއްސަންޖަކަށްވީއެވެ.
އޭނާއަށް އެންމެ ބޮޑު ފައިދާއެއްވީ އޭނާގެ ބޯޓުތަކާ އެހެން ގައުމަކާއެކު ކޮންޓްރެކްޓެއް ހަދާފައި ނެތުމެވެ. އެހެންކަމުން އޭނާ ބޭނުން އަގެއްގައި ހިދުމަތް ދެވޭނެ މިނިވަންކަން އޭނާއަށް ލިބުނެވެ. އެހެން ގޮތަކަށް ބުނާނަމަ އޭނާއަށް ދުނިޔޭގެ ވިޔަފާރިތައް ކޮންޓްރޯލް ކުރުމުގެ ބާރު ލިބުނީއެވެ.
ބައެއް ދިރާސާތަކުން ދައްކާގޮތުގައި އޭރު އޮނޭސިސްއަށް އެންމެ ދަތުރަކުން 2 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބެއެވެ. 6 މަސް ފަހުން ސުއޭޒް ކެނަލް އަލުން ހުޅުވާލި އިރު އޭނާއަށް ވަނީ 70 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.
އޮނޭސިސްއަކީ މިހާރުވެސް ދުނިޔޭގައި އެންމެ ބޮޑު ޝިޕިން މެގްނެޓުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އޭނާއަކީ ދުނިޔޭގެ އެންމެ މުއްސަނދި އެކެކެވެ.
އޮނޭސިސްގެ ވާހަކަ ކުރުކޮށްލާއިރު، މިހާރު އިވިގެން މިދަނީ ސުއޭޒް ކެނަލްއަށް އަންގާރަދުވަހު ބީހުނު އާގުބޯޓު ފުންކުރެވިއްޖެ ޚަބަރެވެ. ބައިނަލްއަގްވާމީ ނޫސްތަކުން ބުނާގޮތުން 400 މީޓަރުގެ ދިގު "އެވަރގިވަން" ނަމަކަށް ކިޔާ ބޯޓު ފުންކޮށްފައިވަނީ މިސްރު ގަޑިން ފަތިހު 5:30 ހާއިރުއެވެ. އެއީ ރާއްޖެ ގަޑިން މިއަދު ހެނދުނު 8:30 ހާއިރުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!