މ. ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންމިއަދު ފަށައިފިއެވެ.

ދިއްގަރުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަނެވެ.

Ad
rt

މި މަޝްރޫއަށް 121.84 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީ އިން ލަފާ ކުރެއެވެ.

މި މަޝްރޫއުގެ ދަށުން ދިއްގަރުގައި 25 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އަދި ބޮޑު ހިލައިގެ ރިވެޓްމަންޓު ޖެހުމާއި ބޭރު ތޮށި ލުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

އެމްޓީސީސީއަކީ އެއްވަގުތެއްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަޝްރޫޢުތައް ހިންގަމުން އަންނަ ކުންފުންޏެކެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި ކުންފުންޏަށް ދިމާވާ ތަފާތު ގޮންޖެހުންތަކާއިއެކުވެސް، ކުންފުނީގެ އަމާޒަކީ ނިންމަން ކަނޑައަޅާފައި އޮންނަ
މުއްދަތަށް މަޝްރޫޢުތައް ނިންމުމެވެ.

މިގޮތުން އެމްޓީސީސީގެ 40 އަހަރުގެ ދިގު މާޒީގައި އެންމެ ގިނަ މަޝްރޫޢުތައް ނިންމި އަހަރަކީ 2020 ވަނަ އަހަރެވެ .އަދި މިހިނގާ 2021 ވަނަ އަހަރަކީވެސް ގިނަ މަޝްރޫޢުތަކެއް ނިންމާ ކާމިޔާބު އަހަރަކަށް ހެދުމަކީ އެކުންފުނީގެ އަމާޒެއްކަމަށް އެކުމްފުނިން ބުނެއެވެ.